ސީޒަން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޔުއެފާގެ މެޑިކަލް ކޮމިޓީ
ސީޒަން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޔުއެފާގެ މެޑިކަލް ކޮމިޓީ

ނިޔޯން، ފްރާންސް (އޭޕްރިލް 30) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ފުރުސަތު ޔަގީނުން ވެސް އެބައޮތް ކަމަށް ޔުއެފާގެ މެޑިކަލް ކޮމިޓީން ބުނެފި އެވެ.

ފެށުނީއްސުރެ ޔުއެފާ އާއި ފީފާ އިން އަންނަނީ ސީޒަން ފުރިހަމަކުރަން ބާރުއަޅަމުންނެވެ. އެކަން ކުރަން ވަގުތު ދިނުމުގެ ގޮތުން ޔުއެފާ އިން ވަނީ ޖޫން/ޖުލައި ގައި ބާއްވަން އޮތް ޔޫރޯ ވެސް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި ސީޒަން ފުރިހަމަނުކުރާ ގައުމުތަކުގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުން ފުރުސަތު ނުލިބިދާނެ ކަމުގެ އިޝާރާތެއް ވެސް ޔުއެފާ އިން ކުރި އެވެ.

އެކަމަކު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ނެދަލެންޑްސް އާއި ފްރާންސް ސީޒަން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ޔުއެފާ އަދިވެސް އޮތީ ގިނަ ގައުމުތަކުން ސީޒަން ފުރިހަމަކުރާނެ ކަމުގެ އުއްމީދުގަ އެވެ. އެންމެ ބޮޑު ސަބަބަކީ ފުރިހަމަނުކޮށްފި ނަމަ މާލީ ގެއްލުންތަކެއްވެ ކްލަބްތަކެއް ބަނގުރޫޓްވުމުގެ ބިރު އޮތުން ކަމަށް ބެލެވެ އެވެ.

ޔުއެފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން ޓިމް މޭޔާ ވިދާޅުވީ މުބާރާތްތައް އަލުން ފަށަން ރާވަމުންދާ އެސޯސިއޭޝަންތަކުން، މެޗުތަކުގައި ބައިވެރިވާ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ލިބިދޭނެ ފުރިހަމަ އުސޫލުތަކެއް ގާއިމްކުރާނެ ކަމަށެވެ. އެ ޝަރުތަކާ އެކު، އަދި އެ ގައުމެއްގެ އާއްމު ގާނޫނަށް އިހުތިރާމްކޮށްގެން، މެދުކަނޑާލާފައިވާ މުބާރާތްތައް މި ސީޒަނުގެ ތެރޭ އަލުން ފަށަން ރޭވުމުގެ ފުރުސަތު ޔަގީނުން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ، ބަލިމަޑުކަމުގެ ތެރޭގައި ލީގު ފުޓްބޯޅަ އަލުން ފެށުމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށް ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން މިޝޭލް ޑިހޫގޭ ވިދާޅުވެފައިވަނިކޮށެވެ. ޑިހޫގޭ ލަފާ ދިނީ އަންނަ ސީޒަނަށް ތައްޔާރުވުމަށެވެ.

ޔޫރަޕުގެ އެންމެ ވަރުގަދަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ ލީގު ފަށަން ރޭވުންތައް ރާވަމުންނެވެ. އިޓަލީގައި ވެސް އަންނަ ހަފުތާގައި ލޮކްޑައުނަށް ލުޔެއް ދިނުމާ އެކު ޕްރެކްޓިސްތައް ފެށުމުގެ ފުރުސަތު ކްލަބްތަކަށް ލިބޭނެ އެވެ. އެހެންވެ އިޓާލިއަން ލީގު ވެސް އަންނަ މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު ފެށުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ސްޕެނިޝް ލީގުގެ ކުޅުން ކައިރި މުސްތަގުބަލެއްގައި ފަށަން ހުއްދަ ދޭން ސްޕެއިނުގެ ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. ޔުއެފާ އިން ވިސްނާފައި އޮތީ ލީގުތައް ޖުލައި 31 ގެ ނިޔަލަށް ނިންމުމަށް ފަހު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އޮގަސްޓުގައި ކުޅޭ ގޮތަށެވެ.