ވައިރަހަކީ އަޅުގަނޑު އިންތިޚާބުން ބަލިވޭތޯ ޗައިނާ އިން ޖެހި މަޅިއެއް: ޓްރަމްޕް
ވައިރަހަކީ އަޅުގަނޑު އިންތިޚާބުން ބަލިވޭތޯ ޗައިނާ އިން ޖެހި މަޅިއެއް: ޓްރަމްޕް

ވޮޝިންޓަން (މެއި 1) - ކޮރޯނާވައިރަހާ ގުޅޭ ކަންކަން ޗައިނާ އިން މެނޭޖްކޮށްފައި ވަނީ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުން އޭނާ އަށް ނާކާމިޔާބުވާނެ ކަމަށް ޗައިނާ އަށް ހީވާ ހުރިހާ ގޮތެއް ހިމަނައިގެން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރިން ވެސް ވަނީ ޑިސެމްބަރު މަހު ފަހުކޮޅު ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރުމުގެ ކުރިން ޗައިނާ އަށް ހުއްޓުވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެ އަށް ޗައިނާ އިން ދިން ގެއްލުމުގެ ބަދަލު ހިފާނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

"ޗައިނާ އަށް އަޅުގަނޑަކަށް ވެސް ކިތަންމެ ކަމެއް ކުރެވޭނެ،" ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އަށް ފެންނަ ގޮތުގައި ޗައިނާ އިން އަމަލުކޮށްފައި ވަނީ އެމެރިކާގެ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކާމިޔާބުވާނެ ކަމަށް ބެއިޖިން އަށް ހީވާ ގޮތަށް ކަމަށެވެ. އެއީ ޗައިނާއާ ދެކޮޅަށް އޭނާ ހަށާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރޭކަން ސިއްރުކޮށްގެން ޗައިނާ އިން އުޅުނީ އެކަމުން ސިޔާސީ ފައިދާއެއް ނަގަން ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިވެންޓްތައް ވަރަށް އަވަހަށް ބާއްވަން ފަށާނެ ކަމަށެވެ.