30 އެޕްރީލް 2020 - 21:10

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި ފުރަތަމަ މީހާގެ ފިރިމީހާ ވެސް އެ ބައްޔަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.
ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ، ރޭ މަރުވި އާމިނަތު އާދަމް 83، ގެ ފިރިމީހާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޑީއެޗް-11 ގައި ފަރުވާ ދެނީ އެ ބަލީގައި ހާލު ސީރިއަސް ވާ މީހުންނަށެވެ.
އެނގިފައިވާ ގޮތުގައި، އެ ފިރިހެން މީހާ ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އައިސީޔޫގައި ފަރުވާ ދޭން ފެށީ މެންދުރު ކަމަށް ވެ އެވެ.
އައިމިނަތު އާދަމް، ކޮވިޑް-19 ގައި ރޭ މަރުވި އިރު އޭނާ އަށް އެ ބަލި ޖެހިފައިވާ ކަން ޔަގީނެއް ނުވެ އެވެ. ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ލިބުނީ އޭނާ މަރުވި ފަހުންނެވެ. ނޭވާލުމުގައި ދަތިތަކެއް ހުރި ކަމުގެ ރިޕޯޓެއް ލިބި، އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ސަރުކާރުން ރޭ ދަންވަރު ބޭއްވި ކުއްލި މީޑިއާ ބްރީފިންގައި ބުނެފައި ވެ އެވެ.
މި ދެމީހުންނަކީ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ބަޔަކާ ކޮންޓެކްޓްވެ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެއެއްގެ ދެމީހުންނެވެ. އަންހެން މީހާ މަރުވި އިރު އެކަމުގައި އެޗްޕީއޭގެ އިހުމާލު ވާކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ދެއްވި އެވެ.
މަރުވި އާމިނަތު އާދަމް އަކީ ކޮވިޑް-19 ކޭސް 126 އާ ގުޅުން ހުރި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ކޭސް 126 އަކީ "އެމްއެޗްއެފް" ކްލަސްޓާއާ ގުޅުން ހުރި މީހެކެވެ.