ހިދުމަތް މެދުކެނޑުނަ ނުދީ ރަށްރަށަށް ޑޮކްޓަރުން ފޮނުވޭތޯ ބަލާނަން: ސަރުކާރު
ހިދުމަތް މެދުކެނޑުނަ ނުދީ ރަށްރަށަށް ޑޮކްޓަރުން ފޮނުވޭތޯ ބަލާނަން: ސަރުކާރު

ރަށްރަށުގައި ތިއްބަވާ ޑޮކްޓަރުންގެ އަދަދު މަދަސް، ޑޮކްޓަރަކު ނެތިގެން، ރަށެއްގެ ސިއްހީ ހިދުމަތް މެދުކެނޑޭ ހާލަތެއް އަޔަ ނުދޭން މަސައްކަތްކުރާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކެކޭ އެެއްފަދައިން ރާއްޖޭގައި ވެސް ޑޮކްޓަރުން މަދުވުމުގެ ދަތިކަން އެބަ އޮތް ކަމަށާއި ނަމަވެސް ޑޮކްޓަރަކު ނެތިގެން ހިދުމަތް މެދުކެނޑޭ ހިސާބަށް ދިޔަ ނުދޭން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

"މިކަމުގައި [ކޮވިޑް-19 ފެތުރޭ ހާލަތުގައި] ދިމާވާ އެންމެ ބޮޑު ދައްޗަކީ ޑޮކްޓަރުންގެ އަދަދު މަދުވުން. އެހެންވީމާ އަޅުގަނޑަަކަށް ހިއެއް ނުވޭ މިކަމުގެ ތެރޭގައި، ވަރަށް ގިނަ ޑޮކްޓަރުން ތިބެގެން އެޓެންޑްކުރެވޭ ގޮތަށް ހުރެދާނެހެނެއް އެއްވެސް ތާކު. އެހެން ނަމަވެސް ޑޮކްޓަރެއް ނެތުމުގެ ސަބަބުން ހިދުުމަތް މެދުކެނޑޭ ހިސާބަކަށް ރަށެއްގެ ހާލަތު ދިޔަނުދީ ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 މާލޭގައި ފެތުރެެން ފެށި އިރު ބައެއް އަތޮޅުތަކުގެ ޑޮކްޓަރުންގެ ޓީމުތައް އައިސް ތިބީ މާލޭގަ އެވެ. މަބްރޫކް ވިދާޅުވީ އެ ޓީމުތައް ވެސް ދެން މަޑުމަޑުން އެނބުރި އަތޮޅުތަކަށް ދާން ފަށާނެ ކަމަށެވެ.

ރާއްޖޭގައި އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރެން ފެށި އިރު ގިނަ ކޭސްތައް ފެނުނީ މާލެއިންނެވެ. އެކަމަކު މިހާރު އެކި އަތޮޅުތަކުން ވެސް ކޭސްތައް ދަނީ ފެންނަމުންނެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ފެނިފައި ވަނީ މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ފުރައިގެން އުތުރުގެ ބައެއް އަތޮޅުތަކަށް ދަތުރުކުރި އަމާޒް ބޯޓްގެ ކްލަސްޓާއިންނެވެ. އެބޯޓްގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވް ވި ފަހުން އެބޯޓާ ގުޅޭ 11 މީހަކު މިހާރު ވަނީ ބައްްޔަށް ޕޮޒިޓިވް ވެފަ އެވެ.