15 އޮކްޓޯބަރ 2016 - 09:35

ލަންޑަން (އޮކްޓޯބަރު 15) - ޗެލްސީގެ ވެރިންނާ ސަޕޯޓަރުންގެ އިތުބާރު އެބައޮތް ކަމަށާއި މަގާމު ގެއްލުމުގެ ބިރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ކޮންޓޭގެ ކޯޗުކަމުގައި ލީގުގައި ޗެލްސީ ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އިނގިރޭސި މީޑިއާގައި ފާއިތުވި ދެ ދުވަހު ޗެލްސީގައި ކޮންޓޭގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލު އުފައްދާފައިވާއިރު، ކޮންޓޭ ބުނީ އެ ވާހަކަ ތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.
"އަހަރެން ޗެލްސީގައި މި މަސައްކަތް ކުރަނީ މި ވަގުތު ވެސް ކާމިޔާބު ހޯދޭނެ އަދި މުސްތަގުބަލުގައި ވެސް މި ކްލަބަށް ފައިދާ ކުރާނެ ޓީމެއް ބިނާކުރަން. އަހަރެންގެ މަގާމާ ގުޅޭގޮތުން ކުރިމަތިކުރުވާ ސުވާލުތަކަށް އަހަރެން ދޭނެ ޖަވާބަކީ ހިނިތުންވުމެއް،" ކޮންޓޭ ބުންޏެވެ.
ލީގުގައި މިއަދު ހަވީރު ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ކޮންޓޭ ބުނީ މިއީ އެ ޓީމުގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލެސްޓާ ދޫކޮށް ޗެލްސީ އަށް ބަދަލުވި އެންގޯލޯ ކޯންޓޭ އަށް ވެސް ވަރަށް ހާއްސަ މެޗެއް ކަމަށެވެ.
"ކޯންޓޭ އަކީ ޓީމާ ގުޅުނު ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާ ޗެލްސީ އަށް ވެސް ތަފާތު އެބަދައްކާ. ލެސްޓާ އަށް އޭނާ ގެއްލުން ވެފައި މިއޮތީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް،" ކޮންޓޭ ބުންޏެވެ.
މި ސީޒަނުގައި ޗެލްސީ ވަނީ ލީގު ކަޕްގައި ލެސްޓާ ބަލިކޮށްފަ އެވެ. ލެސްޓާ ދަނޑުގައި އެ ޓީމު ދެ ލަނޑު ޖަހާފައިވަނިކޮށް ޗެލްސީ މޮޅުވީ ފަހަތުން އަރައި 4-2 އިންނެވެ. ކޮންޓޭ ބުނީ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ލެސްޓާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށެވެ.
ޗެލްސީ އާއި ލެސްޓާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 16:30 ގަ އެވެ.