01 މެއި 2020 - 18:09

ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، އުރީދޫގެ "މޫލީ" މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައިފި އެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ، މިގޮތަށް ނިންމީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނާއި ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށް ވުރެ ފުރިހަމައަށް ކަށަވަރުކޮށް، ޖިސްމާނީ ގައިދުރުކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ހޮރައިޒަންގެ މި ނިންމުމާ އެކު ކަސްޓަމަރުންނަށް ގޭގައި ތިބެގެން މޫލީ އެޕް މެދުވެރިކޮށް އޭޕްރިލް 29 އިން ފެށިގެން މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރު ކޮށްލެވޭނެ އެވެ. އޯޑަރު ދިނުމުން ކަސްޓަމަރު ބޭނުންވާ ތަނަކަށް މުދާ ޑެލިވަރީކޮށްދޭނެ އެވެ.
އެގޮތުން ޗާންދަނީ މަގުގައި ހުންނަ ހޮރައިޒަންގެ "ސީފުޑް ޕްލަސް" ފިހާރައިން ލިބެން ހުރި ހުރިހާ އުފެއްދުންތަކަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކޮށްލެވޭނެ ކަމަށް ހޮރައިޒަނުން ބުނެ އެވެ.
މި ހާލަތުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި އުރީދޫގެ މޫލީގެ ފަރާތުން ދިން އެހީތެރިކަމަށް އެ ކުންފުނިން ޝުކުރު އަދާ ކުރެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ އެކު ވެސް ރަމަޟާން މަހާ ދިމާކޮށް މަސް ދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފަ އެވެ.