02 މެއި 2020 - 17:57

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒަމާނުއްސުރެ ހައްލެއް ނުލިބި އޮތް ބިދޭސީންގެ މައްސަލަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދި ފަރުވާއެއް ހޯދިފައިނުވާ ބަލި ކޮންޓްރޯލްކުރަން ބިދޭސީން ދިރިއުޅޭ ދަތި ތަންތަނުން އެމީހުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ސަރުކާރަށް ބުރަބޮޑު ކަމެއް ކަމަށެވެ. އެކަމަކު އިސްކަމެއް ދީގެން އެ މުހިއްމު މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 400 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 331 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެ ގައުމުގެ 261 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ކުދިކުދި ތަންތަނުގައި ވަރަށް ބޮޑަށް ތޮއްޖެހިގެންނެވެ. އަދި މިހާތަނަށް ފެނުނު ގިނަ ކްލަސްޓާތަކުގައި ވެސް އެގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ގިނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
ސަރުކާރުން އަންނަނީ ތޮއްޖެހިގެން އުޅޭ ބިދޭސީން ރަނގަޅު ތަންތަނަށް ބަދަލުކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހުޅުމާލެ އަށް ބަދަލުކޮށްފަ އެވެ. ބިދޭސީން ބަދަލުކުރުމަށް އިތުރު ޖާގަތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފުލުހުން މިހާރު އަންނަނީ ބިދޭސީން ދިރިއުޅޭ ބައެއް ތަންތަން ބަލަހައްޓަން ވެސް ފަށައިފަ އެވެ. އެއީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެފަދަ ދެ ތަނަކުން 95 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.