01 މެއި 2020 - 10:42

(އިއްޔެގެ ނޫހާ ގުޅޭ)
އިންސާނުންނަށް ވުރެ ބިޔަ، ދިގު އެ ހިޔަނިތައް އެ ދަނީ ކޮން ތަނަކަށް ކަމެއް، މިހާތަނަށް ބައްޕަ ކިޔައިދީފައެއް ނުވެ އެވެ. އެކަމަކު ފިއްލަދޫގައި ވެސް އެ ބިރުވެރިކަން އުޅޭ ނަމަ، އޭނާ އެކަނި ނުފޮނުވާނެކަން ޔަގީނެވެ. އެހެންކަމުން ބައްޕަގެ އަސްލު މަގުސަދު އޭނާއަށް އަދި ވިސްނައެއް ނުގަނެވެ އެވެ. ބައްޕައަށްޓަކައި، އޭނާ އެހެން ގައުމަކަށް ދާންވީ ހެއްޔެވެ؟ އެތަނުން އޭނާއަށް އާ ލޯބިވެރިޔަކު، ހިތްވަރުގަދަ ފިރިއަކު ލިބޭނެ ހެއްޔެވެ؟ އޭނާ އަކީ އަސްލު ކާކުކަން ބުނެދެވޭ ވަރުގެ އިތުބާރެއް އެމީހަކަށް ކުރެވިދާނެ ހެއްޔެވެ؟
ހައްވަގެ ހިތަށް ސުވާލުތައް އަރައި ފައިބަމުން ދިޔައީ، ކަޅިޖަހާ ނުލައި ބަލަހައްޓައިގެން އޮތް ބައްޕަގެ ކުރިމައްޗަށް އޮއްސާލެވޭ ވަރަށް ވުރެ ގިނަކޮށެވެ. އޭނާއަކީ ކިޔަމަންތެރި ދަރިއެކެވެ. ބައްޕަ ދެކެ އެހާ ލޯބިވެ އެވެ.
"ކޮންމެ އިރަކު ވެސް ފުރަން ޖެހިދާނެ. ތައްޔާރުވެގެން ދަރިފުޅު ހުންނާތި!" އެދުރު ހުސޭނު ބުންޏެވެ. ދެން އޭނާގެ ރީތި އަންހެން ދަރިފުޅުގެ ކަނާތް ތިލާގައި ހިފާލި އެވެ.
"ބޭބެ ކިޔައިދޭނެ ހަދަން ވާ ގޮތް. ދަރިފުޅަށް ނުވާނެ ކަމެއް ބައްޕަ ހަވާލެއް ނުކުރާނަން،" އެހެން ބުނެފައި، އެނދުގެ ބިއްދޮށުން ތަޅުދަނޑި ފައްޗެއް ނެގި އެވެ. މޫނު ކައިރިއަށް ގެނެސް، އެއިން އެއް ތަޅުދަނޑި ފާހަގަކޮށް، ހައްވަ އަތަށް ދިނެވެ.
"މެދު ފޮށި ހުޅުވާލާއިރު، އެންމެ މައްޗަށް އޮތް ކަޅު ކުލައިގެ ބޭރުގަނޑު ލީ ފޮތް ހިފައިގެން އާދޭ،" އެދުރު ހުސޭން ބުންޏެވެ.
އެއީ ހައްވަ އާއި އަލީގެ ކުރިމަތީގައި މިހާތަނަށް ދުވަހަކު ވެސް ހުޅުވި ފޮއްޓެއް ނޫނެވެ. އެކަމަކު ބަލި އެނދުގައި އޮންނަން ޖެހުމުގެ ކުރިން، އެ ފޮށިން ފޮތްތައް ނަގައިގެން، ބައްޕަ އެކަނިމާއެކަނި ގޭ ތެރޭގައި އިނދެ ވަގުތު ހޭދަކުރިކަން ހައްވައަށް އެނގެ އެވެ. އެހެން މީހަކަށް ގޭތެރެއަށް ވަދެވޭނީ، ބައްޕަ ދޮރު ހުޅުވުމުންނެވެ. އޭގެ ކުރިން، ހައްވަ އާއި އަލީއަށް، ގެއާ ދިމާއަށް ދާން ވެސް ނުކެރެ އެވެ.
ފޮށިތައް ހުރީ، ބައްޕަގެ ފައިލާކޮޅުގައި، އައްޓާ ޖެހިގެންނެވެ. ހައިވަކަރުން ހަދާފައި ހުރި ބޮޑު ތިން ފޮށި ބަހައްޓާފައި ވަނީ، ލަކުޑި ފަތިތަކެއްގެ މަތީގަ އެވެ. އެ ފޮށިތަކުގެ އުމުރުން ވީ ދުވަހެއް، ހައްވައަކަށް ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް ބައްޕަގެ އުމުރަށް ވުރެ ވެސް ދޮށީވާނެކަން ޔަގީނެވެ. ބައްޕަ ބުނާ ގޮތުގައި، ފިއްލަދޫން މަލިކަށް އޭނާ އައީ ވެސް އެ ފޮށިތައް ހިފައިގެންނެވެ.
މެދު ފޮށީގައި ލާފައި ހުރި، ލޯ ތަޅަށް ތަޅުދަނޑި ކޮއްޕާލި އެވެ. ނުހުޅުވާތާ ގިނަ ދުވަސް ވުމުން ކުޑަކޮށް ބާރުވިޔަސް، ދެ ފަހަރަކު އަނބުރާލުމާ އެކު ހުޅުވިއްޖެ އެވެ. މަތިގަނޑު މައްޗަށް ހިއްލާލައި، ބައްޕަ ބުނި ފޮތް ނެގި އެވެ. ދެން މަޑުމަޑުން މަތި ޖެހި އެވެ.
"ތަޅުލާފައި އާދޭ. ތީ މިހާރު ދަރިފުޅުގެ އެއްޗެއް،" އެދުރު ހުސޭނު ބުނެލި އަޑު ހައްވައަށް އިވުނެވެ.
އޭނާ ފޮށި ތަޅުލި އެވެ. ފޮތް ހިފައިގެން ގޮސް ބައްޕަ ކައިރީގައި އިށީނެވެ. ތަޅުދަނޑި ފަތި ބައްޕަގެ އަތް ތިލަމަތީގައި މަޑުމަޑުން ބޭއްވި އެވެ.
"މިރޭ ކިޔާލާތި ތި ފޮތުގައި ހުރި ބައިތައް. ކުރެހުންތަކެއް ވެސް ހުންނާނެ. ޗާޓު ވެސް ހިމެނޭނެ،" އެދުރު ހުސޭނު ބުންޏެވެ.
"ކީއްވެ އަހަންނަށް ތި ދިނީ؟ ބޭބެ ވެސް އެހެރީނު،" ހައްވަ ބުންޏެވެ.
"ބޭބެއަށް ހުރި އެއްޗެހި ދޭނީ ބޭބެއަށް. ތިއީ ދަރިފުޅުގެ އެއްޗެއް،" ތަޅުދަނޑި ފަތި، ކުރިން އޮތް ތަނުގައި ބާއްވަން އެދިމާއަށް ކުޑަކޮށް މޫނު އަނބުރާލަމުން، އެދުރު ހުސޭނު ބުނެލި އެވެ.
ފޮތުގެ ބޭރުގައި އެއްވެސް އެއްޗެއް ލިއެފައެއް ނެތެވެ. އެކަމަކު އެތެރޭގެ ގަނޑުތަކުގައި މަޑުމަޑުން އިނގިލި ޖައްސާ ފޭކޮށްލި އިރު، އެއީ އަރަބި ބަހުން ލިއެފައި އޮތް ފޮތެއްކަން އެނގުނެވެ. އަލީ އާއި ހައްވައަށް ވެސް އެދުރު ހުސޭނު ވަނީ އެމީހުން ކުޑައިރު އަރަބި ބަސް ދަސްކޮށްދީފަ އެވެ. އެދުރު ގާސިމުން ފެށިގެން، އެ އާއިލާގައި އަރަބި ބަސް ނޭނގޭ މީހަކު ދުނިޔޭގައި އުޅެފައެއް ނުވެ އެވެ. އެއީ މިދިއަ ދެ ގަރުނުގައި އެ އާއިލާއިން ދަމަހައްޓަމުން އައި، އަދި މަޖުބޫރު އާދައެކެވެ.
"މިހާރު ދަރިފުޅަށް ޔަގީންކަން ބޮޑުވެއްޖެތަ؟" އެދުރު ހުސޭނު އަހާލި އެވެ.
"މި ރަށުން އަހަރެން ފޮނުވާލަން އުޅޭކަން މިހާރު ޔަގީންވެއްޖެ،" ހައްވައަށް އެހެން ބުނެވުނީ އޭނާގެ މާ ބޮޑު ބާރެއް ނެތި އެވެ. އޭނާގެ ދެ ލޮލުގައި، ކުއްލިއަކަށް ކަރުނަ އުފެދުނެވެ. ބައްޕަ އޮތީ އެ ދެ ލޮލަށް ފުންކޮށް ބަލަހައްޓައިގެންނެވެ.
ހައްވައަށް މަޑުމަޑުން ރޮވެން ފެށުނެވެ. އޭނާއަށް އިށީދެގެން ނީނދެވުނެވެ. ބައްޕަގެ މޭމަތީގައި ބޯ އަޅާލެވުނެވެ. ގަދައަށް ރޮއިގަތެވެ.
އެދުރު ހުސޭނުގެ ދެ އަތުން، ދަރިފުޅުގެ ބޮލުގައި މަޑުމަޑުން ފިރުމަން ފެށި އެވެ. ނުރޯށެކޭ ނުބުނެ އެވެ. ހިތްވަރުކުރާށެކޭ ނުބުނެ އެވެ. ހައްވަ ރޯނެ ވަރަކަށް ރޯން ދޫކޮށްލީ އެވެ. އޭނާއަށް އޭނާގެ ދަރި ރަނގަޅަށް އެނގެ އެވެ.
ހައްވަ އަބަދުވެސް ރޯނީ އެދުރު ހުސޭނާއި އަލީއަށް ދެރަ ގޮތެއް ވާ ފަހަރުތަކުގައި އެކަންޏެވެ. އޭނާގެ ތިން ކައިވެނި ރޫޅުނު އިރު ވެސް، ބައްޕަ އާއި ބޭބެގެ ކުރިމަތީގައި ރޮއިހަދާފައެއް ނެތެވެ. އެހެންކަމުން ހައްވަގެ ހިތްވަރާއި އޭނާގެ ކެތްތެރިކަން އެދުރު ހުސޭނަށް މިންކުރެވެ އެވެ.
ރޮއި ނިންމާފައި، ހައްވަ ތެދުވި އެވެ. ދެން އެއްވެސް އެއްޗެކޭ ނުބުނެ، މަޑުމަޑުން އެތަނުން ނުކުތީ އެވެ.
އެދުރު ހުސޭނު ވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ. ދަރިފުޅު ދާން ދޫކޮށްލީ އެވެ.
---
މެންދަމުން އަލިވެ އެކެއް ޖަހައިފި އެވެ. އަލީ އޭނާގެ ކޮޓަރީގައި އޮވެ، އިންތިޒާރުކުރި ވަގުތު އައީ އެވެ. ގެ ހަދާފައި ހުރި ގޮތުން، އަލީ އާއި ހައްވަގެ ދެ ކޮޓަރިއާ ޖެހިގެން ވަކި ދެ ގިފިލި ހިމެނެ އެވެ. ދެ މީހުން ފެންވަރާ ހަދަނީ އެމީހެއްގެ ގިފިލިންނެވެ.
އަލީ ހުރީ އަތް ދިގު، ހުދު ގަމީހަކާއި ހުދު މުންޑެއްގަ އެވެ. ބޮލުގައި، ހުދު ކުލައިގެ ފޮތިގަނޑެއް އައްސާފައިވެ އެވެ. އޭނާގެ ގަމީހުގެ ދަށުން، ކަނާތް ފަރާތުން ކަމަރުބަންދުގައި ހަރުކޮށްލާފައި ހުރީ ރަން ކުލައިގެ ކުޑަ ވަޅިއެކެވެ. އަނެއް ފަރާތުގައި، ދަޅެއް ނުވަތަ ފުޅިއެއް ލެވޭވަރުގެ ފަސް އިންޗިއެއްހާ ދިގު ރަބަރު ވައް އުރައެކެވެ.
ގިފިލި ތެރެއަށް ވަދެ، ފާރުމަތިން މަގުމައްޗަށް އޭނާ ފުންމާލި އެވެ. ކުރިމަތީގައި އޮތީ، ބޯކޮށް ހެދިފައިވާ ވަލެވެ. ރޭގަނޑުގެ ވައިރޯޅިތަކުން ގަސްތަކުގެ ކުދި ގޮފިތައް، ހިޔަނިތަކެއްގެ ސިފާގައި، ދެކޮޅަށް މަޑުމަޑުން ނަށަމުން ދެ އެވެ. އަލީ ގޮސް ވަލަށް ވަދެ، އެކަކަށް ދެވޭހާ ހަނިކޮށް ކޮށާފައި އޮތް މަގަކުން ކުރިއަށް ދާން ފެށި އެވެ.
ފަސް ވަރަކަށް މިނިޓް ހިނގާލުމާ އެކު ނުކުމެވުނީ، ބޮޑު ނިކަ ގަހެއް ހުރި ހުސް ތަންގަނޑަކަށެވެ. އެ ގަސް ވަށައިގެން، ތިރީހަކަށް ފޫޓު ސަރަހައްދެއް އޮތީ، ކޮށައި ސާފުކޮށްފަ އެވެ. މުޅި ހިސާބުގައި ހުރި އެހެން ހުރިހާ ގަހަކަށް ވުރެ އެ ނިކަ ގަސް އުހެވެ. ގަހުގެ ބުޑު އެހާމެ ފުޅަލެވެ. ތިން ޖޯލި ހިމެނޭ ޖޯލިފަތި ބަހައްޓާފައި ހުރީ ގަސް ދޮށުގަ އެވެ. އެއީ އެދުރު ހުސޭނާއި އަލީ އާއި ހައްވަ، ދޭތެރެދޭތެރެ އިން ވަގުތު ހޭދަކުރި ތަނެވެ. އެކަމަކު އެމީހުންގެ ބައްޕަ، ހިނގާބިނގާވެ ނޫޅެވޭ ވަރުވުމުން ޖޯލިފަތި ބޭނުންކުރަމުން އަންނަނީ ދެބެން އެކަންޏެވެ.
އަލީ މަޑުމަޑުން، ގަހާ ކައިރިއަށް ޖެހެމުން ދިޔަ އިރު، މުޅި ހިސާބުގަނޑަށް ފަނޑު އައްޔެއް ފެތުރިފައި ހުއްޓެވެ. އެ އަލިކަން އުފެދެމުން އައީ އެއް ޖޯލީގައި ބާއްވާލައިފައި އޮތް ކަނޑިއަކުންނެވެ. ހުސް ކަޅު ކުލައިގެ ފޭރާމަކުން ފޮރުވިފައިވާ މީހާ މެދު ޖޯލީގައި އޮތީ އޮށޯވެގެންނެވެ.
އަލީގެ ކޮންމެ ފިޔަވަޅަކާ އެކު ފުނޑިގެން ދާ ހަރު ފަތްތަކުގެ އަޑުން ހިމޭންކަން ދުއްވާލަ އެވެ. އެކަމަކު ޖޯލީގައި އޮތް މީހާއަށް އެ އަޑުތަކުން އެއްވެސް ހަރަކާތެއް ނާދެ އެވެ. އޭނާ ހަމަ އޮތީ އެވެ. އަލީ ގޮސް ހުއްޓުނީ އޭނާގެ ކުރިމައްޗަށް ވާ ގޮތަށް، ފަސް ފޫޓެއްހާ ދުރަށެވެ. އަޑު މުޅިން ކެނޑި، ހިމޭންކަމެވެ.
ޖޯލީގައި އޮތް މީހާގެ ލޯ ހުޅުވާލި އެވެ. މަޑުމަޑު ރަތް ކުލައަކުން ދެ ލޯ ދިއްލުނެވެ. ކަޅު ފޭރާމަކުން މުޅި މީހާ ނިވާކޮށްފައި ހުރުން އެކަންޏެއް ނޫނެވެ. އޭނާގެ މޫނުގެ ކުލަ ވެސް ކަޅު މަދަނެވެ. ރަތް ދެ ލޮލާއި ކަޅު މޫނު އެކުވުމުން، އެއީ އިންސާނެއް ނޫންކަން ޔަގީނެވެ.
މިއީ އަލީގެ އާއިލާއާ ހަނގުރާމަކުރާ ހިޔަނިތަކުގެ އިސް އެކެކެވެ. ދޭތެރެ ދޭތެރެއިން، ރޭގަނޑު ކަނު އަނދިރީގައި، މަލިކުގެ އެ ސަރަހައްދުގެ ބިމާއި ވައިގެ ތެރޭގައި ހިނގާ ކުރިމަތިލުންތަކުގެ އެއް އަސްލެވެ.
"ކޮބައި އޭނާ؟" އެ ހިޔަނި، ބާރު އަދި ބަރު އަޑަކުން ސުވާލުކުރި އެވެ.
"އަހަރެމެން ހުށައަޅަނީ ސުލްހައެއް ނޫން. އަހަރެމެން ބޭނުންވަނީ ކަލޭމެންނާ އަބަދުވެސް ހަނގުރާމަކުރަން،" އަލީ، ހަމަޖެހިގެން ހުރެ ބުންޏެވެ.
ޖޯލީގައި، ބާއްވާފައި އޮތް ކަނޑީގައި، އެ ހިޔަނި ހިފާލި އެވެ. ދެން މަޑުމަޑުން، އޭނާ ހުރި ހިސާބުން، އަލީގެ ވަށައިގެން ކަހަލަ ގޮތަކަށް ހިނގަން ފެށި އެވެ.
"ކަލޭމެން ސުލްހަ ބޭނުމެއް ނުވޭ! ދުވަހަކު ވެސް ހަމަޖެހިގެން އުޅޭކަށް ބޭނުމެއް ނުވޭ!" އޭނާ ބުނެލި އެވެ.
"ސުލްހައަކީ އަހަރެމެންނާ ދުރުގައި ކަލޭމެން ތިބުން. އެއްވެސް ޝަރުތެއް ނެތް. ސުލްހައަކީ އަހަރެންގެ ކޮއްކޮ ކަލޭގެ ޖާރިޔާއަކަށް ހަދައިގެން ގެންދިއުމެއް ނޫން. އޭނާއެއް ނުގެންދެވޭނެ. އޭނާ ދޭން ހުށައެޅުމަކީ ވެސް ގޯހެއް. އެ ގޯސް ކަލޭ ތި އޮތީ ހަދާފައި،" އެހެން ބުނުމާއި، އަލީގެ ކަނާތު ކަމަރުބަންދުގައި ހަރުކޮށްފައި ހުރި ކުޑަ ވަޅި ނެގުމާ ދިޔައީ އެކުއެކީގަ އެވެ. ވަޅި ނަގައި، އޭގެ ބުޑަށް އޮބާލުމާ އެކު، އެ ދިގުވެ، ކަނޑިއަކަށް ބަދަލުވި އެވެ. އޭގެ ރަން އަލިން މުޅި ތަން ވިދައިގަތެވެ.
ކުއްލިއަކަށް އޭނާގެ ކައިރިއަށް ޖެހި، އަލީގެ ބާރު، ވަރުގަދަ ފުރަތަމަ ހަމަލާ ފޮނުވާލި އެވެ. އެކަމަކު ހިޔަނި ފުންމައިގެން އަރައި، ދިޔައީ ފަހަތަށެވެ. އޭނާ ދެން ހުރީ ބިމުގައި ފައި ނުޖެހި، ޖޯލި ފައްޗަށް ވުރެ މަތީގަ އެވެ.
ދެ ލޮލުގެ މަޑު ރަތް ކުލަ ގަދަވެ، ރުޅިވެރިކަމުގެ ހޫނު ދައްކާލި އެވެ. އޭނާ ފުންމައިގެން ވިއްސަކަށް ފޫޓު މައްޗަށް އަރާ، އަލީ ހުރި ދިމާއަށް ކަނޑި ދިއްކޮށްގެން ބާރަށް ތިރިވާން ފެށުމުން، އަލީ ދެ ފިިޔަވަޅެއް ފަހަތަށް އެޅި އެވެ. ދެން ބިމުގައި ދެ ފައިން ޖަހާ، އޭނާ ވެސް މައްޗަށް ފުންމާލި އެވެ. ވައިގެ ތެރޭގައި އޭނާގެ ދެ ވަނަ ހަމަލާ އަމާޒުކުރީ، ހިޔަނީގެ ބޮލަށެވެ. އެކަމަކު އޭގެ ކުރިން ދެ ކަނޑި ޖެހި، މުޅި ތަނަށް އަލިފާން ބުރައިގެން ދިޔަ އެވެ.
ހަމަލާތައް ވަރުގަދަ އެވެ. ނަމަވެސް އެކަކަށް ވެސް އަނެކަކުގެ އަމާޒަށް ކަނޑި ސީދާ ވިޔަކަނުދެ އެވެ. ބިންމަތީގައި، ގަސް ވަށައިގެން ހަނގުރާމަކުރަމުން، ވައިގެ ތެރޭގައި ބަދަލުކުރާ ހަމަލާތައް ވެސް މަދެއް ނޫނެވެ. ބައެއް ފަހަަރަށް އަލީ ވެސް، ވިދުވަރެއް ފަދައިން، ނިކަ ގަހަށް ވުރެ މައްޗަށް އަރަ އެވެ. އޭނާގެ ފަހަތުން ހިޔަނި ވެސް އުދުހިގަނެ އެވެ. ދެ ކަނޑި ޖެހި، މަލިކުގެ އަނދިރި ޖައްވު ތެރޭގައި އަލިފާނުގެ ކަނިތައް، އިރުކޮޅެއް ވަންދެން ނަށަނަށާ އޮވެ އެވެ.
"ކަލޭ ގޮސް، ބަފާ ކައިރީ ބުނޭ މައިތިރިވެގެން، ކަލޭމެންގެ މަގާމުގައި ތިބޭށޭ،" ހިޔަނީގެ ފަހަތުން ހަމަލާއެއް ދެމުން އަލީ ގޮވާލި އެވެ.
އެކަމަކު ހިޔަނި އުދުހިގަތީ އަލީއަށް އަތުލެވޭ ވަރަށް ވުރެ ބާރަށެވެ. އޭނާ ތަންކޮޅަކަށް ގޮސް، މަޑުކޮށްލި އެވެ. އަލީ ވެސް، އޭނާއާ ކުރިމަތިވާ ގޮތަށް މަޑުކުރި އެވެ.
"ހައްވަގެ މަންމައަކީ އަހަރެމެންގެ ތެރެއިން އަންހެނެއް. ކަލޭގެ ބައްޕަ އޭނާ ޖަހައިގަނެ، އިންސާނަކަށް ބަދަލުކުރީ. އޭނާގެ ދަރިއަކު އިންނަން ޖެހޭނީ އަހަރެމެންގެ މީހަކާ. އެނޫން ސުލްހައެއް ކަލޭގެ ގެޔަކަށް ނޯންނާނެ. އޭނާއަށް އިންސާނަކާ އިނދެގެންނެއް ނޫޅެވޭނެ. ލާހިކެއް ނޫން އުޅޭކަށް،" ހިޔަނި، އަޑުގެ ކޮޅަށް ގޮވާލި އެވެ.
"ކަލޭ ތި ދެއްކި ހުރިހާ ވާހަކައެއް ބައްޕަ އޮތީ އަހަންނަށް ކިޔައިދީފައި. އެެހެންވެ އަހަރެން ހައިރާނެއް ނުވޭ. އެކަމަކު އަހަރެންގެ ކޮއްކޮ، ކަލޭ ކަހަލަ ކަޅު ހިޔަންޏަކަށް، ހަމައެކަނި ރޭގަނޑު ބޭރަށް ނުކުމެ އުޅޭ ޝައިތާނަކަށް ބަދަލުވިޔަކަ ނުދޭނަން. އޭނާ އިންނާނީ އިންސާނަކާ. އޭނާ ވިހާނީ ވެސް އިންސާނުން. އޭނާ މަރުވެދާނީ ވެސް އިންސާނެއްގެ ގޮތުގައި ހުރެ،" އަލީ ވެސް ހަޅޭއްލަވައިގަތެވެ.
އަލީގެ އެ ވާހަކައިން، ހިޔަނީގެ ލޮލުގެ ރަތްކަން ކުރިއަށް ވުރެ ގަދަވި އެވެ. އަނދައަނދާ ހުރި އަނގުރެއް ފަދަ އެވެ. އެ ރުޅީގައި އޭނާގެ ކަނޑި މައްޗަށް ދަމާލާފައި، އަލީއާ ދިމާއަށް އުދުހިގަތެވެ. އެއީ އަލީ ބޭނުންވި ވަގުތެވެ. އޭނާގެ ކަނޑި މިފަހަރު މިސްރާބު ވެފައި ހުރީ، ރަނގަޅަކަށް ނޫނެވެ. އަލީގެ އަތުގައި އޮތް ކަނޑީގެ މުއްގަނޑުގައި ގަދައަށް މުއްކަވާލި އެވެ. އެއްވެސް ފަރާތަކަށް ގުނޑާނުލައި ހުރެ ޖެހި އެތިފަހަރުން ހިޔަނީގެ ކަނޑި ދުރަށް ވިއްސައިގެން ދިޔަ އެވެ.
އަލީ ކުއްލިއަކަށް ބިންމައްޗަށް ތިރިވެ، ހިޔަންޏަށް ވުރެ ކުރިން، އެ ކަނޑި ޖަހައިގަތެވެ. ހިޔަންޏަށް ހަނގުރާމައިގެ މަގު ބެދުނީ އެވެ. އޭނާގެ ލޮލުގެ ރަތްކަން ކުއްލިއަކަށް މަޑުމަޑުން ތިރިވާން ފެށި އެވެ. އަލީ އެ ކަނޑީގައި ވާތުން ހިފައި، ހިޔަނީގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.
"ދެން ކިހިނެއް ހަދާނީ؟" އަލީ، އޭނާއާ ސުވާލުކުރި އެވެ.
ވަކި އެއްޗެކޭ ނުބުނެ އަލީގެ ކުރިމައްޗަށް ހިޔަނި ގުދުވި އެވެ. އެ ހަނގުރާމައިން އޭނާ ބަލިވެއްޖެ އެވެ.
"ކަލޭގެ ދެ ލޮލަށް މި ކަނޑި އަހަންނަށް މިހާރު ހަރާލެވޭނެތަ؟" އަލީ ސުވާލުކުރި އެވެ.
"ސާހިބާ! ތިއީ އެހާ އަނިޔާވެރި ބައެއް ނޫން،" ހިޔަނި، އެހެން އެއްވެސް ގޮތެއް ނެތިގެން، އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ކިހިނެއް އަހަރެން ހަދަންވީ؟" އަލީ އެހި އެވެ.
"ސާހިބާއަށް އެނގޭނެ ހުސް އަތާ އަހަރެންގެ މީހުން ކައިރިއަށް ހިނގައްޖެއްޔާ އަހަރެން މަރާލާނެކަން. ކަނޑި ގެއްލުމަކީ އަހަރެމެންގެ މަރު. އެހެން ނުހަދާ!" ހިޔަނި ބުންޏެވެ.
އިރުކޮޅަކު ވިސްނަން ހުރެފައި، އެ ކަނޑި، ހިޔަންޏާ ދިމާއަށް އެއްލި އެވެ. އޭގައި އޭނާ ހިފި އެވެ. ދެން ކުއްލިއަކަށް ބިމުން ފައި ލުހެލައި، ވައިގެ ތެރޭގައި، މަޑުކޮށްލި އެވެ.
"އަދިވެސް އަންނާނަން. ހައްވަ މި ގޭގައި އުޅޭހާ ހިނދަކު އޮތީ ހަނގުރާމަ،" ކަނޑި ލިބުމާ އެކު، އޭނާއަށް ބާރުއައިސް، ރުޅިވެރިކަމާ އެކު ބުނެލި އެވެ. އެކަމަކު އިތުރު ހަމަލާއެއް ނުދީ، އޭނާ އުދުހިގަތީ އެވެ. އަނދިރީގެ ތެރެއަށް ގޮސް ގެއްލުނެވެ.
އަލީ ގެއާ ދިމާއަށް ދުއްވައިގަތެވެ. ވަލުތެރެއިން ނުކުމެ، ފާރުމަތިން ގިފިލިތެރެއަށެވެ. ދެން ކޮޓަރިއަށެވެ. އޭގެ ފަހުން ހައްވަގެ ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓި، ޓަކި ޖަހާލި އެވެ. ހައްވަ އެ ދޮރު ހުޅުވާލި އެވެ.
"ތައްޔާރުތަ؟" އަލީ އެހި އެވެ.
އެނދު ކައިރީގައި ކުޑަ ލަކުޑި ފޮއްޓެއް ހުއްޓެވެ. އެއީ ހައްވަގެ ހުރިހާ އެއްޗެކެވެ.
އަލީ ކޮޓަރިއަށް ވަދެ، ފޮށި ނަގާ ކޮނޑަށް ލި އެވެ. ކޮޓަރިން ބޭރަށް ނުކުތެވެ. ބޭބެގެ ފަހަތުން ހައްވަ ވެސް ހިނގައިގަތެވެ. މަޑުމަޑުން ދޮރު ލެއްޕި އެވެ. ތަޅުލި އެވެ. ދެން ބޭބެގެ ހުދު ގަމީހުގެ ކަނާތު މޭ މަތީ ޖީބަށް، ތަޅުދަނޑި ވައްޓާލި އެވެ. އޭނާގެ ކޮޓަރިއާ ދިމާއަށް އިތުރު ކަޅިއެއް ވެސް އެއްލައިނުލަ އެވެ. ހީވީ، މިހާ ހިސާބުން އޭނާގެ ކޮޓަރި ވެސް، އޭނާގެ ގެ ވެސް ބީރައްޓެހި ވެއްޖެ ހެންނެވެ.
ގެއިން ނުކުމެ، ބައްޕަ އޮތް ގެގަނޑު ހުރަސްކޮށް، އަލީގެ ފަހަތުން ހައްވަ ކުރިއަށް ފިޔަވަޅު އަޅަން ފެށި އެވެ. ބައްޕައާ ފަހުގެ ސަލާން އޮތީ ކޮށް ނިމިފަ އެވެ. އިރާކޮޅު ދިން ފޮތާ އެކު، ބައްޕަގެ މޭމަތީގައި އޮވެ އޮއްސި ކަރުނައަކީ ފަހުގެ ބައްދަލުވުމެވެ. އޭނާގެ ބޮލުގައި ބައްޕަ ފިރުމި ފިރުމުންތަކަކީ، ބައްޕަގެ ހަށިގަނޑުން އޭނާއަށް ލިބުނު އެންމެ ފަހު އިހުސާސްތަކެވެ. ބައްޕައަށް ވެސް އެކަން އެނގޭނެ އެވެ.
މުޅި އުމުރު އެބަޔަކަށްޓަކައި އޭނާ ހާދަކުރި ދެ މީހުންނާ ވަކިވެދަނީ އެވެ. އޭނާ ދުނިޔެއަށް އުފަންވެ، އުޅެބޮޑުވި ގެއާ ވަކިވެދަނީ އެވެ.
މަގުމައްޗަށް ނުކުމެ ހިނގައިގަތީ ގޭގެ ބިއްދޮށަށެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން، ކަޅު ހިޔަންޏާ އަލީ ހަނގުރާމަކުރި ވާ އޮތް ދިމާލެވެ. ދެ މީހުން ކުރިއަށް ދާން ފެށީ ކުރީގެ ވެސް ހަނި މަގުންނެވެ. އެތައް އިރަކު ހިނގުމަށް ފަހު، ގޮނޑުދޮށަށް ނުކުމެވުނެވެ. ރާޅުފަށަށް އެހެލާފައި ކުޑަ ބޮއްކުރާއެއް އޮތެވެ. އަލީ ގޮސް، އޭގައި ހައްވަގެ ފޮށި ބެހެއްޓި އެވެ. އަލީ އަންގާ އެންގުމެއް އަޑުއަހަން ދޮންވެލިގަނޑު މަތީ މަޑުކޮށްލައިގެން ހުރި ކޮއްކޮ ކައިރިއަށް ޖެހިލި އެވެ.
ދެ މީހުން ހަތަރު ކަޅި ހަމަކޮށްލި އެވެ. ރަތް ކުލައިގެ ދިގު ހެދުމެއްގައި ހުރި އޭނާގެ ލޯބިވާ ކޮއްކޮގެ ދެ އަތުގައި ހިފަހައްޓާލި އެވެ. މައްޗަށް ނަގާ، ދެ އަތްތިލައިގެ ނުފުށުގައި ތުންފަތް ޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. ކޮއްކޮގެ ކުރިމަތީގައި ރޯކަށް އޭނާ ބޭނުމެއް ނުވެ އެވެ. މިއީ އެ ވަގުތެއް ނޫނެވެ. މިއީ ބައްޕަގެ އަމުރަށް، ބައްޕަ ބުނި ކަންތައް، ހިތްވަރާ އެކު ނިންމަންވީ ވަގުތެވެ.
"ކޮއްކޮ ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް. ބާރަށް ހިފަހައްޓާލައިގެން އިނދޭ. ލޯ ނުހުޅުވާތި. ފިއްލަދުއަށް ދެވުނީމާ އެނގޭނެ. އެނޫން ތަނަކު ބޮއްކުރާގެ ފަށަމެއް ނުޖެހޭނެ،" އަލީ، އޭނާގެ އެންމެ ފަހު ވާހަކަ، ހައްވައަށް އިވި އެވެ.
ދެ އަތް ތިލަ މަޑުމަޑުން ދޫކޮށްލި އެވެ. ހައްވަ ހިނގައިގަތެވެ. ރާޅުފަށުގައި ބީއްސަމުން ދިޔަ ލޮނުގަނޑު ތެރެއަށް ދެ ފައިތިލަ އަޅާލި އެވެ. ދެން ބޮއްކުރާއަށް އެރި އެވެ. އޭނާ އިށީނީ، ފަހަތުކޮޅު ފިލާގަނޑު މަތީގަ އެވެ.
އަލީ އެ ކޮއްޕާ މޫދަށް ބޭލި އެވެ. ދެން ދިރުނބާކޮޅު، މޫދާ ދިމާއަށް އަނބުރާލި އެވެ. ބޮއްކުރާގެ ފަހަތުކޮޅުގައި ހިފާ ބާރަށް ކޮއްޕާލި އެވެ. އެނބުރި ބަލާ ވެސް ނުލައި، ހައްވަ އިން ގޮތަށް އިނީ އެވެ. އޭނާގެ ކުރިމަތީގައި އޮތީ އަނދިރި، ބޮޑު ކަނޑެވެ. އޭނާ އެ ދޫކޮށްލަނީ އެ އަނދިރިކަމުގެ ތެރެއަށެވެ. މިއީ ދުވަހަކު ވެސް އޭނާގެ ހިތަށްއެރި ވަގުތެއް ނޫނެވެ. އެކަމަކު ބައްޕަގެ ނިންމުން އައުމާއި ފުރުމާ ކުރިމަތިލާން މި ޖެހުނީ އެކުއެކީގަ އެވެ.
ދުނިޔޭގައި ހުރި ހަމައެކަނި ބޭބެ އޭނާއާ ވަކިވީ އެވެ. އެއީ މި އޮތް ހުރިހާ ދުވަހު އޭނާގެ ހިމާޔަތުގައި ހަނގުރާމަކޮށް، އަބަދުވެސް އޭނާގެ ފާރަޔަށް ހުރި ބޭބެ އެވެ. އޭނާގެ މަލިކު ވެސް، ފަހަތަށް ގޮސް ގެއްލެނީ އެވެ. އަރިއަކަށް ވެސް ޖެހިނުލައި، ސީދާ ކުރިމައްޗަށް ބަލަހައްޓައިގެން ހައްވަ އިނެވެ.
ބޮއްކުރާއަށް ދުވެލި އަންނަން ފެށި އެވެ. ކުރިމަތީގައި އޮތް އަނދިރިކަމުގެ ތެރެއިން، މާ ދުރުން އޭނާއަށް ފުރަތަމަ ވިދުވަރު ފެނުނެވެ. ކަޅު ވިލާތައް އެދިމާއަށް ބޯވެ، ވައި ގަދަވަމުން އަންނަކަން އޭނާއަށް އެނގެ އެވެ.
މަލިކުގެ ފަޅުތެރެއިން ބޮއްކުރާ ނުކުމެ، އޭނާގެ އެއްވެސް ބާރެއް ނެތި، ކަނޑުގައި ދުއްވައިގަތްލެއް ބާރުކަމުން، ހައްވައަށް ފިލާގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، ބޯ ވާރެ އާއި ގަދަ ވައިގެ ތެރެއަށް ވަދެވުނެވެ. ބޭބެ ބުނި ގޮތަށް އޭނާ ލޯ މަރާލި އެވެ. މިހާރު އޭނާގެ އެއްވެސް ބާރެއް ނެތެވެ.
ހަމައެކަނި އޮތް އިތުބާރަކީ ބައްޕަ ދިން ޔަގީންކަމެވެ. (ތިން ވަނަ ބައި މާދަމާ)