16 އޮކްޓޯބަރ 2016 - 06:15

"ކަލާޒް"ގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 10 ވަނަ ސީޒަން ފެށެން ދެ ދުވަހަށް ވެފައި ވާއިރު މިފަހަރު ބިގް ބޮސްގެ ގޭގައި ބަންދުވެގެން 100 ދުވަސް ވަންދެން ކެތް ކޮށްލެވޭނެ ބަޔަކު އަޖުމަ ބަލާލުމުގެ ވަގުތު މިހާރު ވަނީ ކުޑަތަން ވެފަ އެވެ.

އެހެން ފަހަރަކުތަކާ ޚިލާފަށް މިފަހަރުގެ ޝޯގައި ބައިވެރިކުރަނީ ހަމައެކަނި ސެލެބްރިޓީންނެއް ނޫނެވެ. ފިލްމާއި ޓީވީގައި މަސައްކަތްކުރާ ބައެއް އާޓިސްޓުންގެ އިތުރުން އާއްމުންގެ ތެރެއިން ހޮވާލެވޭ ބަޔަކުވެސް މިފަހަރުގެ ސީޒަނުގައި ބައިވެރިވެ އެވެ. ހަ ފަންނާންނާއި އާއްމުންގެ 14 މީހަކު މިފަހަރުގެ ޝޯއިން ފެނިގެން ދާނެކަމަށް ވެ އެވެ.
އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ މި ޝޯގެ ފުރަތަމަ އެޕިސޯޑުގައި ސަލްމާނާއެކު ބައިވެރިވަނީ މަޝްހޫރު ފިލްމީ ބަތަލާ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ ޝޯގައި ބައިވެރިވަނީ އޭނާގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާންސް އޮފް ދަ ޒެންޑާ ކޭޖް" ޕްރޮމޯޓްކުރުމުގެ ގޮތުންނެވެ.
މިފަހަރުގެ ބިގް ބޮސްގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ބާނީ ޖޭ، ރާހޫލް ދޭވް، ކަރަން މެހެރާ އަދި ގޯރަޕް ޗޯޕްރާ ފަދަ މީހުން ހިމެނެ އެވެ.
މީގެ ތެރެއިން ބާނީ އަކީ ވަރަށް މަޝްހޫރު ވީޖޭ އެކެވެ. ރާހޫލް ދޭވް އަކީ ބައެއް ފިލްމުތަކުގައި ނުބައިބައި ކުޅެފައިވާ އެކްޓަރެކެވެ. އަދި ކަރަން މެހެރާ އަކީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގައި ނެއިތިކްގެ ރޯލު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އެކްޓަރެކެވެ. ނަމަވެސް އޭނާ ވަނީ މި ސިލްސިލާއިން މިހާރު ވަކިވެފަ އެވެ.
ދެން "ބިގް ބޮސް"ގެ ގެޔަށް މިފަހަރު ވަންނަނީ ގޯރަވް ޗޯޕްރާ އާއި ރޯހަން މެހެރާ އަދި ލޮޕްމުދްރާ ރާއުތު އެވެ. މީގެ ތެރެއިން ގޯރަވް ޗޯޕްރާ އަކީ ވަރަށް ގިނަ ޓީވީ ސިލްސިލާތައް ކުޅެފައިވާ އެކްޓަރެކެވެ. ރޯހަން އަކީ "ޔޭ ރިޝްތާ ކިޔާ ކެހެލަތާހޭ"ގައި ނަކްޝްގެ ރޯލު އަދާކުރި އެކްޓަރެވެ. އަދި ލޮޕްމުދުރަ ރާއުތު އަކީ މޮޑެލް އެެކެވެ. އަދި ނާގްޕޫރުގެ ރީތީގެ ރާނީގެ ނަމުން މަޝްހުރުވެފައިވާ މީހެކެވެ.