ސާމްޕަލް ނަގަން ދެކޮޅު ހެދުމުން ހައްޔަރުކުރީ އަޒްލީނާގެ ގާތިލް ޒުހެއިރު
ސާމްޕަލް ނަގަން ދެކޮޅު ހެދުމުން ހައްޔަރުކުރީ އަޒްލީނާގެ ގާތިލް ޒުހެއިރު

ކޮވިޑް-19 ގެ އަލާމާތްތައް ހުރި ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމިއްލަ އަށް އެންގުމަށް ފަހު، ޓެސްޓް ކުރަން ދެކޮޅުހެދުމުން މިއަދު ހައްޔަރުކުރީ، މީގެ 19 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ޖަލަށްލި އަބްދުﷲ ޒުހެއިރުކަން ހާމަވެއްޖެ އެވެ.

ޒުހައިރު ހައްޔަރުކޮށް، 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ވަނީ އާންމުވެފަ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ ނަފީސް އަނިޔާވެރިކަމާ އެކު އޮފީހުގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނީ އޭޕްރީލް 5، 2001 ގަ އެވެ. މި މައްސަލާގައި ކުށް ސާބިތުވެ ޒުހައިރު އުމުރަށް ޖަލަށް ލާން ހުކުމްކުރީ 2002 ވަނަ އަހަރު އެވެ. ނަމަވެސް 11 އަހަރު ފަހުން، 2013 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ.

އަނިޔާވެރި އަމަލުތައް ރާއްޖޭގައި މަދު ދުވަސްވަރެއްގައި މުޅި ރާއްޖެ އަށް ސިހުން ގެނުވި މަރުގެ މައްސަލާގައި ޒުހައިރުއާ ބައިވެރިވި ކަމުގެ ކުށް ސާބިތުވެ އިތުރު ދެ މީހަކު ވެސް ޖަލަށް ލާން ހުކުމް ކުރި އެވެ.

ފުލުހުން ބުނީ، ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ އަމިއްލައަށް ރަށު ތެރޭގައި އަޑު ފަތުރައި އެ ބަލީގެ އަލާމާތްތައް ހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގުމުން، ކ. ދިއްފުށީ ސިއްހީ މަރުކަޒުން ސާމްޕަލް ނަގަން 46 އަހަރުގެ ފިރިހެން މީހާ ކައިރިއަށް ދިޔަ ކަމަށެވެ. އެކަމަށް އިންކާރުކުރުމުން ކޯޓު އަމުރެއް ހޯދައިގެން ދިއުމުން ވެސް ސާމްޕަލް ނަގަން އޭނާ ދެކޮޅު ހެދުމުން ހައްޔަރުކުރީ އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުމަށާއި ކަރަންޓީން ކުރަން ދެކޮޅު ހަދާ މީހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަމުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.