01 މެއި 2020 - 17:01

އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް، ގައުމީ ވެކްސިން ޝެޑިއުލްގައި ހިމަނާފައިވާ ފަނީ ބޭހާއި ވިޓަމިން ދިނުމުގެ އިންތިޒާމް ހުޅުމާލެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހޮސްޕިޓަލްތަކުގެ އާންމު ހިދުމަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައި ވެކްސިން ދިނުން ފަދަ ކަންކަން ވެސް މެދުކަނޑާލަން ޖެހިފަ އެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މި މަހުގެ 3 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދީއްތަ އަންގާރަ އަދި ބުރާސްފަތި ދުވަހު ހުޅުމާލެ ލިޓްލް ޖެމްސް ޕްރީސްކޫލުން މި ހިދުމަތް ލިބޭނެ ކަމަށެވެ. ހިދުމަތް ލިބޭނީ އެޕޮއިންޓަމަންޓް އުސޫލުން ހެނދުނު 10 އިން މެންދުރު ފަހު 2:00 އަށެވެ.
އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ 1417 އަށެވެ. އަދި ނަންނޯޓުކުރުމުގައި، ކުއްޖާގެ ނަން، އަޑީކާޑު ނަމްބަރު، އުފަންތާރީހު، ދާއިމީ އެޑްރެސް އަދި މިހާރު އުޅޭ އެޑްރާއި އެންމެ ފަހުން ވެކްސިން ޖެހި ތާރީޙާއި ތަފްސީލްތައް ބޭނުންވާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. މީގެ އިތުރުން ވެކްސިން ޖަހަން ކުއްޖާ ގޮވައިގެން ދާ މީހެއްގެ ނަމާއި އައިޑީކާޑު ނަމްބަރު ވެސް ބޭނުންވާނެ ކަމަށް ބުންޏެވެ.
ވެކްސިން ޖަހަން ދާއިރު ކުއްޖާގެ އައިޑީކާޑާއި ވެކްސިން ކާޑު ގެންދަން އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ. އަދި ހަމައެކަނި ފަނީ ބޭސް ބޭނުންވާ ނަމަ އެ ބަލާ، ބެލެނެވެރިޔާ އެކަނި ދިއުމަށާއި ވެކްސިން ޖަހާ ނަމަ ކުއްޖާއާ އެކު އެންމެ ބެލެނެވެރިއެއް ދިއުމަށް ވެސް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ރޯގާ، ކެއްސުން، ހުން އައުން، ފަދަ އެއްވެސް ކަމެއް ހުރި ނަމަ އަދި ކޮވިޑް-19 އާ ގުޅުން ހުރި ކަމެއްގައި މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއްގައި ދިރިއުޅޭ ނަމަ ވެކްސިން ޖަހަން ނުދާން ވެސް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ހިދުމަތް ފޯރުކޮށްދޭން އިންތިޒާމްކޮށްފައިވާއިރު ކޮވިޑް-19ގެ ސަބަބުން އެ ހޮސްޕިޓަލުން ވަނީ ޕަބްލިކް ހެލްތު ޔުނިޓުން ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލާފަ އެވެ.