02 މެއި 2020 - 00:02

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށާއި އެއީ ރަނގަޅަކަށް ވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ޕްރެސް ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.އަފްޒަލް ނުސީދާ ގޮތެއްގައި ވިދާޅުވީ ޕޮޒިޓިވްވާ ގިނަ މީހުންގެ ގައިން އަލާމާތެއް ނުފެނުމުގެ އެއް މާނައަކީ މީހުންގެ އިމިއުނިޓީ (ބަލިން ދިފާއުވުމުގެ ބާރު) ތަރައްގީ ވާތީ، އަލާމާތެއް ނުފެނި މީހުން ބަލިން ރަނގަޅުވުން ކަމަށެވެ. މި ބަލިން ވެސް އަރައި ގަނެވޭނީ އޭނާ ވިދޅުވި ގޮތުގައި އެގޮތަށް މެދުވެރިވާ ނަމަ އެވެ.
"މިކަހަލަ ބަލިތަކުގައި ބަލި އެ ސިމްޕްޓަމެޓިކްކޮށް ޖެހުން އެއީ އޭގެ ޒާތުގައި އަޅުގަނޑު ބުނާނީ އެއްގޮތަކަށް ބަލައިފިއްޔާ ވަރަށް ރަނގަޅު ކަމެކޭ. އެއީ ކީއްވެގެން؟ މިފަދަ ބައްޔަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އަންނަނީ ހަގީގަތުގައި އާބާދީގެ ގިނަ ބަޔަކަށް އޭގެ އިމިއުނިޓީ ލިބިގެން،" އަފްޒަލް ވިދާޅުވި އެވެ.
މީގެ މާނައަކީ އަލަމާތްތައް ނުފެންނަ މީހުން ގިނައީ، ބަލިން ދިފާއުވުމުގެ ބާރު ގިނަ ބައެއްގެ ގައިގައި ހުރުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އޭނާ ދެކެވަޑައިގެންނެވުމެވެ. އޭނާ ވިދާޅުވީ ގިނަ ބައެއްގެ ގައިން އަލާމާތްތައް ފެނި، ސީރިއަސްވާ މީހުން ގިނަވާ ނަމަ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
މިއީ، ރަނގަޅު ހަބަރަކަށް ވިއަސް އޭގައި ދެން އޮތް ކަންބޮޑުވުމުގެ ވާހަކަ ވެސް އަފްޒަލް ވިދާޅުވެދެއްވި އެވެ.
އަލާމާތްތައް ނުފެނި ފެތުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލި ޖެހޭ މީހުން ހޯދަން އޭރުން އުނދަގޫ ވާނެ ކަމެކެވެ. އެގޮތުން ރޫޓިން ކޮށް، ކޮންޓެކްޓުން ޓެސްޓްކޮށްގެން ބަލި މީހުން ދެނެގަތުން އޭރުން ވާނީ އުނދަގޫ ކަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ އެކްޓިވް ސަވައިލެންސުން އެކަހަލަ ކޭސްތައް ކެޕްޗާ ވާނީ ވެސްް،" އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ އެކްޓިވް ސަވައިލެންސްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ އެއްގޮތަކީ ހައި ރިސްކް އޭރިއާ ތަކުން ގިނަ ސާމްޕަލް ތައް ނަގައިގެން ޓެސްޓް ކުރުން ކަމަށާއި ވަކި ވަކިން އެކި ތަންތަނުން ސާމްޕަލް ނަގައިގެން ޓެސްޓްކުރުުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި އިސްކަން ދޭނީ ކޭސްތައް ފެންނަ ރަށްރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ މާލެއިން ކަމަށް ވާތީ މާލޭގައި ވަރަށް ވައިޑްކޮށް އެކްޓިވް ސަވައިލެންސްގެ މަަަސައްކަތް ކުރިއަށްގެންދަން ޖެހޭނެ،" އަފްޒަލް ވިދާޅުވި އެވެ.
މާލެއަށް ފަހު ދެން އިސްކަން ދޭނީ ގިނަ ކޭސްތައް ފެނިފައިވާ އެހެން ރަށްތަކަށް ކަމަށާއި އެކަމަކު ހައިރިސްކް ގްރޫޕްތައް ގިނަ ރަށްތަކަށް ވެސް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ކޭސްތައް މާލެއިން ފެނުނުތާ މިހާރު ދެ ހަފްތާ ވެފައި ވާއިރު، މާލެއަށް ވައިރަސް އައީ ކޮން ދިމާލަކުން ކަން އަދި ވަނީ ނުހޯދި އެވެ. ރާއްޖޭގެ ކޭސްތަކުގެ ޖުމްލައަކީ މިހާރު 481 އެވެ.