ނަސީރުއްދީން ޝާހް އެޑްމިޓްކުރި ވާހަކަ ދޮގުކޮށްފި
ނަސީރުއްދީން ޝާހް އެޑްމިޓްކުރި ވާހަކަ ދޮގުކޮށްފި

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަސީރުއްދުން ޝާހް ވެސް ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ވާހަކަ ދޮގުކޮށްފި އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ 69 އަހަރުގެ އެކްޓަރުގެ ސިއްހީ ހާލަތު ގޯސްވެގެން އުޅޭ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރަކު މަރުވެ، މުޅި އިންޑިއާ އަށް ވެސް ފުން ހިތާމަތަކެއް ލިބިފައި ވަނިކޮށެވެ. އެއީ އިރުފާން ޚާނާއި ރިޝީ ކަޕޫރެވެ.

ނަސީރުއްދީން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އެކަމާ ބެހޭ ގޮތުން، އޭނާގެ ހަގު ފިރިހެން ދަރިފުޅު އަދި އެކްޓަރު ވިވާން ޝާހް ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބައްޕަގެ ސިއްހަތާ ބެހޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައި ވަނިކޮށް ސީދާ ނަސީރުއްދީން ވެސް ވަނީ އޭނާ ހާލު ރަނގަޅުކަމަށް ފޭސްބުކް ޕޯސްޓެއްގައި ބުނެފަ އެވެ.

އޭގައި ބުނީ އޭނާ ލޮކްޑައުންގައި ގޭގައި ކަމަށާއި މީޑިއާތަކުގައި ފަތުރާ ދޮގު ޚަބަރުތައް ގަބޫލުނުކުރަން އެދޭ ކަމަށެވެ. އަދި އޭނާގެ ސިއްހަތާ ދޭތެރޭ ކަންބޮޑުވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ.

ނަސީރުއްދީނަކީ ބޮލީވުޑްގެ އިތުރުން އިންޑިއާ އިން ބޭރުގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ.

އޭނާގެ އެންމެ މަޝްހޫރު ހިންދީ ފިލްމުތަކުގެ ތެރެއިން ދިވެހިން އެންމެ ފަރިތަ ފިލްމަކަށްވާނީ ދިވެހި ފިލްމު "އަމާނާތް" އެ ފިލްމަކަށް ބިނާކުރި 1983 ގެ "މާސޫމް" އެވެ. ނަސީރުއްދިންގެ ފިލްމީ ކެރިއަރުގައި 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އޭގެ ތެރޭގައި މަގުބޫލު އެތައް ފިލްމެއް ހިމެނެ އެވެ.

ނަސީރުއްދީނަކީ ބަތަލާ ރަތުނާ ޕަތަކްގެ ފިރިމީހާ އެވެ.