01 މެއި 2020 - 17:35

ކޮވިޑް-19 އިން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކުގައި ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި ދިވެއްސަކު ބައްޔަށް ޓެސްޓުކުރަން ސާމްޕަލް ނެގުމަށް ދެކޮޅު ހެދުމުން އޭނާގެ ސާމްޕަލް ނެގުމަށާއި ކަރަންޓީނަށް ދާން ދެކޮޅުހެދި ބަންގްލާދޭޝް މީހަކު ކަރަންޓީނަށް ގެންދިއުމަށް ސިވިލް ކޯޓުން އަނެއްކާ ވެސް އަމުރެއް ނެރެފި އެވެ.
މާލެ ތެރޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އިތުރުން ޝައްކު ކުރެވޭ މީހުން ކަރަންޓީންކުރުމުގެ ބާރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޮންނާނެ އެވެ.
އިއްޔެ ވެސް ސިވިލް ކޯޓުން ވަނީ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި މިހެއްގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރެއް ނެެރެފަ އެވެ.
ބަންގްލާދޭޝް މީހާ ކަރަންޓީނަށް ދާން ދެކޮޅުހެދުމުން ކޯޓު އަމުރު ނެރެ ކަރަންޓީނަށް ގެންގޮސްފައި ވާއިރު މިއީ ރާއްޖޭގައި ކޯޓު އަމުރަކުން ކަރަންޓީން ކުރާ ހަތަރު ވަނަ މީހާ އެވެ. މީގެ ކުރިން ވެސް ދެ ދިވެހިންނާއި އޮސްޓްރިއާ މީހަކު ކޯޓު އަމުރުގެ ދަށުން ކަރަންޓީންކޮށްފައިވެ އެވެ.