02 މެއި 2020 - 19:31

ކޮރޯނާވައިރަހާ ދިމާކޮށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އައްޑޫގެ ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް ދޭން ހާއްސަ ސިސްޓަމް ގާއިމުކޮށް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ސިސްޓަމަކީ އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އައްޑޫ، ހިތަދު އަށް ނިސްބަތްވާ ޕްރޮފެސަރު ހަސަން އުގެއިލްގެ ފައުންޑޭޝަންގެ އެހީތެރިކަމާ އެކު ގާއިމުކޮށްފައިވާ ސިސްޓަމެކެވެ.
ކައުންސިލުން ބުނީ އައްޑޫގައި މިހާރު ޑެލިވަރީގެ ހިދުމަތްދޭން ހުއްދަ ދީފައިވާ ހުރިހާ ވިޔަފާރިތަކަށް ސިސްޓަމް ބޭނުންކުރެވޭނެ ކަމަށާއި ސިސްޓަމަށް ރަޖިސްޓްރީވުމާއި އެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އުގެއިލް ފައުންޑޭޝަނުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސިސްޓަމް މެދުވެރިކޮށް ވަރަށް ފަސޭހަކޮށް އޯޑަރުކުރެވި، ޑެލިވަރީގެ ހިދުމަތް މާ ފަސޭހަކޮށް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިރެއިން ފެށިގެން ކޮންމެ ވިޔަފާރިއަކަށް ވަކިވަކިން ސިސްޓަމާ ބެހޭ ސެޝަންތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ސިސްޓަމާ ބެހޭ އިތުރު މައުލޫމާތު ވިޔަފާރިތަކަށް 7259034 އަށް ގުޅައިގެން ހޯދޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.