15 އޮކްޓޯބަރ 2016 - 15:57

ލ. އަތޮޅުގެ ދެ ރަށެއްގައި ފަށާފައިވާ ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށް ލޯނު ދޫކުރުމުގެ ދެވަނަ ބުރު ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ލ. ކަލައިދޫ އަދި ދަނބިދޫގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށައިފަ އެވެ. ހުއިފިލަނޑާ ބޮޑުކުރުން ތަޖުރިބާކުރުމުގެ މި މަސައްކަތް ކުރިއަށް ގެންދަނީ ލުއި ލޯނު ދޫކޮށްގެން ކަމަށްވާ އިރު، އެ މަޝްރޫއު ރަސްމީކޮށް ފެށުމުގެ ކުރިން އެ ދެ ރަށުގެ 30 ފަރާތަކަށް ލޯނު ދޫކޮށްފައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ބާކީ 70 ލޯނުގެ ފުރުސަތުގައި، އެކަމަށް އެދި އަންނަ އާދިއްތަ ދުހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ. ކޮންމެ ރަށަކުން 35 ފަރާތަކަށް މި ބުރުގައި ލޯނު ދިނުމަށް ނިންމާފައިވާ އިރު، ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށް ގެންދާނީ އެ މީހަކު ދިރިއުޅޭ ރަށެެއްގެ ކައުންސިލް އިދާރާއިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެ އެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކީމްގެ ދަށުން ދޫކުރާ ޖުމްލަ ލޯންގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށްފައިވާ އިރު، ނަގުދު ފައިސާގެ ބަދަލުގައި ދޫކުރަނީ ލޯނުގެ އަގަށްވާ ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާ އެވެ. ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި ދޫކުރާ ލޯނު އަނބުރާ ދައްކަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބޭ އިރު، ގިނަވެގެން ފަސް އަހަރުގެ ތެރޭގައި ލޯން އަނބުރާ ދައްކައި ނިންމަންޖެހެ އެވެ.
"މި ދެ ރަށުގެ ރައްޔިތުންގެ ތެރެއިން ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމުގެ ބޭނުމަކީ ހުއިފިލަނޑާ ބޮޑުކޮށް ވިއްކައިގެން އެ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.
ދަނބިދު އާއި ކަލައިދޫގައި ހިންގާ މި މަޝްރޫއު މިދިޔަ އާދިއްތަ ދުވަހު ފައްޓަވައި ދެއްވީ އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. އެ މަޝްރޫއު ފެށުމުގެ ކުރިން، މިދިޔަ އޮގަސްޓް މަހު އެ ދެ ރަށުގެ ރައްޔިތުންނަށް ހުއިފިލަނޑާ އާލާކުުރުމާ ގުޅޭ ގޮތުން ތަމްރީންތަކެއް ވެސް ދީފައިވެ އެވެ.