04 މެއި 2020 - 09:21

ޖަނަވާރުންގެ ފަރާތުން ފެންނަ ބައެއް ކަންކަމަކީ އިންސާނުން އަޖައިބުކޮށްލާވަރުގެ ކަންކަމެވެ. މިއީ އެކަމަކު އާދަޔާ ހިލާފް ކަމެކެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގެ ހޮސްޕިޓަލަކަށް ބުޅަލެއް ދިޔައީ އޭގެ ދަރި ގޮވައިގެންނެވެ. ބުޅާ ހޮސްޕިޓަލަށް ދިޔައީ ދަރި ބަލިކަން އެނގިގެން ކަމަށް ގަބޫލުކުރެވެ އެވެ. އެއީ ދަރި ތުނބުލައިގެން އުފުލާލައިގެން ދިއުމުންނެވެ.
މި ބުޅާތައް ހޮސްޕިޓަލުން ފެނުމާ އެކު ވަގުތުން ހޮސްޕިޓަލްގެ ސްޓާފުން "ލޯބިން" ބުޅާތަކަށް އެހީވި އެވެ. އަދި ޅަ ބުޅަލުގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިތޯ ޗެކްކޮށް، ފަރުވާ ވެސް ދީފައިވެ އެވެ. މި މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވެ، ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
ފޮޓޯތައް ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާކުރި މެރުވޭ އޮޒްކާން ބުނިގޮތުގައި ހޮސްޕިޓަލްގެ އިމަޖެންސީ ރޫމާ ދިމާލަށް މައި ބުޅާ، ދަރި ބުޅާ ތުނބު ލައިގެން ގެންދާ ތަން ފެނުމާ އެކު ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި އެ އެއްޗެހީގެ ހަރަކާތްތައް ބަލަން ހުއްޓައި މައި ބުޅާ "ހާސްވެގެން" އުޅުނު ތަން ފެނުނު ކަމަށާއި އެ ބުޅާ އައީ ސީދާ އޭނާގެ ދަރިއަށް ފަރުވާދޭން ކަމަށް ގަބޫލުކުރެވުނު ކަމަށް ބުންޏެވެ.
ނަމަވެސް އުފާވީ ހޮސްޕިޓަލްގެ ސްޓާފުން ބުޅާތަކާ ދޭތެރޭ ކަންތައް ކުރި ގޮތް ފެނިފައި ކަމަށް އޮޒްކާން ބުންޏެވެ.
މި ހާދިސާއާ ބެހޭ ގޮތުން ތުރުކީގެ ބައެއް މީޑިއާތަކުން ބުނީ ދެ ބުޅަލަށް ވެސް ހޮސްޕިޓަލްގެ މުވައްޒަފުން ވަރަށް ލޯބިން އަޅާލައި، ދޫކޮށްލީ ކިރު ވެސް ބޯން ދިނުމަށް ފަހު ކަމަށެވެ. އަދި މިއީ އަޅާޅުމާއި އޯގާތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.