31 މެއި 2016 - 16:31

ބަޣުދާދު (މެއި 31) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ފައްލޫޖާ ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ކުރިއަށް ގެންދަނިކޮށް އައިއެސް އިން ރޭ ފަތިހު ރައްދު ހަމަލާތަކެއް ދީފި އެވެ.

އިރާގު ސިފައިން ބުނީ އައިއެސް އިން ހަމަލާ ދޭން ފެށީ ނުއައިމިއްޔާއާ ދިމާލުން ސިފައިން ކުރިއަރަމުން ދަނިކޮށް ކަމަށެވެ. އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލި ނަމަވެސް އިރާގު ސިފައިންނަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ފައްލޫޖާ ހިފުމުގެ ހަނގުރާމަ ހޫނުވެފައިވާ އިރު އެ ސިޓީގައިވާ އާއްމުންގެ ހާލަތާ މެދު އެހީދޭ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރިޕޯޓްތައް ބުނި ގޮތުގައި ބައެއް މީހުން ބަނޑަށް މަރުވަމުންދާ އިރު އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަން ދެކޮޅު ހަދާ މީހުން ދަނީ މަރަމުންނެވެ. ނޯވޭޖިއަން ރެފިއުޖީސް ކައުންސިލުން ބުނީ ފައްލޫޖާގައި އިންސާނީ މުސީބާތެއް ކުރިމަތިވުމުގެ މަލަމަތި ފެންނަމުންދާ ކަމަށެވެ.
ފައްލޫޖާ ހިފުމުގެ އޮޕަރޭޝަނުގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުލްވައްހާބު އަލް ސާދީ އޭއެފްޕީ އަށް ވިދާޅުވީ އިރާގު ސިފައިންނާ އައިއެސްގެ 100 ވަރަކަށް މީހުން ދިމާކޮށްލި ކަމަށެވެ. އަދި އޭގެ ތެރޭން 75 މީހުން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާގު ސިފައިންގެ ލަޝްކަރާ އެ މީހުން ދިމާކޮށްލީ ބަރު ހަތިޔާރާ އެކު. އެކަމަކު އެ މީހުން ޖާނުންފިދާވުމުގެ ހަމަލާ ދޭކަށް ނޫޅޭ،" އޭނާ ވިދާޅުވި އެވެ.