01 މެއި 2020 - 14:00

ގެއިން ބޭރަށް ނުނިކުމެވި، ރޯދަ މަސް ވެސް ހޭދަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، މައުލޫމާތުގެ ތެރެއިން ކިއުންތެރިންނަށް ހިތްހަމަޖައްސާލެވޭނެ ކްއިޒްއެއް "މިހާރު"ން ފަށައިފި އެވެ.
"މިހާރު"ގެ ރޯދަ ހާއްސަ ސެކްޝަންގައި ހިމެނޭ މި ކްއިޒްގައި ހިމަނާފައިވަނީ ރާއްޖޭގެ ތާރީހާއި ބައެއް މުހިންމު ހާދިސާތަކާއި ވަކިވަކި ޝަހުސިއްޔަތުތަކާ ބެހޭ ސުވާލުތަކެވެ. އެންމެ މަދުން ފުރުސަތު ބޭނުންކޮށް، އެންމެ އަވަހަށް ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން އެއް ވަނަ ހޮވައި، ޚާއްސަ އިނާމުތަކެއް ވެސް ވަނީ ހުށައަޅައިފަ އެވެ.
މި ކުއިޒުގެ އެއް ވަނަ އަށް ކެނޮން އެސްއެކްސް 430 ބްރޭންޑްގެ ކެމެރާއަކާއި 3،000ރ. ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެ އެވެ.
ކުއިޒް ކުރިއަށް ދާނީ މި މަހު 23ގެ ދަންވަރު 12:00 އާ ހަމައަށެވެ.
ކުއިޒްގައި ބައިވެރިވެވޭނީ ފޭސްބުކް، ޓްވިޓާ ނުވަތަ ގޫގުލް އެކައުންޓް ބޭނުންކޮށްގެންނެވެ.
"ކިއުންތެރިންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ މި ކްއިޒް ފުރިހަމަކޮށްލައިގެން. ވަރަށް އާދައިގެ ސުވާލުތައް ވެސް ހިމެނޭނެ، އުނދަގޫ ބައެއް ސުވާލުތައް ފެންނާނެ،" މިހާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން މި ތިބީ ގޭގައި. ކޮންމެވެސް ވަގުތުކޮޅެއް ހޯދައިލައިގެން، އެމީހެއްގެ އަމިއްލަ މައުލޫމާތު ހުރި ވަރު ޓެސްޓްކޮށްލަން ވެސް މިއީ ފުރުސަތެއް ކަމަށް ދެކެން."
ކުއިޒުގެ އިތުރުން، ރޯދައަށް ހާއްސަ ބައިގައި، ތަފާތު އެހެން މައުލޫމާތުތަކުގެ ލިއުންތަކާއި ވީޑިއޯތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ދީނީ މައުލޫމާތާއި ރެސިޕީ ވެސް "މިހާރު"ގެ ކިއުންތެރިންނާ ކޮންމެ ދުވަހަކު ބައްދަލުކުރާނެ އެވެ.