15 އޮކްޓޯބަރ 2016 - 10:09

މެޑްރިޑް (އޮކްޓޯބަރު 15) - އޭނާ އަކީ ޖާދޫ ހަދާ މީހެއް ނޫން ކަމަށާއި ރެއާލް މެޑްރިޑަށް ދިމާވެފައިވާ މައްސަލަތަކުން އަަރައިގަންނަން މުޅި ޓީމު މަސައްކަތްކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ރެއާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެއްވަރުވެފައިވާއިރު، އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގައި އެވެ. ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެތުލެޓިކޯ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޒިދާން ބުނީ ހާލަތު ބަދަލުކުރަން ބޭނުންނަމަ އޮތީ ބުރަ މަސައްކަތް ކުރުން ކަމަށެވެ.
"އަަހަންނަކީ ޖާދޫގަރެއް ނޫން. މިހާރު މިއޮތް ހާލަތުން އަރައިގަންނަން ހުރިހާ ކުޅުންތެރިން އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރުން އޮތީ. މި ކުޅުންތެރިންގެ ހުނަރު އެބަހުރި. އެ ބޭނުންކުރަން އެބަ ޖެހޭ މަސައްކަތް ކުރަން،" ޒިދާން ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ރެއާލަށް ވަނީ އަނިޔާގެ މައްސަލަ ވެސް ދިމާވެފަ އެވެ. ކެޕްޓަން ސާޖިއޯ ރާމޮސް އާއި ލޫކަ މޮޑްރިޗްގެ އިތުރުން މިޑްފީލްޑަރު ކަސެމީރޯ ވެސް ތިބީ އަނިޔާގަ އެވެ.
ބެޓިސްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.