01 މެއި 2020 - 11:57

މާލެ ފިޔަވައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުނު ހއ. އުލިގަމުން ޓެސްޓު ކުރި އިތުރު ސާމްޕަލްތައް ނެގެޓިވް ވުމުން، މޮނިޓަރިންގެ ހާލަތުން އެ ރަށް ނަގައިފި އެވެ.
ރާއްޖޭގައި މާލެ ފިޔަވައި، މީހުން ދިރިއުޅޭ ރަށަކުން މި ބައްޔަށް އުލިގަމު މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 19ގަ އެވެ. އޭނާ މާލެ އައުމަށް ފަހު އެނބުރި ރަށަށް ދިޔައީ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ މާލޭގައި ހުރީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ދިރިއުޅޭ އިމާރާތެއްގަ އެވެ.
އުލިގަމުން މީހަކު ޕޮޒިޓިވް ވުމާ އެކު، އޭނާ ދަތުރުކުރި ހއ. އިހަވަންދޫ ބޯޓުން ދަތުރުކުރި އެންމެން ވަނީ އައިސޮލޭޓްކޮށް، އެ މީހުން ދިޔަ ހަތް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މީގެ ތެރެއިން އެއްވެސް ރަށަކުން ޕޮޒިޓިވް ކޭހެއް ފެނިފައެއް ނެތެވެ.
އުލިގަމު މީހާ ޕޮޒިޓިވް ވުމާ އެކު އޭނާއާ ގުޅުން ހުރި އިތުރު 18 މީހަކު އެ ރަށުން ވަނީ ޓެސްޓުކޮށްފަ އެވެ. އެކަމަކު އެ ހުރިހާ ސާމްޕަލް ނެގެޓިވް ވުމުން، މިއަދު މޮނިޓަރިންގެ ހާލަތު އުވާލާފައިވާކަން އެޗްޕީއޭން ވަނީ އަންގާފަ އެވެ.
ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް، މިދިއަ މަހު 15 ގައި މާލެތެރޭން ފެނުމާ އެކު ކުއްލި ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެކަމަކު ބަލި ފެތުރޭ މިންވަރު އިތުރުވަމުން ގޮސް، ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އުލިގަމު ފިޔަވައި، މި ބަލި މިހާރު ފެނިފައިވަނީ ކ. ތުލުސްދު އާއި ށ. ނަރުދޫ އަދި އެ އަތޮޅު މިލަންދޫންނެވެ. މާލެއިން ފުރައިގެން ނަރުދުއަށް ދިޔަ "އަމާޒު" ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވެ، އޭނާގެ އާއިލާގެ އިތުރު ފަސް މީހަކަށް ވެސް ވަނީ ބަލި ޖެހިފަ އެވެ. އަދި އެ ބޯޓު ދިޔަ އުތުރުގެ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.