02 މެއި 2020 - 19:26

ކޮވިޑް 19ގެ އެންމެ ފަހު މައުލޫމާތު: ރާއްޖޭގައި މިހާތަނަށް ވަނީ 8429 ސާމްޕަލް ނަގާފައި. މީގެ ތެރެއިން ނަތީޖާ ނުލިބޭ 215 ސާމްޕަލް އެބައޮތް. ޕޮޒިޓިވެ ކޭސްތަކުގެ ޖުމްލައަކީ 519. އޭގެ ތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 343 ބިދޭސީން. ބަލީގެ އެކްޓިވް އަދަދަކީ 498. މިހާތަނަށް ފާހަގަވެފައިވާ ކޮންޓެކްޓްގެ އަދަދަކީ 3825. އައިސޮލޭޝަންގައި 447 މީހުން، އަދި ކަރަންޓީނުގައި 1311 މީހުން އެބަތިބި.
މަބްރޫކް: ރަށެއްގައި ޕޮޒިޓިވްވި ކުއްޖާ ބަހައްޓާފައި އެހެން ކުއްޖަކު ކަރަންޓީނަށް ގެންދެވުނު މައްސަލާގައި ދެންނެވޭނީ އެކަން އެގޮތަށް އޮތީ ހިނގައިފައޭ، އެކަމުގައި ދިމާވެފައި އޮތް ގޮތަކީ ޕޮޒިޓިވްވީ ކުއްޖާ އާއި އަނެއް ކުއްޖާ އެއީ އާއިލީ ގުޅުން އޮތް ދެ ކުދިން. އެއް ކުއްޖާ އާ އަނެއް ކުއްޖާއާ ނަމުގައި ތަފާތަކަށް ހުރީ އެއް އަކުރުގެ އެހެންވެ ނުބައި ކުއްޖަކު ހުރީ ގެންދެވިފައި. މި ގެންދެވުނީ ޕޮޒިޓިވްވި ބައްޕަ އާއި އޭނާގެ ދަރިފުޅު. އެކަމަކު އެ ކުއްޖާ އަކީ ވެސް ކްލޯޒް ކޮންޓެންޓެއް. އެކަމަކު އޭނާ ނެގެޓިވް. އަސްލު ގެންދަން ކުއްޖާ ހުރީ ރަށުގައި. އެ ކުއްޖާ ގެންދިއުމުގެ މަސައްކަތް މިހާރު އެބަކުރެވޭ.
މަބްރޫކް: މި ވަގުތު ފޯކަސް ކޮށްގެން މިތިބީ މި ބަލިން އަރައިގަތުމަށް. ދެވަނަ ކަމަކީ އިކޮނޮމީގެ އޮނިގަނޑު ހިފެހެއްޓުމަށް. އެ އޮނިގަނޑު އޮތް ނަމަ ޕެކޭޖްތައް ބޭނުންކޮށްގެން ރީސްޓާޓް ކުރަން
ޑރ. އަފްޒަލް: ދުނިޔޭގެ އެހެން ގައުމުތަކުގައި މި ބަލީގެ ފަރުވާ ދޭ ގޮތާ ދޭތެރޭ އެބަ ވިސްނާލަން ޖެހޭ. އަޅުގަނޑުމެން އެ ހިސާބަށް ދިޔައީއެއް ނޫން އަދި. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ކުރިއަށް އޮތްތާނގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ނުދެވޭ ހިސާބަށް ވެސް ހިނގައިދާނެކަން. މި ބައްޔަކީ ވަރަށް ފަސޭހަ ކަމާ އެކު ރަނގަޅު ވެސް ވާ ބައްޔެއް. ވަރަށް ގިނަ ބަޔަކު މިހާރު ވެސް އެ ދަނީ އެއްވެސް އަލާމާތެއް ނުފެނި. އެކަމަކު އަލާމާތްތަކަށް ބަލާފައި އެހެން ގައުމުތަކުގައި ދޭ އިރުޝާދެއް ގޭގައި އާދައިގެ ޓްރީޓްމެންޓެއްގައި ތިބުމަކީ. އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އަދި އެހެން ހެދުމަކީ. އެކަމަކު ކުރިއަށް އޮތްތާނގައި ފެތުރިގެންދާ ގޮތަކުން އެކަން އެހެން އެގޮތަށް ހަދަން ޖެހިދާނެ ކަމަށް ވިސްނައިގެން ތިބެން ޖެހޭނީ.
މަބްރޫކް: ތޮއްޖެހިގެން ބިދޭސީން އުޅޭ 23 ތަނެއް ފާހަގަވެފައި އޮތީ. އެތަންތަނުގައި ތިބި މީހުންގެ އިތުރުން އުޅޭނެ ތަނެއް ނެތް މީހުންނާއި ވަޒީފާ ނެތް މީހުން ވެސް ކަރަންޓީނު ކުރާނެ. އެންމެ ބޮޑެތި ހައިރިސްކް ތަންތަން ފުރަތަމަ ބަދަލު ކުރާނީ. އޭގެ ފަހުން ކުދިކުދި ތަންތަނުން މީހުން ގެންދާނީ.
މަބްރޫކް:ކުޅުދުއްފުށީގެ ޓާސްކްފޯސް އަށް ނޭނގި ބަޔަކު އެ ރަށަށް ދިޔަ ވާހަކައިގައި ދެންނެވެން އޮތީ އެ ރަށަށް 7 މީހަކު ދިޔަ. އެއީ 7 މީހުން. އެ މީހުން ފޮނުވީ އާސަންދައިން. އޭގެ ތެރޭގައި ހަތަރު މީހުން އެއީ ކެންސަރު ބަލި މީހުން. ދެން ތިބީ އެހީތެރިން. އޭގެ ތެރޭގައި ކުމުންދޫ 2 މީހަކު ވެސް ހިމެނޭ. ޓްރީޓްމަންޓް ނިންމާފައި އާސަންދައިން ކުޅުދުއްފުށީ ކައުންސިލަށް އަންގާފައި ދިޔައީ. ކުމުންދޫ ދެ މީހުން ވެސް މި ވަގުތު ކުޅުދުއްފުށީ ކަރަންޓީން ފެސިލިޓީގައި އެބަތިބި.
މަބްރޫކް: ގުޅިފަޅުގައި މިހާރު ހަދާ ފެސިލިޓީ ނިމޭއިރު އެތަނުގައި 5000 މީހުންނަށް ތިބެވޭނެ. މިހާރު ވެސް އެތާނގައި 674 ޖާގަ އެބައޮތް. ހުޅުމާލޭގައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރާ ފެސިލިޓީގައި 400އެއްހާ މީހުންނަށް ތިބެވޭނެ. މީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް ހުޅުމާލޭގައި އެބަ ތައްޔާރުކުރޭ ފެސިލިޓީއެއް.
ޑރ. އިބްރާހިމް އަފްޒަލް: އަމާޒު ބޯޓާ ގުޅިގެން މިހާރު ތިން ކޭސް ވަނީ އިތުރަށް ފެނިފައި. އޭގެ ތެރެއިން ރޭ އެކަކު އަދި މިއަދު ދެ ކޭސް ހިމެނޭ. މީގެ އިތުރުން މިއަދު އެސްޓީއޯގެ ކޭހަކާއި ބާޒާރުމަތީގެ ކޭސްތައް ވެސް ހިމެނޭ. އާ ކޮންޓެކްޓެއް ފެނިފައެއް ނުވޭ.
މަބްރޫކް: ޓެގްގެ ނިންމުމެއް މިއަދު ވަނީ ލިބިފައި. ސްޕެޝަލް ޕާމިޓްގައި އަންނަ މީހުން 14 ދުވަހުގެ މުއްދަތުގައި ކަރަންޓީނުގައި ތިބެން ޖެހޭނެ. ރާއްޖެ އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ހަދަން ޖެހޭނެ. އަދި އެ މީހުންނަށް ހިދުމަތްދޭ މީހުންނަކީ އެއް ބަޔަކަށް ވާން ޖެހޭނެ. އަދި ހިދުމަތްދޭ މީހުން ވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެން ޖެހޭނެ. އޭގެ ތެރެއިން ރިސޯޓް އޯނަރުންނަށް އެ މީހުންގެ ރަށްރަށުގައި ތިބެވޭ ގޮތް ހަމަޖެހޭނެ. ސްޕެޝަލް ވިސާގެ ތެރޭގައި ހިމެނެނީ ރިސޯޓް އޯނަރުންނާއި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ މީހުންނާއި އެފަދަ މީހުން.
މަބްރޫކް: މިރޭގެ ވަގުތެއްގައި ގުޅިފަޅަށް 113 ބިދޭސީއަކު ބަދަލު ކުރެވޭނެ. އަދި 82 ބިދޭސީއަކު ހުޅުމާލޭގެ ފޭސް 2 އަށް ބަދަލު ކުރެވޭނެ.
ތަރުޖަމާނު މަބްރޫކް އަޒީޒު: އެސްޓީއޯގެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން އެސްޓީއޯ ސުޕަމާޓާއި އެސްޓީއޯ ޓްްރޭޑް ސެންޓަރާއި އެސްޓީއޯ ސުޕަމާޓް ވަނީ ޑީ-ކޮންޓިމިނޭޝަން ކުރަން ނިންމައިފައި. އެކަން ނިމި މިރޭގެ ވަގުތެއްގައި އެސްޓީއޯގެ ގުދަން އާންމު ހާލަތަކަށް ގެނެވޭނެ. މީގެ އިތުރުން އެސްޓީއޯގެ އީސްޓޯރުގެ ހިދުމަތް ވަނީ ހުއްޓާލައިފައި. އެކަމަކު އެކަން ވެސް އަލުން މާދަމާ ފެށޭނެ.
އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެ އިދާރާ އިން ބުނީ އެންމެ ފަހުން ޕޮޒިޓިވްވީ ހަތަރު ދިވެއްސަކާއި ސްރީ ލަންކާގެ މީހެއް ކަމަށް. އެހެންވެ މިރޭގެ 9:00 އާ ހަމައަށް މިއަދު މިވަނީ 28 މީހަކު ޕޮޒިޓިވް ވެފައި. މިދިޔަ މަހުގެ 7 ން ފެށިގެން މި ހިސާބަށް ރާއްޖެ އިން ޕޮޒިޓިވްވީ 519 މީހުން.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މިރޭ 7:00 އާ ހަމައަށް 514 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަަށެވެ.
އެ އިދާރާ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނާއި އިންޑިއާގެ އެކެއް އަދި ނޭޕާލްގެ މީހެކެވެ. މި 23 މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އެޗްޕީއޭ އިން މިއަދު އިއުލާންކުރި ފުރަތަމަ ލިސްޓެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 71 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 174 އެވެ. އެންމެ ގިނައިން އެ ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ މިހާރުގެ ޖުމްލަ އަކީ 265 އެވެ. ދެން އުޅެނީ އިންޑިއާގެ 52، އިޓަލީގެ 11، ނޭޕާލްގެ ތިނެއް، ޕާކިސްތާނުގެ ތިނެއް އަދި ސްރީ ލަންކާގެ ދެ މީހެކެވެ. "އެހެނިހެން" ކެޓަގަރީގައި ހަތަރު މީހަކު ތިބި ކަމަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.
ރާއްޖެ އިން ކޮވިޑް-19 ގެ އެކަކު މަރުވެފައިވާއިރު، 17 މީހަކު މިހާތަނަށް ވަނީ ރަނގަޅު ވެފަ އެވެ.