02 މެއި 2020 - 15:06

ސިންގަޕޫރު (މެއި 2) - ސިންގަޕޫރުގައި އުޅޭ ބިދޭސީ މަސައްކަތު މީހުންގެ ތެރޭން ކޮވިޑް-19 ޖެހި ރަނގަޅުވި ގިނަ ބަޔަކު، އެ ގައުމުގެ ބަނދަރުގައި އޮތް ދެ ކްރޫޒް ޝިޕަށް ބަދަލު ކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަސް ފެތުރުން ސިންގަޕޫރުން ވަރަށް ކާމިޔާބުކަމާ އެކު ކޮންޓްރޯލް ކުރި ނަމަވެސް ކުއްލިއަކަށް އެ ގައުމުގައި ބަލި ފެތުރެން ފެށީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ޑޯމިޓަރީތަކުގަ އެވެ. އެ ގައުމުގައި ބިދޭސީން ދިރިއުޅޭ ގިނަ ޑޯމިޓަރީތައް މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އަދި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އާބާދީގައި 5.7 މިލިއަން މީހުން ހިމެނޭ ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި ގާތްގަނޑަކަށް 300،000 މީހުން އުޅެ އެވެ. އޭގެ ތެރޭން ގިނައީ ދެކުނު އޭޝިއާގެ މަސައްކަތު މީހުންނެވެ.
ސިންގަޕޫރުން މިހާތަނަށް ވަނީ 17,548 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 16 މީހުން މަރުވެފަ އެވެ.