އެމްޓީސީސީގެ ފްރޮންޓްލައިން މުވައްޒަފުންނަށް އޮފީހުގައި ލޮކްޑައުން ވެވޭ ގޮތް ހަދައިފި
އެމްޓީސީސީގެ ފްރޮންޓްލައިން މުވައްޒަފުންނަށް އޮފީހުގައި ލޮކްޑައުން ވެވޭ ގޮތް ހަދައިފި

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން އެމްޓީސީސީގެ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެގެން ތިބެ ވަޒީފާ އަދާ ކުރެވޭ ގޮތް ހަދައިފި އެވެ.

އެމްޓީސީސީން ބުނީ އެ މުވައްޒަފުން ގެއަށް ނުގޮސް އޮފީހުގައި ތިބޭގޮތް ހެދީ މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން މި ޕްލޭނުގެ ދަށުން އެމްޓީސީސީގެ ފެރީތަކާއި މެޓްރޯ ބަސް އަދި ކާރާއި ވޭން ދުއްވާ މީހުން ތިބޭނެ އައިލޭޝަން ފެސިލިޓީތައް ގާއިމް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މުވައްޒަފުން ތިބޭނެ އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކޮށްފައިވަނީ އެމްޓީސީސީ މޭނާ ގިމަތަ (ހުޅުމާލެ-މާލެ ފެރީ ޓާމިނަލް) އާއި ފެންނާ ގިމަތަ (މާލެ-ހުޅުމާލެ ފެރީ ޓާމިނަލް) އާއި ރާންނާ ގިމަތަ (ވިލިނގިލި- މާލެ ފެރީ ޓާމިނަލް) އެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ނަމަވެސް އެމްޓިސީސީން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތްތައް އަދިވެސް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ސިއްހީ އެހީތެރިން މާލެ ގެނައުމާއި ވިލިނގިއްޔާއި ތިލަފުއްޓާއި ގުޅީފަޅުގައި ތިބި މީހުންނަށް މުދާ ފެރީގެ ހިދުމަތް ފޯރުކޮށްދިނުމާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެމްއެންޑީއެފަށް ބޭނުންވާ ހިދުމަތްތައް އެމްޓީސީސީގެ އުޅަނދުތައް ބޭނުންކޮށްގެން ދެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެކި ގޮތްގޮތުން މި ދަނޑިވަޅު އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ 40 މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ލޮކްޑައުންގެ މުއްދަތުގައި މި މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެމްޓީސީސީންނެވެ.

މި މުވައްޒަފުންގެ އިތުރުން ތިލަފުށީގައި ވެސް އެ ކުންފުނީގެ 120 މުވައްޒަފުން ވަނީ ސްޓޭޝަން ކޮށްފަ އެވެ. މިއީ އެ ކުންފުނިން ހިންގާ ބޯޓު ޔާޑުގެ ހިދުމަތް މި ދަނޑިވަޅު ބޭނުން ޖެހިދާނެ ހާލަތެއްގައި އެ ހިދުމަތް ފޯރުކޮށްދޭން ތިބި މުވައްޒަފުންތަކެކެވެ.

އެމްޓީސީސީގެ އިތުރުން އެމްޕީއެލްގައި ވެސް ބައެއް މުވައްޒަފުން ވަނީ ލޮކްޑައުން ކޮށްފަ އެވެ.