ފިލްމު ކުޅުން މަދުވީ ރަނގަޅު ރޯލްތަކެއް ނުލިބޭތީ: ޑީނޯ މޯރިއާ
ފިލްމު ކުޅުން މަދުވީ ރަނގަޅު ރޯލްތަކެއް ނުލިބޭތީ: ޑީނޯ މޯރިއާ

ކުރިއާ ހިފާލަށް ފިލްމުތަކުން މިހާރު ނުފެންނަނީ ކުޅެން ލިބޭ ރޯލްތަކާ ދޭތެރޭ ހިތްހަމަނުޖެހޭތީ ކުޑަކޮށް އެއްފަރާތްވެލުމުން ކަމަށް އެކްޓަރު ޑީނޯ މޯރިއާ ބުނެފި އެވެ.

ފިލްމު "ޕިޔާރު މޭ ކަބީ ކަބީ" އިން 1999 ގައި ބޮލީވުޑަށް ތައާރަފުވި 44 އަހަރުގެ އެކްޓަރު ބުނީ ކެރިއަރުގެ ކުރީކޮޅު ހިތްހަމަޖެހޭ ކަހަލަ ފިލްމުތަކެއް ލިބުނު ނަމަވެސް، ފަހުންފަހުން އައިސް މުޅިން ވެސް ލިބެން ފެށީ އެއްގޮތަށް ވެސް ކަމުނުދާ ރޯލްތައް ކަމަށެވެ.

"އެހެންވެ ހިތަށް އެރީ ކުޑަކޮށް އެކްޓިންއާ ދުރަށް ޖެހިލާނީއޭ. އެހެންވެ ހަގީގަތުގައި ފިލްމުތަކުން ފެނުން މަދުވީ،" ޑީނޯ ބުންޏެވެ.

އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު އަދި މަޝްހޫރު ފިލްމަކީ 2002 ގައި ބިޕާޝާ ބާސޫއާ އެކު ކުޅުނު ޑައިރެކްޓަރު ވިކްރަމް ބަޓްގެ ބިރުވެރި ފިލްމު "ރާޒް" އެވެ. އޭގެ ފަހުން ޑީނޯ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާޒް: އަ ބާޑް އިން ޑޭންޖާ" އާއި "އަކްސަރް" އަދި "އާޕް ކީ ޚާތިރް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޑީނޯ އެންމެ ފަހުން ކުޅުނު ފީޗާ ފިލްމަކީ 2017 ގެ ތަމަޅަ/މަލަޔާޅަމް ފިލްމު "ސޯލޯ" އެވެ. އޭނާ އެންމެ ފަހުން ހިންދީ ފިލްމެއްގެ ބޮޑު ރޯލަކުން ފެނުނީ 2010 ގައި ޕްރިޔަންކާ ޗޯޕްޅާ ކުޅުނު "ޕިޔާރު އިމްޕޮސިބަލް" އިންނެވެ.

ފިލްމުތަކުން މި ފަހުން ޑީނޯ ނުފެނުނަސް އޭނާ އަންނަނީ ވެބް ސީރީޒްތަކުން ލިބޭ ފުރުސަތުތައް ގަބޫލުކުރަމުންނެވެ. އެގޮތުން ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް އަހަރުތަކެއް ފަހުން އެކްޓިން އަށް އެނބުރި އައި އަދި މިދިޔަ މަހު ސްޓްރީމްކުރި "މެންޓަލްހުޑް" ގެ ރޯލެއް ޑީނޯ ކުޅެފައިވެ އެވެ. އޭގެ އިތުރުން "ހޮސްޓޭޖެސް 2" އާއި "މުގާލް" އަކީ ވެސް އޭނާ ފެނިގެން ދިޔަ ވެބް ސީރީޒްތަކެވެ.

"އަހަރެން ބުނާނީ ފިލްމުތަކުން މަދުވިޔަސް، އެކްޓިން ކެރިއަރާ ދޭތެރޭ ރިގްރެޓެއް ނެތޭ. އަހަރެންގެ ކެރިއަރު ބައްޓަންވެފައި އޮތް ގޮތާ ދޭތެރޭ ހިތްހަމަޖެހެއޭ." ޑީނޯ ބުންޏެވެ.

އޭނާ މިހާރު ވަނީ ފިލްމު ޕްރޮޑިއުސް ވެސް ކުރަން ފަށައިފަ އެވެ. ޑީނޯ ގެނެސްދޭނެ ފުރަތަމަ ފިލްމަކީ ސޯޝަލް ކޮމެޑީ "ހެލްމެޓް" އެވެ. އެ ފިލްމުގެ ތަރިންނަކީ މިދިޔަ އަހަރު ފިލްމު "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރު މޯނިޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް އާއި އަޔޫޝްމަން ކްރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކްރާނާ އެވެ.

"އަހަރެން މިހާރު ސްކްރިޕްޓްތަކެއް ވެސް އެބަ ލިޔަން. ފަހަރުގައި އެއީ ވެދާނެ އަނެއްކާ ވެސް އިތުރު އިނިންސްއަކަށް." ޑީނޯ ބުންޏެވެ.