މެލޭޝިއާގެ ރައްޔިތުންގެ ގުރުބާނީގެ ނަތީޖާ ފެނިއްޖެ: ބޮޑުވަޒީރު
މެލޭޝިއާގެ ރައްޔިތުންގެ ގުރުބާނީގެ ނަތީޖާ ފެނިއްޖެ: ބޮޑުވަޒީރު

ކުއާލަ ލަމްޕޫރު (މެއި 2) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ގައުމު ލޮކްޑައުން ކުރި މުއްދަތުގައި މެލޭޝިއާގެ ރައްޔިތުންވީ ގުރުބާނީގެ ނަތީޖާ ފެނިއްޖެ ކަމަށް ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

ހަ ހަފުތާ ކުރިން އިއުލާންކުރި މެލޭޝިއާގެ ލޮކްޑައުންގެ މުއްދަތު ހަމަވުމުން މެއި 4 ވަނަ ދުވަހުން ފެށިގެން ބައެއް ލުއިތައް ދިނުމަށް ބޮޑު ވަޒީރު ވަނީ ނިންމަވައިފަ އެވެ. މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާން ފެށުމުން ލޮކްޑައުން ކުރީ މާޗް 18 ގަ އެވެ.

ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ މެލޭޝިއާ ލޮކްޑައުންކުރި މުއްދަތުގައި ގައުމުގެ އިގްތިސާދަށް ގާތްގަނޑަކަށް 63 ބިލިއަން ރިންގިޓް (14.7 ބިލިއަން ޑޮލަރު) ގެ ގެއްލުން ލިބުނު ކަމަށެވެ.

މެލޭޝިއާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެޕްރީލް 30 ވަނަ ދުވަހު ރިޕޯޓްކޮށްފައި ވަނީ 57 ކޭސް އެވެ. އޭގެ ތެރޭން 25 އަކީ ބޭރު ގައުމުތަކުން މެލޭޝިއާ އަށް ދިޔަ މީހުންނެވެ. މެލޭޝިއާ އިން މިހާތަނަށް ވަނީ 6,176 މީހުން ޕޮޒިޓިވްވެ 103 މީހުން މަރުވެފަ އެވެ.

ހޯމަ ދުވަހުން ފެށިގެން މެލޭޝިއާގެ ވިޔަފާރިތައް ކޮންމެވެސް ވަރަކަށް ހުޅުވާލި ނަމަވެސް ސޯޝަލް ޑިސްޓެންސިން ފަދަ އުސޫލުތަކަށް ވަރަށް ބޮޑަށް ތަބާވުމަށް ވަނީ އަންގައިފަ އެވެ. އޮފީސްތަކުގެ މުވައްޒަފުންގެ ތެރޭން ގޭގައި މަސައްކަތް ކުރެވޭ މީހުން ގޭގައި މަސްކަތް ކުރުމަށް އަންގައި އަދި އޮފީސްތަކަށް ކޮންމެހެން ދާން ޖެހޭ މީހުން ވެސް ގައިދުރުކޮށް ތިބެ މަސައްކަތް ކުރުމަށް އިރުޝާދު ދީފައިވެ އެވެ. ރެސްޓޯރެންޓްތަކާއި ކެފޭތައް ހުޅުވާލާ އިރު މޭޒުތައް ބަހައްޓަން އަންގާފައި ވަނީ ދެ މީޓަރު ދުރުގަ އެވެ. އަދި އެ ތަންތަނަށް ވަންނަ ހުރިހާ ކަސްޓަމަރުންގެ ރެކޯޑް ބެލެހެއްޓުމަށް އަންގާފައިވެ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ފުޓުބޯޅަ މެޗުތަކާއި ދީނީ އެއްވުންތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އަދި ގިނަ ބަޔަކު ޒިޔާރަތްކުރާ ކާބޯތަކެތީގެ ބާޒާރުތައް އަދި ހުޅުވާނުލާނެ ކަމަށެވެ. ސްކޫލްތަކާއި ކޮލެޖްތައް ވެސް ނުހުޅުވަން ވަނީ ނިންމައިފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ލޮކްޑައުން އަށް ލުއި ދިން ނަމަވެސް ކޮންމެހެން ދާން ޖެހޭ މަސައްކަތަކަށް ނޫނީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް މީހުން ދަތުރުކުރުން މަނާވާނެ ކަމަށެވެ. އަދި ރޯދައިގެ ފަހުން އަންނަ ފިތުރު އީދުގެ ޗުއްޓީގައި ވެސް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.