އިންޑިއާގެ ލޮކްޑައުން ދިގުދަންމާތީ ޑައިރެކްޓަރު އަނޫރާގް ރުޅިގަދަވެއްޖެ
އިންޑިއާގެ ލޮކްޑައުން ދިގުދަންމާތީ ޑައިރެކްޓަރު އަނޫރާގް ރުޅިގަދަވެއްޖެ

ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުން ސަރުކާރުން ދިގުދަންމުންދާތީ ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގް ކެޝަޕް ރުޅިގަދެއްޖެ އެވެ.

އިންޑިއާގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ މިދިޔަ މަހުގެ 22 ގަ އެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ދިގުދަންމައިލި ލޮކްޑައުންޑް މިއަދަށް ހަމަވާތީ މިހާރު އަނެއްކާ ވެސް އިތުރު ދެ ހަފުތާ އަށް މުއްދަތު
ވަނީ އިތުރުކޮށްފަ އެވެ. ދެން ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ގަ އެވެ. ލޮކްޑައުންއާ އެކު އިންޑިއާގެ ވަރަށް ގިނަ އިންޑަސްޓްރީތައް ހުއްޓުމަކަށް އައިސް، އިގުތިސާދީ ގޮތުން ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ލޮކްޑައުނާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އެއް އިންޑަސްޓްރީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ އަށް ބޮލީވުޑެވެ. އެގޮތުން ސިނަމާތައް ބަންދުކޮށް، ފިލްމާއި ޓީވީ އުފެއްދުންތަކުގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ. އަދި ދަތުރުފަތުރުގެ ހިދުމަތް ވެސް ހުއްޓާލައިފައި އޮތުމުން އެތަކެއް ތަކުލީފެއް ރައްޔިތުންނަށް ވަނީ އުފުލަން ޖެހިފަ އެވެ.

މިކަންކަމަށް އިޝާރާތްކޮށް "ގޭންގްސް އޮފް ވަސޭޕޫރް" އާއި "މަންމަރުޒިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނީ ލޮކްޑައުން ދިގުދަންމަނީ މި ހާލަތުން އަރައިގުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގައި ހަރުދަނާ ޕްލޭނެއް ނެތުމުން ކަމަށެވެ.

"މިކަން ދެން ހަމަ ދާނީ މިހެން. ސަރުކާރުގެ ނެތް އެއްވެސް ޕްލޭނެއް، ސްޓްރެޓެޖީއެއް. އަނެއްކޮޅުން އިގުތިސާދު ފުނޑި ގައުމުގައި ފައިސާއެއް ނެތް،" އަނޫރާގް ބުންޏެވެ. "މި ހާލަތުން ދެން އަހަރެމެންނަށް އަރައިގަނެވޭނީ ހުރިހާ ސިޔާސީ ޕަޓީތަކާއި އިގުތިސާދީ މާހިރުންނާއި ސައިންސްވެރިންނާއި އަދި އެ ނޫން ވެސް އެތައް ބަޔަކު އެއްކޮށް މަސައްކަތްތަކެއްކޮށްގެން."

އޭނާ ބުނިގޮތުގައި މި ދަތި އުނދަގޫ ހާލަތުން ގައުމު ސަލާމަތްކުރަން އިސް ނަންގަވަން ޖެހޭނީ ސީދާ މޯދީ އެވެ. އެކަމަކު އޭނާގެ ފަރާތުން އެންމެ ޒިންމާދާރު މަސައްކަތްތައްކެއް ނުފެންނަ ކަމަށް ބުންޏެވެ.

އިންޑިއާގެ ތަޖުރިބާކާރު ވަރަށް ގިނަ އިގުތިސާދީ މާހިރުން ވެސް ގެންދަނީ ލޮކްޑައުނަށް ލުއިތަކެއް ދޭން ޖެހޭ ކަމަށް ބުނަމުންނެވެ.