03 މެއި 2020 - 16:54

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށް މޯލްޑިިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ން ހުޅުވި ރިލީފް ފަންޑަށް މިހާތަނަށް 190،000 ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ އާއި ވިލިލާމެ އާއި ހުޅުމާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ދުވަހު މުސާރަ އަށް މަސައްކަތް ކުުރަމުން ދިޔަ ބިދޭސީންނާއި އެހެނިހެން ވަޒީފާތައް އަދާކުރަމުން އައި ގިނަ ބިދޭސީންނެއްގެ ވަޒީފާ ގެއްލުނެވެ. ތޮއްޖެހިފައިވާ ތަންތަނުގައި ގިނަ ބިދޭސީން ބައިތިއްބާ އިރު، އެ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރުމުގެ ބިރު ވެސް ބޮޑެވެ. ވަޒީފާތައް ގެއްލި، އާމްދާނީ ހޯދާނެ މަގު ގެއްލުުމުން ގިނަ ބިދޭސީން ވަނީ ބަނޑަށް ޖެހިފަ އެވެ.
އެހެންވެ، ބިދޭސީންނަށް އެހީވުމަށްޓަކައި އެމްއާރްސީން ވަނީ މި މަހުގެ ފުރަތަމަ ދުވަހު "މައިގްރަންޓް ރިލީފް ފަންޑް" އެއް ހުޅުވައިފަ އެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި މީޑއާ ބްރީފިންގައި އެތަނުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، މިހާތަނަށް 190،000 ރުފިޔާ އެ ފަންޑަށް ލިބިފައިވާ ކަމަށެވެ. އެމްއާރްސީން ވަނީ 8،000 އަށް ވުރެ ގިނަ މީލް ޕެކް ވެސް ބިދޭސީންނަށް ފޯރުކޮށްދީފައި ކަމަށެވެ.
"މި ފަންޑަކީ މިހާރު ވެސް ދިވެހި ރެޑް ކްރެސެންޓުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވާފައިވާ ފަންޑެއް،" އަލީ ނަޝީދު ވިދާޅުވި އެވެ.
މި މަހުގެ ނިޔަލަށް ހުޅުވާފައިވާ ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރާނީ ބިދޭސީންނަށް ކާތަކެތި ފޯރުކޮށްދިނުމަށާއި ކަރަންޓީން ފެސިލިޓީތަކަށް ގެންދާ މީހުންނަށް ސާފުތާހިރުވާން ބޭނުންވާ ސާމާނު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއާރްސީ އަށް އެންމެ ފަސޭހައިން ފައިސާ ހަދިޔާކުރެވޭނީ އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށެވެ. އެ ޖަމިއްޔާގެ އެކައުންޓް ނަންބަރުތަކަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އަލީ ނަޝީދު ވިދާޅުވި އެވެ.
"ފައިސާ ޖަމާކުރައްވާ އިރު، ކޯވިޑް މައިގްރަންޓްސް ރިލީފް ފަންޑުގެ ގޮތުގައި ހަދިޔާކުރައްވާ ފައިސާ ކަމުގައި ރިމާކްސް ޖެއްސެވުން އެދެން،" އޭނާ އެދިވަޑައިގަތެވެ.
އެމްއާރްސީ އަށް ފައިސާ ޖަމާކުރާ އިރު، ތިންވަނަ ފަރާތެއް މެދުވެރިނުކޮށް، ސީދާ އެ ޖަމިއްޔާ އަށް ހަދިޔާކުރަން އިލްތިމާސްކުރި އެވެ. އަދި ފައިސާ ޖަމާކުރަން އެދި އެ ޖަމިއްޔާ އިން ނުގުޅާނެ ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށް ޖަމިއްޔާގެ ރައީސް އެދިވަޑައިގަތެވެ.
މި ބްރީފިންގައި އަލީ ނާޝިދު ވިދާޅުވި ގޮތުގައި، ގިނަ ބިދޭސީން ބައިތިއްބާފައި ވަނީ އެކަށީގެންވާ ތަންތަނެއްގައެއް ނޫނެވެ. ބައެއް ތަންތަނުގައި ބިދޭސީން ނިދަނީ ޑިއުޓީ ބަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބަލިވެފައި ވަނީ ދިރިއުޅެން މަޖުބޫރު ވެފައިވާ ގޮތުގެ ސަބަބުން،" އަލީ ނާޝިދު ވިދާޅުވި އެވެ.
ބިދޭސީންނަށް އެހީވާން އެމްއާރްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބިދޭސީންނަށް ވެސް ސޯޝިއޯސައިކޯ ސަޕޯޓު ފޯރުކޮށްދޭ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. ނަމަވެސް ބިދޭސީންނަށް އެމްއާރްސީ އަށް ގުޅަން ގިނަ ފަހަރަށް ނޭނގޭތީ، އެ މީހުންނަށް މި ހިދުމަތް ފޯރުކޮށްދެނީ ޖަމިއްޔާ އިން އިސްނަގައިގެން ކަމަށް ވެ އެވެ. އަދި މި މަސައްކަތް ކުރަން މި ކަމަށް ތަމްރީންކޮށްފައިވާ ބިދޭސީ ވޮލަންޓިއަރުން އެ ތަނުގައި މަސައްކަތް ކުރެ އެވެ.
ރާއްޖޭގައި މިހާތަނަށް 519 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 178 ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 265 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ވެ އެވެ.