03 މެއި 2020 - 11:58

ވޮޝިންޓަން (މެއި 3) - ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދިނުމަށް އެބޯލާ އަށް ދޭ ބޭސް ކަމަށްވާ ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފި އެވެ.
އެފްޑީއޭގެ ހުއްދަ ލިބުމާ އެކު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ކޮވިޑް-19 ގެ ހާލުދެރަ މީހުންނަށް ރެމްޑެސެވިއާ ދޭނެ އެވެ. މިއީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެފްޑީއޭ އިން ހުއްދަ ދިން ފުރަތަމަ ބޭހެވެ.
ރެމްޑެސެވިއާ ދިނުމުން ކޮވިޑް-19 ގެ ބަލި މީހުން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވެފައިވާ ކަމަށް ކްލިނިކަލް ޓްރަޔަލްތަކުން އެނގޭ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެބޯލާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ކެލިފޯނިއާގެ ބޭސް އުފައްދާ ކުންފުންޏަކުން އުފެއްދި ރެމްޑެސެވިއާ އަކީ ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް "ޖާދޫގެ ވަޒަނެއް" ނޫން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ކޮރޯނާވައިރަހުން ޖެހޭ ބައްޔަށް ފަރުވާ ދިނުމުގައި ރެމްޑެސެވިއާ ބޭނުން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ކުރިން ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ވެސް ޕްރޮމޯޓް ކުރައްވައިފަ އެވެ.