02 މެއި 2020 - 15:01

ރޯމް (މޭ 2) – ފުރުސަތު ތަނަވަސްވިހާ އަވަހަކަށް، މެދުކަނޑާލާފައިވާ މި ސީޒަން ކުރިއަށް ގެންދިއުމަށް އިޓާލިއަން ލީގުގެ 20 ކްލަބުން ރުހުން ދީފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ލީގު މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ފެށޭނެ ކަމުގެ އުއްމީދު އާވީ އިޓަލީ ސަރުކާރުން ލޮކްޑައުނަށް މި ހަފުތާގައި ލުޔެއް ދޭން ނިންމުމުންނެވެ. އެ ލުޔާ އެކު މި މަހުގެ 18 އިން ފެށިގެން ޕްރޮފެޝަނަލް ޓީމުތަކަށް ޕްރެކްޓިސްތައް ފެށުމުގެ ފުރުސަތު ލިބޭނެ އެވެ.
އެކަމަކު ލީގު އަލުން ފަށަން ބައެއް ކްލަބްތަކުން ދެކޮޅުކަމުގެ އަޑުތައް ވެސް ދާދި ފަހުން ފެތުރުނެވެ. އެންމެ ފަހުން ލިބުނު ހަބަރުތައް ބުނާ ގޮތުގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނާއި ކްލަބްތަކުން މިހާރު ވަނީ ފުރުސަތު ލިބުނުހާ އަވަހަށް ސީޒަން ފަށަން އެއްބަސްވުމަކަށް އައިސްފަ އެވެ. މާނައަކީ ކެންސަލްނުކުރަން ނިންމުމެވެ. އެކަމަކު ކޮންމެ ތާރީހެއްގައި ވިޔަސް ސީޒަން ފަށާނީ އިޓަލީ ސަރުކާރުން ހުއްދަ ދިނުމުންނެވެ.
އިޓާލިއަން ލީގުގެ ރައީސް ޕައޮލޯ ޑަލް ޕީނޯ ވިދާޅުވީ ފުޓްބޯޅަ އަލުން ފަށަން ބޭނުންވާ ކަމަށާއި، ސިއްހީ އުސޫލުތަކަށް އިހުތިރާމްކޮށްގެން ކުރިއަށްގެންދެވޭނެ ނަމަ، ޕްރޮފެޝަނަލް ކޮންމެ މީހަކު ވެސް އެ މީހެއްގެ ވަޒީފާއައިގެން ކުރިއަށްދާން ބޭނުންވާނެ ކަމަށެވެ. އަދި ފުޓްބޯޅަ ފެށުމުގައި، ސަރުކާރުން ދޭ ލަފަ އަށް ފުރިހަމަ އަށް ބޯލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ އެނޫން އެއްވެސް ގޮތެއް ނެތް ހާލަތެއްގައި މެނުވީ ފުޓްބޯޅަ އެއްކޮށް ކެންސަލްނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއްކޮށް ހުއްޓާލައިފި ނަމަ 700-800 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށާއި ސަޕޯޓަރުން ނުވައްދާ ކުޅޭ ނަމަ ވާނީ 300 މިލިއަން ޔޫރޯގެ ގެއްލުމެއް ކަމަށް ވިދާޅުވި އެވެ. އެންމެ ގެއްލުން ކުޑަވާނީ ސަޕޯޓަރުން ވައްދައިގެން އަލުން ފަށާނަމަ އެވެ. އެއީ 100-150 މިލިއަން ޔޫރޯގެ ގެއްލުމެކެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ކަމަށް ނުބެލެވެ އެވެ.
ފެށުނީއްސުރެ ޔުއެފާ އާއި ފީފާ އިން އަންނަނީ ސީޒަން ފުރިހަމަކުރަން ބާރުއަޅަމުންނެވެ. އެކަން ކުރަން ވަގުތު ދިނުމުގެ ގޮތުން ޔުއެފާ އިން ވަނީ ޖޫން/ޖުލައި ގައި ބާއްވަން އޮތް ޔޫރޯ ވެސް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި ސީޒަން ފުރިހަމަނުކުރާ ގައުމުތަކުގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުން ފުރުސަތު ނުލިބިދާނެ ކަމުގެ އިޝާރާތެއް ވެސް ޔުއެފާ އިން ކުރި އެވެ.
އެކަމަކު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ނެދަލެންޑްސް އާއި ފްރާންސް ސީޒަން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ޔުއެފާ އަދިވެސް އޮތީ ގިނަ ގައުމުތަކުން ސީޒަން ފުރިހަމަކުރާނެ ކަމުގެ އުއްމީދުގަ އެވެ. އެންމެ ބޮޑު ސަބަބަކީ ފުރިހަމަނުކޮށްފި ނަމަ މާލީ ގެއްލުންތަކެއްވެ ކްލަބްތަކެއް ބަނގުރޫޓްވުމުގެ ބިރު އޮތުން ކަމަށް ބެލެވެ އެވެ.