ޖަޕާނުގެ ޖަންގައްޔަށް ގެއްލުނު ކުއްޖާ އަދިވެސް ނުފެނޭ
ޖަޕާނުގެ ޖަންގައްޔަށް ގެއްލުނު ކުއްޖާ އަދިވެސް ނުފެނޭ

ޖަޕާންގެ ދެމަފިރިއަކު އެމީހުންގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅަށް އަދަބު ދިނުމުގެ ގޮތުން ޖަންގައްޔަށް ދޫކޮށްލިތާ ހަފުތާއެއް ވާން ގާތްވެފައިވާއިރު އަދިވެސް އެ ކުއްޖާ ނުފެނެ އެވެ.

މި ކުއްޖާގެ މައިންބަފައިންނަށް ސޯޝަލް މީޑީއާގައި ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން މިހާރު ވަނީ އަމާޒުވެފަ އެވެ.

ޔަމާޓޯ ޓަނޫކާ ކިޔާ މި ފިރިހެންކުއްޖާ ގެއްލިފައިވަނީ ސާރިދޯޅުތައް ވަރަށް ގިނައިން އުޅޭ ފަރުބަދަތައް ވެސް ވަރަށް ގިނަ ޖަންގައްޔަކަށެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތުގައި މިހާރު ޖަޕާނުގެ 180 ފުލުހުންނާއި އަލިފާން ނިއްވާ މީހުން ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.

ޔަމާޓޯގެ މައިންބަފައިން އެންމެން ކުރިން ފުލުހުންނަށް ރިޕޯޓްކުރީ ފޮރެސްޓް ޕާކުން ބައެއް ކަހަލަ ގަސް ހޯދަން ގޮސް އުޅެނިކޮށް ކުއްޖާ ގެއްލުނީ ކަމަށެވެ.

ނަމަވެސް ފަހުން އެއްބަސްވެފައި ވަނީ އެދުވަހު އެކުއްޖާ މީހުންނަށާއި ކާރުތަކަށް ހިލައުކައި ބަސް ނާހާ އުޅުނު ކަމަށެވެ. އެހެންވެ ކާރުގައި ޕާކުން އެނބުރި ދިޔަ މަގުމަތީގައި އެ ކުއްޖާ ޖަންގަލި ތެރެއަށް ބާލާފައި 500 މީޓަރެއްހާ ހިސާބަށް ކާރުގައި ގޮސް އެ ކުއްޖާގެ ބައްޕަ ކާރުން ފައިބައިގެން ކުއްޖާ ބަލާ ދިޔައިރު އެކުއްޖާ ބެހެއްޓި ތަނުގައި ނެތް ކަމަށް އެ ކުއްޖާގެ މައިންބަފައިން ބުނެފައިވެ އެވެ. އެކަމަކު އެ ދެމެދުގައި ވާނީ އެންމެ ފަސް މިނެޓް ކަމަށް އެ މީހުން ބުނެ އެވެ.

މި ކުއްޖާ ގެއްލުނީ ޖަޕާނުގެ އެންމެ އުތުރުގައި އޮންނަ ހޮކައިޑޯ ކިޔާ ވަރަށް ބޮޑު ރަށަކުންނެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އެ ކުއްޖާގެ ބައްޕަ ބުނީ ދަރިފުޅު ގެއްލުނީތީ ވަރަށް ދެރަވެ ހިތާމަކުރާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫ ކުރެވޭތީ ވެސް ހިތާމަކުރާ ކަމަށެވެ.
އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ވަސްބަލާ ކުއްތާ އާއި އަހުގެ ބޭނުން ކޮށްގެން ވެސް ކުއްޖާ ފެނޭތޯ ދަނީ ހޯދަމުންނެވެ.

މައިންބަފައިންގެ އިހުމާލުން ކުއްޖާ ގެއްލުމާ ގުޅިގެން އެ ދެމަފިރިންނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ކަމާބެހޭ ފަރާތްތަކުން ވިސްނަމުންދާ ކަމަށް ވެސް ބީބީސީގައިވެ އެވެ.

ޖަޕާނުގެ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން މި ކުއްޖާގެ މައިންބަފައިންނަށް ދަނީ ރުޅި ބާލަމުންނެވެ.
މީހަކު ކުރި ޓުވީޓެއްގައި، ބޯ ޖަންގައްޔެއްގެ މެދަށް ކުޑަ ކުއްޖަކު ކިތަންމެ ކުޑަ އިރުކޮޅަކަށް ނަމަވެސް ދޫކޮށްލާފައި ދިއުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކޮށްފައިވެ އެވެ.

"އަހަރެންނަކީ ވެސް ކުއްޖެއްގެ ބެލެނިވެރިއެއް. އަހަރެންނަށް ވެސް ކުދިން ބަސްނޭހީ ފިޔަވަޅުއަޅަން ޖެހޭނެކަން އެނގޭ. ނަމަވެސް މިއީ ދެން ތަންކޮޅެއް ބޮޑުވަރު،" އެމީހާ ބުނެފައިވެ އެވެ.

އެހެން މީހަކު ކުރި ޓުވީޓެއްގައި ވަނީ އެ ކުއްޖާގެ މައިންބަފައިންނަކީ ވަރަށް މޮޔަ ބައެއް ކަމަށެވެ.

"ކާކު ދެން މިކަހަލަ ކަމެއް ކުރާނީ ކުޑަ ކުއްޖަކަށް. މިއީ އަދަބުދިނުމެއްނޫން. އިހުމާލުވުން. އަހަރެން މިހުރީ ހަމަ ބަސް ހުއްޓިފައި."

އެ ކުއްޖާ ގެއްލުނު ދުވަހުގެ އަނެއް ދުވަހު އެ ޖަންގައްޔަށް ވަރަށް ބޯކޮށް ވާރޭ ވެސް ވެހުނެވެ. އަދި އެހިސާބުގެ ފިނިހޫނުމިން މިހާރު އުޅެނީ އެންމެ ހަތް ޑިގްރީގަ އެވެ. ކުއްޖާ ގެއްލުނު ހިސާބުން ސާރިދޯޅުގެ ނަޖިސް ފެނިފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ޓީވީ ބުނެފައިވަނީ އެ ކުއްޖާ ގެއްލުނު ސަރަހައްދަކީ ވަރަށް މަދުން، މަގު ކުރުކޮށްލަން ނޫނީ މީހުން ގޮސް އުޅޭ ހިސާބެއް ނޫން ކަމަށެވެ. އެހިސާބުގައި ސާރިދޯޅު އެހާ ގިނައީ އެހެންވެ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ކަމަށްވެ އެވެ.