ބަލީގެ ނުރައްކާ އޮތް ބިދޭސީން މިރޭ ކަރަންޓީން ފެސިލިޓީތަކަށް ގެންދަން ފަށަނީ
ބަލީގެ ނުރައްކާ އޮތް ބިދޭސީން މިރޭ ކަރަންޓީން ފެސިލިޓީތަކަށް ގެންދަން ފަށަނީ

ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން، މާލެއިން ބޭރުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ އިތުރުން ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ އުސޫލު ވެސް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ އެ ގުދު ތިރި ކުރެވޭނެ،" ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބަލީގެ ނުރައްކާ އޮތް މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ބިދޭސީން ކަރަންޓީންކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވަނީ އަންގަވައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 265 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ކުދިކުދި ތަންތަނުގައި ވަރަށް ބޮޑަށް ތޮއްޖެހިގެންނެވެ. އަދި މިހާތަނަށް ފެނުނު ގިނަ ކްލަސްޓާތަކުގައި ވެސް އެގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ގިނަ ކަމަށް އެޗްޕީއޭ އިން ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ މީހުންގެ ތެރެއިން މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް ހިމެނޭތީ، އެ މީހުން ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މީހުންނަށް ހާއްސަކޮށްގެން ވަގުތީ ތަންތަން އެ ތިން ރަށުގައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.