ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

"ދޫ ނުދީފިއްޔާ ހަދާނެ ގޮތް މި ކިޔާދެނީ!" އަނިލް ބުންޏެވެ. "ރަނގަޅަށް އަޑުއަހާ! މަ ފަށާނީ ކިޔަވަން. ކިޔަވަން ފެށުމަށް ފަހު ދެނެއް ހުއްޓައެއް ނުލާނަން. ބަޔަކަށް އަނިޔާ ވިޔަސް، އެނދިޔަސް، މަރުވިޔަސް އަހަންނެއް ޒިންމާއެއް ނުވާނަން. އެހެންވިޔަސް ކަލޭމެން ގޮތުގަ ތިބެން ބޭނުމިއްޔާ ކަލޭމެން ތައްޔާރުވޭ މި ކަމާ ކުރިމަތިލާން. އަހަރެން މި ތައްޔާރުވަނީ ކިޔަވަން. ނާހިދު މިހިރީ ސީދާ އެ ކަމަށް ގެނެއްސަ. ދެ މީހުން އެކީ ކިޔަވައިގެން ނަމަވެސް ކޮޅެއްގަ ޖައްސާނަން މި ފަހަރު. އެކަމަކު ކަލޭމެން ބޭނުމިއްޔާ އަދި އެބައޮތް ފުރުސަތު. ކީކޭ ބުނަނީ؟"

ޖަވާބުގައި ހަނާ ވާހަކައެއް ނުދައްކައެވެ. ޗޮސްކަނޑަން އޮތީއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ދެއަތަށް ބޯހޫރި ވެސް މެއެވެ. ކޯޅުމަކަށް ގޮއްސިއްޔާ ވަގުތުނަގާނެކަމާއި، އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭނެކަން އަނިލްއަށް އެނގެއެވެ. ހުރިހައި ވޭނެއް އުފުލަންޖެހޭނީ ހަނާއެވެ. ޖިންނިސައިތާނާ އޭގެ ނާޖާއިޒު ފައިދާނަގައެވެ. ބަލިމީހާގެ ހަށިގަނޑު އައްޑަނައަކަށް ހަދައިގެން އޭގެ ނިވަލުގައި ފިލާއޮންނާނެއެވެ. ބައެއް ފަހަރު މަރުވަންދެން ވެސް ހަނގުރާމަކުރެއެވެ.

"ތީ ހަމަ އެންމެ ފަހުގެ ނިންމުން؟" އަނިލް ތަކުރާރުކޮށް އެހިއެވެ. "ފަހުން ނުބުނާތި މަ ފުރުސަތެއް ނުދެއޭ. ކަލޭމެންނަށް މިރޭ ވަރަށް ވަރުކޮށްލާނަން. ހަމަ ރަނގަޅަށް މިބުނަނީ ކަލޭމެން ފަހުން އަމާންދިނަސް އަހަރެން އެ ވާހަކަ އަޑެއްނާހާނަން. ދުލެއް ވެސް ނުކުރާނަން. އަހަރެން ލައްވާ އަނިޔާކުރުވަން ނޫޅޭ! ހަމަ އެއްބަޔަކު ވެސް ބޭނުމެއް ނޫން ސުލްހަވެރިކޮށް މި ކަން ނިންމާކަށް؟"

ހަނާ ދެން ވެސް ވާހަކައެއް ނުދެއްކިއެވެ. އެކަމަކު އަތްތިލައިން އިޝާރާތެއް ކުރިތަން އަނިލްއަށް ފެނުނެވެ. ހީވީ އަންނާށޭ ބުނިހެންނެވެ. އެނދުމަތީގައި ރީތިކޮށް ބާއްވައިފާ ހަނާގެ އަތަށް އައި ހަރަކާތް ނަގައިގަނެވުނީ އަނިލްއަށް އެކަންޏެވެ.

"ކޮން ބައެއް އަހަންނާ ވާހަކަދައްކަން ބޭނުންވެގެން ތި އުޅެނީ؟" އަނިލް ސުވާލުކުރިއެވެ.

"ކަލޭ ތި ކިޔަނީނު ބަނޑޭ! ގޮހޮރޭ! އެއީ އަހަރުމެން،" ކުރިޔަށް ވުރެ ތަންކޮޅެއް ފުސް އަޑަކުން ހަނާ ބުންޏެވެ. "އަހަރުމެން ބޭނުން ސުލްހަވެރިކޮށް މި ކަން ހައްލުކުރަން. ހިނގާ ވާހަކަދައްކަމާ!"

"އެއްބަސްވީމަ ދައްކަންވީ ހުރިހާ ވާހަކައެއް ތި ދެއްކުނީ،" އަނިލް ޖަވާބުދިނެވެ. "ދެން ބުނޭ ކަލޭމެން ހަދަން ބޭނުންވާ ގޮތެއް. ކަލޭމެން ރީތި ގޮތުގަ ދާނީތަ ނޫނީ އަހަރުމެން ފަރުވާކޮށްގެން ކަލޭމެންގެ ތެރެއިން ބަޔަކަށް އަނިޔާވެ، އަނދައި އަޅިޔަށް ވާންވީތަ؟

އެއްބަޔެއްގެ ކިބައިން މިންޖުވެވިއްޖެހެން އަނިލްއަށް ހީވި ވަގުތު ކުއްލިއަކަށް އޭނަގެ ހިޔާލު ބަދަލުވިއެވެ.

"އަނިޔާއެއް ނުކުރެވޭނެ،" ޗޮކެއްކަނޑައިލައިފައި، މަލާމާތުގެ ރާގަކަށް ހަނާ ބުންޏެވެ. "އަހަރުމެންގެ ގައިގަ ކަލެއަށް އަތްލެވިގެންތާ އަނިޔާއަކީ. އިންސާނުންނަށް ވުރެ އަހަރުމެން އަސްލު މާ ބާރުގަދަވާނެ."

ޖިންނި މޮޅުބުނަން ފެށިއެވެ. އެއީ ގިނަ ފަހަރަށް އެ ކަން އޮންނަ ގޮތެވެ. ކިތަންމެ ބިރުގަތަސް، ގޮތް ހުސްވިޔަސް އެ ކަން ސިއްރުކުރުމުގައި، އެންމެ ފަހު ވަގުތާ ޖެހެންދެން ޖިންނީން ދެމިތިބެއެވެ. އިންސާނުންގެ ލޯމައްޗަށް ފަރުދާވެވޭތީ އެ ބާރާ މެދު ޖިންނީން ފަޚުރުވެރިވެއެވެ.

"ކަލޭ ފަހުން ނުބުނާތި މަ ނުބުނެޔޭ،" ނަސޭހަތުގެ ސިފައިގައި އަނިލް އިންޒާރުދިނެވެ. "ފަހުން ނުބުނާތި ހާދަ ނުލަފާ މީހެކޭ މަށަކީ. ފަހުން ނުބުނާތި އަހަންނަކީ ހާދަ ރަހުމެއް ނެތް މީހެކޭ، ތީ މުސްލިމުން އުޅޭ ގޮތްހޭ. އެ ކަހަލަ އެއްވެސް ވާހަކައެއް ކަލޭ ނުދައްކާތި! ކިހާ ފުރުސަތެއް މިހާރު ކަލެއަށް ދެވިއްޖެ! ކަލޭ ނިކަން ވިސްނާލަބަލަ! މިހާ ގިނަ ފުރުސަތުތަކެއް ކާކު ކަލެއަށް ދޭނީ؟ އެއްވެސް އަނިޔާއެއް ނުވެ ކަލޭ ހަމަ ސަލާމަތުން އެނބުރި ދިޔައިމަ ނިމުނީ."

"ކަލެއަކަށް ނުކުރެވޭނެ އެއްކަމެއް ވެސް،" ހަނާގެ އަޑުގައި އެކުލެވިފައިވަނީ މަލާމާތުގެ ރާގެވެ. "އަހަރުމެން ބޭނުން އިރަކު ބޭނުން ގޮތަކަށް އިންސާނުންގެ ގައި ތެރެއަށް ވަދެވަދެފަ މި ނިކުންނަނީ. ކަލޭމެން ނިކަން އަހަރުމެންގެ ގައި ތެރެއަށް ވަދެބަލަ! ނުވަދެވޭނެ! ފާޑުފާޑަށް މަށަށް ބިރުދައްކާނެކަމެއް ނެތް! ތީ ހުސް ބޭކާރު ވާހަކަ."

ޒުވާބުކުރަންޏާ ކިތަންމެ އިރަކު ވެސް ޒުވާބުކުރަން އަނިލްއަށް ކެރިދާނެއެވެ. ޖިންނިސައިތާނުންގެ ބޭނުމަކީ ވެސް އެއީއެވެ. ވާހަކަ ދިގުކޮށްގެން ކިޔެވިޔަ ނުދިނުމެވެ.

"މައްސަލައެއް ނެތް!" އަނިލް ވާހަކަދެއްކީ ދެރަ ގަބޫލުކުރާ ކަހަލަ ރާގެއްގައެވެ. "އަހަންނަކީ ކަމެއް ނުކުރެވޭ މީހާ. އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވެންޏާ ކަލޭމެންތާ ގަދަވާނީ. ކޮންމެވެސް އެއްގޮތެއް ވާނެ މިރޭ. މި ފަށަނީ. ހަނާ! އިބްރާހިމީ ސަލަވާތް ކިޔަވާލަބަލަ!"

"މަށެއް ނުކިޔަވާނަން!" ހަނާ ވަގުތުން އިންކާރުކުރިއެވެ.

"މައްސަލައެއް ނެތް! އޮވޭ ނުކިޔަވާ!" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

އަނިލް ކިޔަވަން ފެށިއެވެ. އިރުކޮޅަކުން ހަނާ ކޮންމެވެސް އެއްޗެއް ކިޔައިގެން ކިޔެވުން މެދުކަނޑައިލަން މަސައްކަތްކުރާނެކަން އަނިލްއަށް އެނގެއެވެ. ކަންތައް ވީ ވެސް އެހެންނެވެ.

"ފެންފޮދެއް ދީބަލަ!" ހަނާ އެދުނެވެ. "ވަރަށް އެބަ ފެންބޮވާ!"

ހަނާ އުޅެނީ ފެންބޮވާތީއެއް ނޫނެވެ. ވީމާ އަނިލް އިވޭކަމަކަށް ނެހެދިއެވެ. ފުރަތަމަ އެތިފަހަރު ކާމިޔާބު ނުވުމުން ހަނާ ދެން ގޮވީ ހަނާގެ ފިރިމީހާއަށެވެ.

"ރިޒްވާން!" ތަންކޮޅެއް ހިތްދަތި އަޑަކުން "ހަނާ" ބުންޏެވެ. "ހެޔޮނުވާނެ ފެންފޮދެއް ދީބަލަ!"

އެއްވެސް ޖަވާބެއް ނުދިނުމަށް އަނިލްގެ އަތުން އިޝާރާތްކުރުމަށް ފަހު އަނިލް ކިޔެވުން ކުރިޔަށް ގެންދިޔައެވެ. އޭރު އަދި ނާހިދު ގާތަކު ކިޔަވާކަށް ނުބުނެއެވެ.

"ރިޒްވާން!" ހަނާ ގޮވައިލި ގޮތުން ހީވަނީ ހަގީގަތުގައި ވެސް އެއީ ހަނާގެ އަޑުހެންނެވެ. "މީހަކު ފެންފޮދެއް ދޭށޭ ބުނީމަ ދޭންޖެހޭނެއްނު! ރިޒްވާންގެ އަނބިމީހާއޭ މި ބުނަނީ ފެންފޮދެއް ދޭށޭ! ހެޔޮނުވާނެ! އާދޭސްކޮށްފަ މިބުނީ."

އެކަކު ވެސް އިން ތަނުން ހިރިއެއް ނުލައެވެ. އެހެންނަމަވެސް ރިޒްވާނަށް އިނދެވެނީކީ ނޫނެވެ. އަނބިމީހާ ފެންފޮދަކަށް އެދި ސަލާންޖަހާއިރު ބީރުކަންފަތް ދިނުމަކީ ރިޒްވާނަށް އުނދަގޫ ކަމަކަށް ވިއެވެ. އަނިލް ކިޔަވަމުންގެންދިޔައެވެ. އެ ފަހަރު ކިޔެވީ ނަސޭހަތުގެ އާޔަތްތަކާއި، އިންސީންނާއި ޖިންނީންގެ މެދުގައި ކަންކަން އޮންނަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ އާޔަތްތަކެވެ. ނުވަތަ އެއީ ފެށުމެވެ. ފުރަތަމަ މަރުހަލާއެވެ. ހަނާ ޗުސްތަޅުވަން ފެށިއެވެ. ހައިރާންވެގެން ޗުސްތަޅުވާ ރާގުގައެވެ.

"ރިޒްވާން ހިތަކަށް އެކައްޗެކޭ ވެސް ނާރާތަ؟" ހަނާ ވަރަށް އަސަރާ އެކުގައި ބުންޏެވެ. "ދުރުހިލޭ މީހަކު ބުނާ ހުރިހާ ގޮތެއް އެބަ ހެދޭ! އަޅެ މަށަށް ފެންފޮދެއް ދިނަކަސް ތި ކުރާ ކަމެއް ކުރެވިދާނެއްނު!"

ރިޒްވާން ކެތްކޮށްލައިގެން އިނެވެ. އަނިލް ހިފައިފައިހުރީ އެ ހާލަތުގައި ކިޔަވަންޖެހޭ ބައި ނިންމާލުމަށެވެ. ހަނާ ތެދުވިއެވެ. އެ ތަނުގައި ތިބި އެންމެނަށް ވަކިވަކީން ބަލައިލިއެވެ. އެނދުގައި އިށީނެވެ. ބަލާ ކޮންމެ މީހަކަށް ވެސް ފެންނާނީ ހަނާ އެނދުގައި އިށީނދެގެން އިން ތަނެވެ. ޖިންނިއެއް ނުފެންނާނެއެވެ. ހަނާގެ ލޯ ހުރީ ހުޅުވައިފައެވެ. އެކަމަކު ހަނާގެ "ތޮށިގަނޑު" ބޭނުންކޮށްގެން އެ ތަނުގައި އިށީނދެގެން އިނީ ޖިންނިއެކެވެ. އެ ކަން ކަށަވަރުކުރެވެނީ އަނިލްއާއި ނާހިދަށެވެ. ރިޒްވާނަށް ފެންނަނީ ރިޒްވާންގެ ލޯބިވާ އަނބިމީހާއެވެ.

"ފެންބޯން ދާންވެންޖެ!" ކުޑަކުއްޖެއްހެން ކުސްތަޅައިފައި، ދެފައި ތަޅުވައިގެންފައި ހަނާ ބުންޏެވެ. "ތިހެން އުޅެންޏާ މަ އަމިއްލައަށް ދާނީ. ފެންފޮދެއްބޯލައިގެން މަ އަންނާނަމޭ!"

ހަނާ ތެދުވިއެވެ. އަނިލް ނިކަން ހަރުކަށިކޮށް ހަނާއަށް އިޝާރާތްކުރިއެވެ. އެނދުގައި އިށީނުމަށް އެދުނެވެ. އަނިލްގެ އަމުރަށް ރިޒްވާން ދެކޮޅުހަދާތޯ ރިޒްވާނާ ދިމާއަށް ހަނާ ބަލައިލިއެވެ. ރިޒްވާން މަޑުމަޑުން އިސްޖަހައިލިއެވެ. ހަނާ ފޫހި ގޮތަކަށް ދެފައި ތަޅައިގެންފައި އެނދު ކައިރިއަށް އައިސް އެނދުގައި ނިކަން ބާރަށް އަތުން ޖަހައިފައި އިށީނެވެ. އަނިލް ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ހަނާ އިނީ ކަޅިޖަހައި ނުލައި ރިޒްވާނަށް ބަލާށެވެ.

"މަ ބުނީމެއްނު ކިޔަވަން ފެށުމަށް ފަހު ކަލެއަކަށް މަށެއް ނުހުއްޓުވޭނޭ!" ކިޔަވަންވީ ހިސާބަށް ކިޔެވުމަށް ފަހު އަނިލް ބުންޏެވެ. "ފެންބޮވަނީއޭ، ތަދުވަނީއޭ، ވަރުބަލިވަނީއޭ، އެކައްޗެކޭ ވެސް ކިޔައިގެން ނުވާނޭ ނުބުނަންތަ މަށެއް. ކަލެއަށް މަ ފުރުސަތު ދިނީމެއްނު! ކަލޭ ބޮޑާވެގެންފަ ފުއްޕީނު!"

"ހަނާ" އެއްޗެއް ނުބުނެއެވެ. އަނިލްއަކަށް ނުވެސް ބަލައެވެ. އޭނަ ބަލަން އިނީ ރިޒްވާނަށެވެ. ހަނާގެ ދިފާއުގައި ރިޒްވާން އެއްވެސް ކަމެއް ނުކުރީމަ ބަލާ ކަހަލަ ނަޒަރަކުން ރިޒްވާނަށް ބަލަން އިނދެފައި ޗޮކެއްކަނޑައިލިއެވެ.

"ވަރަށް ފޫހިވޭ!" ހަނާ ބުންޏެވެ.

"ކޮން ފޫއްސެއްވާކަށް؟" ހަނާއާ ދިމާއަށް އެނބުރިފައި އަނިލް ވާހަކަދެއްކި ނަމަވެސް އަނިލް ވާހަކަދެއްކީ ހަނާއަކަށް ނޫނެވެ. "ދެން ޕުޗުސްކިޔާނެކަމެއް ނެތް. ކަލެއަށް ކިހާ ޗާންސެއް ދިނިން؟ އޭނ؟ ކަލޭގެ ބޮޑާކަމާ ކިބުރުވެރިކަމުން ޒައްރެއްގެ މިންވަރު ވެސް އުންޏެއް ނުވޭ! އަނެއްކާ ވެސް ކަލެއަށް އިތުރު ފުރުސަތެއް މި ހުޅުވާލަނީ. މީ ދެވަނަ ޗާންސް. ކަލޭމެންގެ ތެރެއިން ދާން ބޭނުންވާ ބަޔަކު އަވަހަށް މި ތަނުން ރައްކާވޭ! ވަގުތު ވަރަށް ކުޑަވެއްޖެ މިހާރު."

ހަނާ އެއްޗެއް ނުބުންޏެވެ. އެކަމަކު ވަރަށް ރުޅިއައިސްފައި އަނިލްއާ ދިމާއަށް އެނބުރުނެވެ. ދެ ލޯ ބޮޑުކޮށްލައިގެން އަނިލްއާ ދިމާއަށް ބަލަމުންގެންދިޔައެވެ. ދެންމެދެންމެ ކޮންމެވެސް ކަމެއް ކޮށްފާނެ ކަހަލައެވެ. ރިޒްވާން އިނީ ވަރަށް ތައްޔާރުވެގެންނެވެ. އަނިލް އިނީ ވަރަށް ހަމަޖެހިފައެވެ. އަނިލްއާ ދިމާއަށް "ހަނާ" ފުންމައިގެންފިއްޔާ ދެން ހަދާނެ ގޮތް ވެސް އަނިލްއަށް އެނގެއެވެ.

"ލޯއަޅާނެކަމެއް ނެތް. މަ ކިޔެވި އާޔަތްތައް ކަލޭމެން އަޑުއެހީމެއްނު!" އަނިލް ބުންޏެވެ. އަދި އަމުރުކުރިއެވެ. "ވާހަކަދައްކާ!"

"އާނ!" ހަނާ ދިނީ ކުރު ޖަވާބެކެވެ.

"މަ ދެއްކީ ރަނގަޅު ވާހަކައެއްހެން ކަލޭމެންނަށް ހީވޭތަ؟" އަނިލް ސުވާލުކުރިއެވެ.

"އާނ!" އަނެއްކާ ވެސް ހަނާ ކުރު ޖަވާބެއް ދިނެވެ.

"ކަލޭމެން އެ ވާހަކަތައް ގަބޫލުކުރަންތަ؟" އަނިލް ވިއްދައިފައި ސުވާލުކުރަމުން ގެންދިޔައެވެ.

ހަނާ ބަލަހައްޓައިގެން އިން ގޮތުން ހީވަނީ އެ ސުވާލަށް ހަނާ ޖަވާބުދޭން ބޭނުން ނުވާހެންނެވެ. އަނިލް އެ ގޮތެއް ގަބޫލެއް ނުކުރިއެވެ. ބިރެއް ނެތި ކުރިމަތިލިއެވެ.

"ވާހަކަދައްކާ!" އަނިލް ކުރިޔަށް ވުރެ ބާރަށް ބުންޏެވެ.

އެ ފަހަރު ރިޒްވާން ސިއްސައިގެންދިޔައެވެ. ހަނާ އެއްވެސް ވަރަކަށް ނުސިހެއެވެ.

"ހުރިހާ ވާހަކައެއް ގަބޫލެއް ނުކުރަން." ރުޅިއައިސްފައި ހަނާ ހަޅޭއްލަވައިގަތެވެ.

ނުނިމޭ