03 މެއި 2020 - 11:49

ކުއާލަ ލަމްޕޫރު (މެއި 3) - ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން، މެލޭޝިއާގައި ގަވާއިދާޚިލާފަށް އުޅޭ އެތައް ހާސް ބިދޭސީން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ވެރިޔާ އަބްދުލް ހާމިދު ބަދޫރު ވިދާޅުވީ ބިދޭސީން ހައްޔަރު ކުރަނީ އެ މީހުން އެއް ތަނުން އަނެއް ތަނަށް ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ. ބިދޭސީން ބަލައި ފާސްކޮށް ގަވާއިދާޚިލާފަށް އުޅޭ މީހުން ހައްޔަރު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ނުކުމެފަ އެވެ. ފުލުހުން ޗެކް ކުރަމުން ދަނީ ވެރިރަށް ކުއާލަ ލަމްޕޫރުގައި ބިދޭސީން ގިނަ އަދަދަކަށް ދިރިއުޅޭ ތަންތަނެވެ.
ބިދޭސީން ހައްޔަރު ކުރަން ފެށުމުން އދ. އިން ވަނީ ކުޑަ ކުދިންނާއި ބަލި ހާލަތުގައި ތިބި ބިދޭސީން ދޫކުރަން ގޮވާލައިފަ އެވެ. ހިއުމަން ރައިޓްސް ވޮޗުގެ ފިލް ރޮބަޓްސަން ވިދާޅުވީ ގިނަ ބަޔަކު އެއް ތަނަކަށް ޖަމާކޮށްފި ނަމަ އެ މީހުން ތިބޭ ކޭމްޕްތަކުގައި އިތުރަށް ބަލި ފެތުރިދާނެ ކަމަށެވެ.
އޭޝިއާގެ އެކި ގައުމުތަކުން ގޮސް ދެ މިލިއަނެއްހާ ބިދޭސީ މަސައްކަތު މީހުން މެލޭޝިއާގައި އުޅެ އެވެ. އޭގެ އިތުރުން ގަވާއިދާޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރާނެ ކަމަށް ބެލެވެ އެވެ.
މެލޭޝިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 6،176 މީހުން ޕޮޒިޓިވްވެ 103 މީހުން މަރުވެފަ އެވެ.