02 މެއި 2020 - 13:10

ކާވިޔާ ބޯޓުން ދަތުރު ކުރި ހއ. ތަކަންދޫގެ ތިން މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވުމުން، އެ މީހުންނާ އެކު އެ ބޯޓުން ދަތުރު ކުރި 33 މީހުންގެ ސާމްޕަލް އަނެއްކާ ވެސް މިއަދު ނަގައިފި އެވެ.
ކޮވިޑް-19 އަށް އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެކެވެ. އެއީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ތަކަންދު އަށް ދިޔަ ބައެކެވެ. މީގެ ކުރިން ވަނީ އެ ބޯޓުން ދަތުރު ކުރި ހއ. އުލިގަމުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
ކާވިޔާ ބޯޓުގެ އެ ދަތުރުގައި ބައިވެރިވި އެންމެން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފަ އެވެ. އުލިގަމާއި ތަކަންދޫން ޕޮޒިޓިވްވި ހަތަރު މީހުން ފިޔަވައި ކާވިޔާ ބޯޓުން ދަތުރު ކުރި އެހެން މީހަކު މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ޕޮޒިޓިވްވި ތިން މީހުންނާ އެކު، ކާވިޔާ ބޯޓުން ތަކަންދު އަށް ދިޔަ 33 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންގެ ޓެސްޓުގެ ނަތީޖާ ވަނީ ލިބިފަ އެވެ. އެ ހުރިހާ ނަތީޖާއެއް ވެސް ވަނީ ނެގެޓިވް ވެފަ އެވެ. ނަމަވެސް ތަކަންދޫން ތިން މީހުން ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބެލުމަށް މިއަދު އަނެއްކާ ވެސް ވަނީ 33 މީހުންގެ ސާމްޕަލް ނަގައިފަ އެވެ.
ޕޮޒިޓިވްވި ތިން މީހުން ވަނީ ކަރަންޓީން ފެސިލިޓީއަކަށް އުތުރުން ހަމަޖައްސާފައިވާ ހައިޑަވޭ އައިލެންޑް ރިސޯޓަށް އިއްޔެ ގެންގޮސްފަ އެވެ.
ކޮވިޑް-19 އަށް ތަކަންދޫން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުކުތުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.
އެ ރަށުގެ ސޯޝަލް ސަޕޯޓް ޑެސްކްގެ ފޯކަލް ޕޮއިންޓް، އަލީ މުހައްމަދު ވިދާޅުވި ގޮތުގައި، ކާވިޔާ ބޯޓުން ދަތުރުކުރި މީހުން ދިރިއުޅޭ 16 ގެއެއް ކަރަންޓީން ކޮށްފައިވާތާ 17 ދުވަސް ވެއްޖެ އެވެ. އެ ބޯޓުން ދަތުރު ކުރި މީހެއް ވެސް އަދި އެއިން ގެއެއްގައި ދިރިއުޅޭ މީހެއްގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮޒިޓިވްވި މީހުންގެ ވެސް އެއްވެސް އަލާމާތެއް އަދި އުނދަގުލެއް ވާތީއެއް ނޫޅޭ. އެކަނި އޮންނަން ޖެހޭތީ އެވާ އުނދަގޫ އެކަނި. އެހެން ކަންކަން ރަނގަޅު،" ރަށު ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާ އަލީ ވިދާޅުވި އެވެ.
ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ކަރަންޓީން ކޮށްފައިވާ ގެތައް ފިޔަވައި އެހެން ކޮންމެ ގެއަކަށް އެއް ފާސް ދީފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ކަރަންޓީން ކޮށްފައިވާ ގެތަކުން ބޭނުންވާ ކަންކަން އެންގުމުން އެ ކަންކަން ހަމަޖައްސައި ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް ކިޔަމަންތެރި ރައްޔިތުން. އެއްވެސް ވަރަކަށް ބޭރުތެރެއިން މީހަކު ނުފެނޭ. އަންގާފައިވާ ގޮތަށް ރައްޔިތުން އަމަލު ކުރައްވާ،" ތިންސަތޭކައެއްހާ މީހުން ދިރިއުޅޭ ރަށުގެ ހާލަތު އަލީ ވިދާޅުވި އެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.