01 މެއި 2020 - 13:10

ދިރިއުޅުމުގެ ހަޔާތުގައި އިންސާނުން އިމްތިހާނު ކުރެވިގެން ދިއުމަކީ، އެސަބަބަކަށްޓަކައި ދިރިހުރުމާއި މަރުވުން ﷲ ލެއްވެވި ސަބަބެވެ. (އަލްމުލްކު 2). އެހެންކަމުން ތަފާތު ގޮތްގޮތަށް އިންސާނުން އިމްތިހާނު ކުރެވެމުން ދެ އެވެ. މިގޮތުން ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމާއި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުން، ﷲ އިންސާނުން އިމްތިހާނު ކުރައްވާ ކަން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި (މިފަދަ ކަންކަން މެދުވެރިވުމުން) ކެތްތެރިވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށް އެކަލާނގެ އަންގަވަ އެވެ. (އަލްބަޤަރާ 155). މިގޮތުން އެފަދަ ދަނޑިވަޅުތަކުގައި إنّا لله وإنّا إليهِ رَاجعُون "ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ" ބުނެ އީމާންކަން ވަރުގަދަކޮށް ކެތްކުރާ މީހުންނަށް ﷲ ގެ ހަޟްރަތުން ރަޙުމަތާއި ބަރަކާތް ލިބިގެންދާނެކަމާއި ތެދުމަގު ލިބިގެންވާ މީހުންނަކީ ހަމަ އެބައިމީހުން ކަމަށް ޖެހިގެން އޮތް އާޔަތްތަކުގައި ބަޔާންކުރައްވާފައިވެ އެވެ.
ވީމާ އެއްވެސް ގޮތަކުން އިންސާނާ އިމްތިހާނު ކުރެވެމުންދާ އިރު ހާސްވެ ކަންބޮޑުވާކަށް ޖާގައެއް ނެތެވެ. އޭގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ ﷲ އަށް ރުޖޫޢަ ވުމެވެ. އަދި އަބަދުވެސް ﷲ ހަނދުމަ ކުރުމެވެ. ހިތްހަމަޖެހުމާއި ހިތްގައިމުކަން ލިބި އުންމީދުތައް އާވުމަށް އޮތް އެންމެ ބޮޑު ފަރުވާ އަކީ ވެސް ހަމަ ﷲ ހަނދުމަ ކުރުމެވެ. ކީރިތި ޤުރްއާނުގައި އެކަލާނގެ ބަޔާން ކުރައްވަނީ "އެއުރެންނީ އީމާންވީ މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢުދު 28)
އާދެ، ﷲ އަށް ރުޖޫޢަވުމާއި، ﷲ ހަނދުމަކުރުމުން ހިތްހަމަޖެހުން ނުލިބެންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާތަކެއްޗެއް ހައްދަވައި އެތަކެތި ވަކި ނިޒާމަކުން ހިނގާނެ ފަދަ ގޮތް މެދުވެރި ކަލާނގެ އެވެ. މި ކައުނުގައި ހިނގާ އެއްވެސް ކަމެއް އެކަލާނގެ އިރާދަ އާއި މިންވަރުފުޅުން މެނުވީ ނުހިނގަ އެވެ. އަދި އިމްތިހާނުގެ ވަގުތުތަކުގައި އެކަލާނގެއަށް ރުޖޫޢަވެ އެކަލާނގެ ހަނދުމަކޮށް އިޚްލާޞްތެރިކަމާ އެކު އެކަލާނގެ އަށް ދުޢާ ދެންނެވުމުން އެ ދުއާތައް އިޖާބަ ކުރައްވަ އެވެ.
މިކަން ހާމަވެގެންދާ ވަރަށް ގިނަ ހާލަތްތައް ކީރިތި ޤުރްއާނުން ފެނެ އެވެ. އިމާމް ޖަޢުފަރުއްޞާދިޤު މިފަދަ ތަފާތު ފަސް ހާލަތެއް ބަޔާން ކުރައްވާފައިވަނީ މި ހާލަތްތަކުގައި މީސްތަކުން ހަނދާނަށް ގެންނަން ޖެހޭ ކަންކަން ބައެއް މީހުން ހަނދާން ނައްތާލާތީ އެކަމާ އަޖައިބުވާ ކަމަށް ބަޔާން ކުރައްވަމުންނެވެ.
މިގޮތުން މިފަދަ ފުރަތަމަ ހާލަތަކީ، ބަލިމަޑުކަމާއި ތަދުމަޑުކަން ފަދަ ދަތިއުނދަގޫކަމެއް މެދުވެރިވެގެން އިމްތިހާނު ކުރެވޭ ހިނދެވެ. މި ހާލަތުގައި، أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ "ހަމަކަށަވަރުން މި އަޅާއަށް ދަތިކަމާއި އުނދަގޫ މެދުވެރިވެއްޖެ އެވެ. އަދި އިބަރަސްކަލާނގެ އީ ރަޙުމަތް ލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެ އެވެ" (އަލްއަންބިޔާއު 83). ކިޔަން ހަނދާން ނައްތާލަނީ ކީއްވެހެއްޔެވެ؟ ޖެހިގެން އޮތް އާޔަތުގައި ﷲ މިހެން ބަޔާންކޮށްފައި ނުވޭ ހެއްޔެވެ؟ "ފަހެ، ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް (އައްޔޫބުގެފާނަށް) އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ހާލު ފިއްލަވައި، އަދި އެކަލޭގެފާނުގެ އަހުލުވެރިންނާއި، އެ އަހުލުވެރިންނާ އެކު ހަމަ އެފަދަ އަހުލުވެރިން ދެއްވީމެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙުމަތެއް ކަމުގަ އެވެ. އަދި އަޅުކަން ކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ."
ދެވަނަ ހާލަތަކީ، ދަތިކަމާއި މޮޅިވެރިކަން ފަދަ ކަމަކުން އިމްތިހާނު ކުރެވޭ ހިނދެވެ. މި ހާލަތުގައި لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ "އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާ އެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ" (އަލްއަންބިޔާ: 87). ކިޔަން ހަނދާން ނައްތާލަނީ ކީއްވެހެއްޔެވެ؟ ޖެހިގެން އޮތް އާޔަތުގައި ﷲ މިހެން ބަޔާންކޮށްފައި ނުވޭ ހެއްޔެވެ؟ "ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (ޔޫނުސްގެފާނަށް) އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މުއުމިނުތަކުން ސަލާމަތް ކުރައްވަމެވެ."
ތިންވަނަ ހާލަތަކީ، ބިރުވެރިކަމުން އިމްތިހާނު ކުރެވޭ ހިނދެވެ. މި ހާލަތުގައި حَسْبُنَا اللهُ وَنِعْمَ الوَكِيلُ "ތިމަންމެންނަށް، ﷲ ފުދެ އެވެ. އަދި ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ." (އާލްޢިމްރާން 173) ކިޔަން ހަނދާން ނައްތާލަނީ ކީއްވެހެއްޔެވެ؟ ޖެހިގެން އޮތް އާޔަތުގައި ﷲ މިހެން ބަޔާންކޮށްފައި ނުވޭ ހެއްޔެވެ؟ "ފަހެ ﷲ ގެ ޙަޟްރަތުން ދެއްވި ނިޢުމަތާއި، ފަޟްލަވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން (ހަނގުރާމަކުރަން އިދިކޮޅު ލަޝްކަރުގެ ވަރުގަދަ ކަމާ މެދު ބިރުގަންނާށޭ ބުނެވުނު ބޭކަލުން) އެނބުރި އައޫ އެވެ. އަދި އެއުރެން ﷲ ގެ ރުއްސެވުން ހުރި މަގަށް ތަބާވޫ އެވެ. ﷲ އީ ބޮޑުވެގެންވާ ފަޟްލަވަންތަ ކަމުގެ ވެރި ރަސްކަލާނގެ އެވެ."
ހަތަރުވަނަ ހާލަތަކީ، ނުބައި ރޭވުންތަކާއި މަކަރުވެރިކަން ފަދަ ކަމަކުން އިމްތިހާނު ކުރެވޭ ހިނދެވެ. މި ހާލަތުގައި وَأُفَوِّضُ أَمْرِي إِلَى اللَّهِ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ "އަދި އަހުރެންގެ ހުރިހާ ކަމެއް ﷲ އަށް އަހުރެން ވަކީލު ކުރަމެވެ. ހަމަކަށަވަރުން ﷲ އީ އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ އެވެ." (ޣާފިރު 44). ކިޔަން ހަނދާން ނައްތާލަނީ ކީއްވެހެއްޔެވެ؟ ޖެހިގެން އޮތް އާޔަތުގައި ﷲ މިހެން ބަޔާންކޮށްފައި ނުވޭ ހެއްޔެވެ؟ "ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން ﷲ އޭނާ (ފިރުޢައުނުގެ އާލުންކުރެ އީމާންވި މީހާ) ސަލާމަތް ކުރެއްވި އެވެ. އަދި އެންމެ ނުބައި ޢަޛާބު، ފިރުޢައުނުގެ މީހުން ވަށާލި އެވެ."
ފަސްވަނަ ހާލަތަކީ، ނިޢުމަތެއް ދެއްވުމުން އިމްތިހާނު ކުރެވޭ ހިނދެވެ. މި ހާލަތުގައި مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ "ﷲ އިރާދަކުރެއްވި ކަމެއް ވާނެ އެވެ. އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ." (އަލްކަހްފު 39). ކިޔަން ހަނދާން ނައްތާލަނީ ކީއްވެހެއްޔެވެ؟ އެ އާޔަތުގައާއި ޖެހިގެން އޮތް އާޔަތުގައި ﷲ މިހެން ބަޔާންކޮށްފައި ނުވޭ ހެއްޔެވެ؟ "ތިބާ (ދެ ބަގީޗާގެ ވެރިޔާ) އަށް ވުރެ އަހުރެން (އޭނާގެ އެކުވެރިޔާ) ގެ މުދަލާއި ދަރިން މަދުކަމުގައި ތިބާ އަށް ފެނުނަސް، ފަހެ، ތިބާގެ ބަގީޗާއަށް ވުރެ މާ ހެޔޮވެގެންވާ ނިޢުމަތް އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވައިފާށި އެވެ! އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވައި، ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަން ވެދާނެ އެވެ."
ވީމާ، ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިވަމުންދާ ތަފާތު އިމްތިހާނުތަކުގައި މި ހާދިސާތަކުގެ މަތިން ހަނދާންކޮށް މި ހާދިސާގެ ބަތަލުން ކަންކުރެއްވި ފަދައިން އަހަރެމެން ވެސް ކަން ނުކުރަންވީ ކީއްވެހެއްޔެވެ؟