އާ ކްލަސްޓާއެއް ނުފެނޭ، އެކަމަކު އަދި އުފާވާކަށް ނުވޭ: އަފްޒަލް
އާ ކްލަސްޓާއެއް ނުފެނޭ، އެކަމަކު އަދި އުފާވާކަށް ނުވޭ: އަފްޒަލް

މި ދެ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީ ދެ ދުވަހާ އަޅާބަލާއިރު މަދުވެފައި ވަނީ އާ ކްލަސްޓާތަކެއް ނުފެންނާތީ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އަދަދުތައް އިތުރުވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިން އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އިއްޔެ އާއި މިއަދު އައި ކޭސްތަކަކީ މިހާތަނަށް ފެނިފައި ހުރި ކްލަސްޓާތަކާ ގުޅޭ ކޭސްތައް ކަމަށާއި އަދަދު މަދުވީ ޓެސްޓްކުރެވުނު އަދަދު މަދުވެގެން ނޫން ކަމަށެވެ. އެކަމަކު މިއީ އަދި އުފާވާންވީ ނަތީޖާތަކެއް ނޫން ކަމަށާއި ރާއްޖޭގެ ކޭސްތައް އަދި ދަށަށް ދާން ފެށީ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޭސްތައް މަދުވީ އާ ކްލަސްޓާތަކެއް ނުފެންނާތީ، އެކަމަކު މިއީ އަދި އުފާވާންވީ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު 188 މީހަކު ފެނިފައިވެ އެވެ. އެކަމަކު އިއްޔެ އެ ބައްޔަށް ޕޮޒިޓިވްވީ 23 މީހުންނެވެ. މިއަދުގެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 28 އެވެ.

މިރޭގެ ޕްރެސް ބްރީފިން ގައި ޑރ.އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ގޮތަށް ކޭސްތައް މަދީ ސާމްޕަލްތައް ޓެސްޓް ކުރެވޭ މިންވަރު މަދުވެގެން ކަމަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު ޕްރެސްގެ ފަހުން މައުލޫމާތު އިތުރަށް ސާފުކުރެއްވުމަށް ފަހު ވިދާޅުވީ ސާމްޕަލްތައް ޓެސްޓް ކުރެވުނު އަދަދު މިއަދު ވެސް ހަމަ ކުރީގެ ދުވަސްތަކާ އެއްވަރު ކަމަށެވެ. އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި ދެ ދުވަހު ވެސް ދުވާލަކު ގާތްގަނޑަކަށް 300 ސާމްޕަލް ޓެސްޓް ކުރެވި ނަތީޖާ ލިބުނު ކަމަށެވެ.

މިހާރު ފެންނަމުންދާ ކޮންޓެކްޓްތަކަކަކީ އަފްޒަލް ވިދާޅުވި ގޮތުގައި ވަކިވަކި ކްލަސްޓާތަކުގެ ކޮންޓެކްޓްތަކެވެ.

"އެހެންވީމާ އެގޮތުން ބަލައިލައިފި ނަމަ އަޅުގަަނޑުމެންނަށް އާ ކޮންޓެކްޓްސް ވަރަށް މަދުން ފެނިފައި މި ވަނީ. އެހެންވީމާ އެ ސަބަބާ ހުރެ ހަގީގަތުގައި ކޮންޓެކްޓްސްގެ އަދަދު މި އުޅެނީ ވަރަށް ދަށުގައި،" އޭނާ ވިދާޅުވި އެވެ.

މި ދެ ދުވަހު ފެނުނު ކޭސްތަކުގެ ތަފްސީލު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޮޑެތި މީހުން ކަމަށާއި ނަމަވެސް ދިވެހިންގެ ކްލަސްޓާތަކުގެ ތެރެއިން ކުޑަކުދިން ހިމެެނޭ ގޮތުން ތަފާތު އުމުރުގެ މީހުން ފެންނަ ކަމަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންނާއި ނުފެންނަ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް އެއްވަރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް 519 މީހަކު ފެނިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 178 ދިވެހިންނާއި ބަންގްލާދޭޝްގެ 265 މީހަކާއި އިންޑިއާގެ 52 މީހަކާއި ސްރީ ލަންކާގެ ތިން މީހެއްގެ އިތުރުން އެކި ގައުމުތަކުގެ 21 މީހެކެވެ. ޕޮޒިޓިވް މީހުން އެންމެ ގިނައިން ފެނިފައިވަނީ ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުންނެވެ.