01 މެއި 2020 - 13:38

އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މި ފަހަރު ޕޮޒިޓިވްވީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނާއި އިންޑިއާގެ ދެ މީހުން. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (މޭ 1) އެ ބައްޔަށް ޕޮޒިޓިވްވި 23 މީހުންނާ އެކު ރާއްޖޭގެ މިހާރުގެ ޖުމްލަ އަކީ 491 މީހުން. މީގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅު ވެފައި.

ޑރ. އަފްޒަލް: އެއް ދުވަހު މަދުވެފައި އަނެއް ދުވަހު ޕޮޒިޓިވް ކޭސްތައް ގިނަވުމަކީ އޭގެ މާނައަކީ މަދުވުމެއް ނޫން. އަޅުގަނޑުމެން ލައިން ދަމާލަން ޖެހޭނީ އެންމެ މަތިން ޕޮޒިޓިވް ވެފައި ހުރި އަދަދުތަކުން. އެހެން އެ ދިމާވަނީ ސާމްޕަލްތަކުގެ ނަތީޖާތައް ލިބުމުގައި އުޅޭ ގެޕަކުން.

ޑރ. އަފްޒަލް: މަނަދޫން ޕޮޒިޓިވްވި އަންހެން މީހާ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް އައީ. އެއީ 80 އަހަރުގެ އަންހެނެއް. އޭނާ އައިޖީއެމްއެޗަށް އައީމަ އޮންނަ އުސޫލުގެެ ތެރެއިން ޓެސްޓް ކުރެވުނު. އޭނާ ފަރުވާ ހޯދުމަށް ފަހު ދެން ދިޔައީ ގެސްޓް ހައުސްއަކަށް. އެތަނުގައި ހުއްޓާ ޕޮޒިޓިވްކަން އެނގުނީ. އެހެންވެ އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ. މީގެ އިތުރުން މިއަދު ނިޔާވި 79 އަހަރުގެ ފިރިހެނަކު ޓެސްޓް ހެދި އިރު އޭނާ ނެގެޓިވް. އަދި އދ. ދަގެތިން ނިޔާވި އުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލް ނެގި ޓެސްޓް ހަދަމުން ދަނީ. އޭނާ ހިނެވުމުގެ ކަންތައްތައް ކުރިއަށް އެބަދޭ.

ޑރ. އަފްޒަލް: މިއަދު މަނަދޫން އެކަކު އަދި ތަކަންދޫން ތިން މީހަކު ވަނީ ޕޮޒިޓިވްވެފައި ވެފައި.
ޑރ. އަފްޒަލް: އިއްޔެގެ ކޭސްތައް ވެސް ނިސްބަތް ވަނީ ބޮޑެތި ކްލަސްޓާތަކާ. ހާއްސަކޮށް އެކި ކްލަސްޓާތަކާ ގުޅިގެން މޮނިޓަރިންގައި ތިބި މީހުން. ވަރަށް ގިނަ މީހުން ޕޮޒިޓިވް ވިޔަސް ނަސީބަކުން އެ މީހުން އެހެން ތަންތަނަކަށް ގޮސްފައެއް ނެތް. އެ މީހުން ތިބި މޮނިޓަރިންގައި.
ޑރ. އަފްޒަލް: އިއްޔެ އަކީ އެންމެ ގިނަ ކޭސް ފެނުނު ދުވަސް. އިއްޔެ އަކީ 191 ކޭސް ފެނުނު ދުވަސް. އާ ކޮންޓެކްޓްތަކަށް ބަލާއިރު އޭގެތެރޭގައި ގިނައީ އެކި ކްލަސްޓާތަކުގެ ކޮންޓެކްޓްސް.
މަބްރޫކް: ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހޮސްޕިޓަލް ބޭނުން ކުރުމަށް ސަރުކާރާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފައި. އެ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލް ބޭނުންވާނީ ތިން މަހަށް. ސަރުކާރުން މިހާރު ވަނީ ހޮސްޕިޓަލް ބޭނުންވާ ކަމަށް އެދިފައި. އެކަމާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން މާދަމާ އިއުލާނެއް ނެރޭނެ.
މަބްރޫކް: މާލޭގައި ތިބި، ރަށްރަށަށް ނުދެވިފައި ތިބި މީހުންގެ މައްސަލާގައި މަޝްވަރާތައް ކުރަމުން އެބަދޭ. އެކަމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން މާދަމާ އިއުލާނެއް ނެރޭނެ. އެ މީހުންނާ ބެހޭ މައުލޫމާތު އެ މިނިސްޓްރީންް ވަނީ އެއްކޮށްފައި.
މަބްރޫކް: ފަރުކޮޅުފުށީގައި ތިބި 28 މީހަކު މިރޭ ބަނޑޮހަށް ބަދަލު ކުރެވޭނެ. މީގެ އިތުރުން 19 މީހަކު ފަރުކޮޅުފުށީގައި ތިބޭނެ. އެ މީހުންނަކީ އިތުރަށް މޮނިޓަ ކުރަން ބޭނުންވާ މީހުން. ފަރުކޮޅުފުށީގެ ދެ ވޯޑަކަށް ވާރޭ ވެހޭތީ އެ ދެ ތަން މަރާމާތުކުރަމުން އެބަދޭ. އޭގެ ފަހުން އެ ދެ ތަން ވެސް ބޭނުންކުރެވޭނެ.
ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. މިރޭގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް
އަނެއްކާ ވެސް އިތުރު ހަ މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި. މި ހަ މީހުންނާ އެކު، މިރޭގެ 9:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 13. އެއީ ހަތް ދިވެހިންނާއި ބަންގަލްދޭޝްގެ ހަ މީހުން ކަމަށް އެޗްޕީއޭ އިން ބުނޭ. އެހެންވެ، މާޗް 7 ން ފެށިގެން މިހާ ހިސާބަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 481.
ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ދިވެހިންގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނޭ. ދެން ތިބީ 29 އަހަރާއި 37 އަހަރުގެ ދެ އަންހެނުން. ތަކަންދޫން ޕޮޒިޓިވްވި ތިން މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު "ކާވިޔާ" ބޯޓުން އެ ރަށަށް ދިޔަ ބައެއް. އެ ބޯޓުން ދިޔަ 37 މީހެއްގެ ސާމްޕަލް ނަގާފައިވީ ނަމަވެސް އެންމެންގެ ނަތީޖާ އަދި ނުލިބޭ ކަމަށްވޭ. "ކާވިޔާ" ބޯޓުން ދިޔަ މީހުންގެ ތެރެއިން ހއ. އުލިގަމުގެ މީހަކު ވެސް ކުރިން ޕޮޒިޓިވްވި. އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދު އާއި އުލިގަމުގެ އިތުރުން ށ. ނަރުދު އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫން.
އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. ހއ. ތަކަންދޫން މިއަދު ޕޮޒިޓިވްވި ތިން ދިވެހިންގެ އިތުރުން، ދެންމެ އެ އިދާރާ އިން ހާމަކުރި ގޮތުގައި ޕޮޒިޓިވްވީ ދެ ދިވެހިންނާއި ބަންގަލްދޭޝްގެ ދެ މީހެއް. ރާއްޖެ އިން މިހާތަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ މިހާރު 475. އެއީ ބަންގަލަދޭޝްގެ 254 މީހުންނާއި ރާއްޖޭގެ 150 މީހުންނާއި އިންޑިއާގެ 59، އިޓަލީގެ 11، ޕާކިސްތާންގެ ތިނެއް، ނޭޕާލްގެ ދޭއް، ސްރީ ލަންކާގެ ދޭއް، އަދި "އެހެނިހެން" ކެޓަގަރީގެ ހަތަރެއް.
ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ހއ. ތަކަންދޫން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެ ރަށަށް އަންގައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި ތިން މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދިޔަ ބައެކެވެ.
އެ ބޯޓުން ތަކަންދު އަށް ދިޔަ 36 މީހެއްގެ ސާމްޕަލް ނެގިއިރު އަދި ނަތީޖާ ލިބުނީ އޭގެ ތެރެއިން ބައެއް މީހުންގެ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެކެވެ.
އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު މީގެ ކުރިން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އެ ރަށުން އިތުރު އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ އެ ރަށް ވަނީ މޮނިޓަރިން އިން ވެސް ނަގައިފަ އެވެ. އެ ބޯޓުން ދަތުރުކުރި އެހެން ރަށެއްގެ މީހަކު ވެސް އަދި މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ތަަކަންދޫން ތިން މީހަކު ޕޮޒިޓިވްވުމުން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ޕޮޒިޓިވްވި މީހުން އެކަހެރި ކުރުމުގެ މަސައްކަތް އެ ރަށު ޓާސްކްފޯހުން އަންނަނީ ކުރަމުންނެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޕޮޒިޓިވްވި އެއްވެސް މީހެއްގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
"އެއްވެސް އުނދަގުލެއް ވާތީއެއް ނޫޅެ އެއިން އެކަކުވެސް،" އޭނާ ބުންޏެވެ.
އުތުރުގެ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓް ވަނީ ހަމަޖައްސައިފަ އެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދޫ އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 471 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ބަލިން ރަނގަޅުވީ އަދި 17 މީހުންނެވެ.