03 މެއި 2020 - 17:11

އެމްޓީސީސީން އއ.ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.
އެ ކުންފުނިން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން 28،030 ކިއުބިކް މީޓަރަށް ކޮނުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ކުރި ކަމަށެވެ. މީގެ އިތުރުން 372 މީޓަރުގެ ތޮއްޓަކާއި ބްރޭކްވޯޓާ އާއި ރިވެޓްމެންޓްގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން މަގުމަތީ ލައިޓާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓެއް ވެސް ވަނީ އަޅައިފަ އެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ނިންމި މި މަސައްކަތަށް 47.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އަދި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ.
އެމްޓީސީސީން އަންނަނީ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު އެކުންފުނިން 50 އަށް ވުރެ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ.