އާމިރު ޚާންގެ އާއިލާ އިން ބޮލީވުޑަށް އާ މޫނެއް
އާމިރު ޚާންގެ އާއިލާ އިން ބޮލީވުޑަށް އާ މޫނެއް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އަންހެނަކު ބޮލީވުޑަށް ތައާރަފުވެއްޖެ އެވެ.

ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ފިލްމު "މިސިޒް ސީރިއަލް ކިލާ" ގެ ރޯލަކުން ބޮލީވުޑަށް ތައާރަފުވީ އާމިރުގެ އަލަތު ފިލްމު 1989 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ ޑައިރެކްޓަރު މަންސޫރް ޚާންގެ އަންހެން ދަރިފުޅު ޒޭން މާރީ ޚާނެވެ.

މަންސޫރަކީ އާމިރުގެ ބައްޕަ ތާހިރު ހުސައިންގެ ކޮއްކޮ ނާސިރު ހުސައިންގެ ދަރިއެކެވެ. ޒޭންގެ އިތުރުން މަންސޫރުގެ ދެން ހުންނަނީ ޕަބްލޯ އިވާން ޚާން ކިޔާ ފިރިހެން ދަރިއެކެވެ.

ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާންގެ ފިރިމީހާ ޝްރިޝް ކުންދަރް ލިޔެ، ޑައިރެކްޓްކުރި "މިސިޒް ސީރިއަލް ކިލާ" ގައި ޒޭން ކުޅެފައި ވަނީ އަނުޝްކާ ތިވާރީ ކިޔާ ކެރެކްޓާއެކެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ ޖެކްލިން ފެނަންޑޭޒާއި މަނޯޖް ބަޖްޕާއީގެ އިތުރުން މޯހިތު ރައިނާ އެވެ.

ޒޭން ބޮލީވުޑަށް ނުކުތް އިރު، އާމިރުގެ އާއިލާގެ އަންހެން މެމްބަރުންނަކީ އާންމުކޮށް ފިލްމުކުޅޭ ބައެއް ނޫނެވެ. އެކަމަކު އާމިރުގެ ދައްތަ ނިޚާތު ހާން މިދިޔަ އަހަރު ރިލީޒްކުރި "ސާންޑް ކީ އާނކް" ގެ ރޯލެއް ކުޅެފައިވެ އެވެ.

އާމިރުގެ ދެ ކުދިންގެ ތެރެއިން އަންހެން ދަރިފުޅު އިރާ ޚާނަކީ ޑައިރެކްޓަރެކެވެ. އަދި ފިރިހެން ދަރިފުޅު ޖުނައިދު ޚާން ވަނީ ބައްޕަ ކުޅުނު ބައެއް ފިލްމުތަކުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އާމިރުގެ އާއިލާ އިން ދެން ފިލްމީ ދާއިރާ އަށް ނުކުތް މީހުންގެ ތެރޭގައި ކޮއްކޮ ފައިސަލް ޚާނާއި ބޮޑުބޭބެ ކިޔާ އިމްރާން ޚާން ހިމެނެ އެވެ. އެކަމަކު އެ ދެ މީހުންނަކީ މާ ބޮޑު ކުރިއެރުމެއް ނުލިބި، ވަރަށް އަވަހަށް ގެއްލުނު ދެ އެކްޓަރުންނެވެ.