ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟
ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ގޮތުގެ ސާފު އަންދާޒާއެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ފުރަތަމަ ދުވަހު ވެސް ބައެއް މީހުންގެ ހިތަށް ބައެއް ސުވާލުތައް އެރި އެވެ. އެއް ސުވާލަކީ ރަނގަޅަށް ޓެސްޓް ކުރެވި ލިޔެކިއުމުން އެ އަދަދުތައް ބަރާބަރަށް، އަވަހަށް ނުފެންނަންޏާ ވާނީ ކިހިނެއް ހެއްޔެވެ؟

ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟
ވައިރަސް ފެތުރޭ މިންވަރުގެ ސާފު މަންޒަރެއް ފެނިދާނެތަ؟

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ގަވައިދުން ބާއްވާ ޕްރެސް ބްރީފިންތަކުގައި އެންމެ ގިނައިން ސުވާލު ކުރަނީ ވެސް އެކަމާ ބެހޭ ގޮތުންނެވެ. މިހާތަނަށް އެނގެނީ ރާއްްޖޭގައި ދުވާލަކު އެންމެ ގިނައިން ވެސް ހެދެނީ 300 ޓެސްޓް ކަމެވެ. އެޗްޕީއޭގެ އަންދާޒާގައި ބުނާ ވޯސްޓް ކޭސް ސިނާރިއޯގައި އެއް ދުވަހާ އެންމެ ގިނައިން ޕޮޒިޓީވްވާނެ ކަމަށް ލަފާކުރަނީ 5،000 އެވެ. އެ އަދަދަށް ޓެސްޓްތައް ޕޮޓިވްވާން ޖުމްލަ 16 ދުވަސް ހޭދަވެ އެވެ.

މިހާރު ވެސް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ކޭސްތައް މަދުވަނީ ހަގީގަތުގައި ޓެެސްޓް ކުރުމުގެ ކެޕޭސިޓީއާ ހެދި އެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެހެންނެވެ.

"ހައި ނަމްބާސްގެ ދެމެދުން މިފެންނަ ކުދިކުދި ގެޕްތަކަކީ އަޅުގަނމެންގެ ޓެސްޓިންގެ ނަތީޖާ އަޅުގަނޑުމެންނާ ހަމައަށް އަންނަން މި ނަގާ ގަޑި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

މީގެ މާނައަކީ ކިތަންމެ ބަޔަކު ޕޮޒިޓިވް ވެފައި ތިއްބަސް ދުވާލެއްގެ ތެރޭގައި ފެންނަ އެންމެ ގިނަ އަދަދު 300 އަށް ވުރެ މައްޗަށް ނުދިއުމެވެ. އެހެންވީމާ ވާން އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ޕޮޒިޓިވް އަލާމާތްތައް ފެންނަ އެންމެންނަކީ ޕޮޒިޓިވް ވެފައި ތިބި މީހުން ކަމަށް ބަލައި ކަރަންޓީނުވުމެވެ. ސިއްހީ ޚިދުމަތްތެރިން ސީދާ ގޮތެއްގައި ބަލަހައްޓާ ބަޔަކަށް އެ ހިސާބުން ވާނީ އަލާމާތްތައް ފެންނަ މީހުންނެވެ. އޭގެ ތެރެއިން ވެސް ހޮސްޕިޓަލެއްގައި ފަރުވާ ދޭން ޖެހޭ ހާލަތަށް ދާ މީހުންނެވެ. އެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޮޑު ޒިންމާ އެޅޭނީ ފަރުދުންގެ ބޮލުގަ އެވެ. އިދާރާތަކުން މިހާރު ހަދާހެން މީހުން ފަހާ ދުވެ، ކޯޓް އަމުރުތައް ހޯދައިގެން ސާމްޕަލް ނަގާކަށް އެ ހާލަތުގައި ފުރުސަތެއް ނޯންނާނެ އެވެ.

ޓެސްޓް ކުރެވޭލެއް ލަސްވާ ނަމަ ވެދާނެ އެއް ގޮތަކީ ހޮސްޕިޓަލަށް ދާން ޖެހޭ މީހުންގެ ބޮޑެެތި އަދަދުތަކެއް ކުއްލިއަކަށް ފެނުމެވެ. ބަލިޖެހި ގޭގައި ތިބެ، އަމިއްލަ އަށް ރިޕޯޓްކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭ ވަަރަށް އާއްމުން ތިބީ ތައްޔާރުވެފައިތޯ މިހާރު ސުވާލު އުފެދެ އެވެ.

މިހާތަނަށް ފެންނަން އޮތީ އެ މަންޒަރެއް ނޫނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު އޮތް ޕާކިސްތާނުގެ ވިޔަފާރިވެރިޔާގެ ކޭސްއަކީ އޭގެ ރަނގަޅު މިސާލެކެވެ. އެ ކޭސްއިން މުހިއްމު ދެ ފިލާވަޅެއް ލިބެ އެވެ. އެއް ކަމަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހޭލުންތެރިކަން ވެސް ކުޑަކަމެވެ.

ޕާކިސްތާން މީހާއާ ގުޅިފައިވާ ކުންފުނީގެ ވެރިޔަކު "މިހާރު"އަށް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްގެ އަލާމާތްތަކާ އެއްފަދަ އަލާމާތްތަކެއް ފެނި މާލޭގެ ބޮޑު ދެ ހޮސްޕިޓަލަކަށް އޭނާ ދިޔަ އެވެ. އެކަމަކު ކޮވިޑަށް ޓެސްޓްކުރަން އެ ދެ ތަނުން ވެސް އިރުޝާދު ދީފައެއް ނެތެވެ. މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން އޭނާ އައިޖީއެމްއެޗަށް ދާން ޖެހުނީ އެހެންވެ އެވެ.

ޝައްކުކުރެވޭ މީހަކު ހޮސްޕިޓަލަކަށް ހިނގައްޖެ ނަމަ ގޭގައި މަޑުކުރަން އަންގަން ނުވަތަ އެޗްޕީއޭއަށް ރިޕޯޓްކުރުމުގެ ވިސްނުން ހޮސްޕިޓަލްތަކުގެ ބައެއް މީހުންނަށް ވެސް ނޭނގޭ ކަން މި ކޭސް އިން ބުނެދެ އެވެ.

ޕާކިސްތާން މީހާގެ ކޭހަށް އެކަނި ބަލައިލިޔަސް އެނގެނީ ވީހާވެސް ގިނަ ބަޔަކު ޓެސްޓްކޮށްގެން ނޫނީ މިހާރު ރާއްޖެ އޮތް ހާލަތުގެ އަސްލު މަންޒަރު ނުފެންނާނެ ކަމެވެ.

ޓެސްޓްކުރެވޭ އަދަދު މަދުކަމުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތި ނުވުމުގައި ރަނގަށް ނިޝާނެއް ވެސް އެބަ އޮތެވެ. އެއީ ޕޮޒިޓިވް ވެފައިމެ، މާ ގިނަ އަލާމާތްތަކެއް ނުފެނި މީހުން ރަނގަޅުވުމަކީ "ހާޑް އިމިއުނިޓީ"ގެ ނިސްބަތް އާބާދީގައި މަތިވުމެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ފަރާތުން އަލާމާތްތައް ނުފެންނަ ކަމަށެވެ. އެމީހުން ޓެސްޓްކުރީ ކުރިން ޕޮޒިޓިވް މީހުންނާ ކޮންމެވެސް ކަހަލަ ގުޅުމެއް އޮވެގެންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކޮރޯނާވައިރަސްއަށް އިމިއުނިޓީ (ހަށިގަނޑުގެ ދިފާއީ ބާރު) އުފެދޭ ކަމުގެ އަލާމާތަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. ކޮރޯނާވައިރަހުން އަރައިގަނެވޭނީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، ހާޑް އިމިއުނިޓީގެ ބައި ބޮޑުވެގެންނެވެ.

"މިކަހަލަ ބަލިތަކުގައި ބަލި އެސިމްޕްޓަމެޓިކްކޮށް ޖެހުން އެއީ އޭގެ ޒާތުގައި އަޅުގަނޑު ބުނާނީ އެއްގޮތަކަށް ބަލައިފިއްޔާ ވަރަށް ރަނގަޅު ކަމެކޭ. އެއީ ކީއްވެގެން؟ މިފަދަ ބައްޔަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އަންނަނީ ހަގީގަތުގައި އާބާދީގެ ގިނަ ބަޔަކަށް އޭގެ އިމިއުނިޓީ ލިބިގެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޔަގީންވާ ކަމަކީ ރާއްޖޭގައި މިހާރު ޓެސްޓިން ކެޕޭސިޓީ ހުރި ގޮތުން މި ދެ ގޮތުން ވެސް ތެދު ދެނެގަންނަން އުނދަގޫވުމެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ކިތައްމެ ބުރަކޮށް މަސައްކަތްކުރިޔަސް، މިހާރު މި އޮތް ކެޕޭސިޓީގައި ކޮވިޑް-19ގެ އަސްލު ހާލަތު އެނގޭނެތޯ ނުވަތަ ނޫންތޯ މިއީ ބޮޑު ސުވާލެކެވެ.