ޓީޗަރުންގެ ފަންނުވެރިކަން އިތުރުކުރަން އައިލެންޑާސް އިން މަހާސިންތާއެއް
ޓީޗަރުންގެ ފަންނުވެރިކަން އިތުރުކުރަން އައިލެންޑާސް އިން މަހާސިންތާއެއް

ޓީޗަރުންގެ ފަންނުވެރިކަން އިތުރުކުރުމަށާއި އަމިއްލަ ނަފްސު އިތުރަށް ތަރައްގީކުރަން އެހީތެރިވެދޭން އައިލެންޑާސް އެޑިއުކޭޝަން އިން މަހާސިންތާއެއް ފަށައިފި އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ "ފައުންޑޭޝަން ފޯ އަ ބެޓަ ފިއުޗާ" އާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ "އިނޮވޭޓް އެޑިއުކޭޝަން" ގެ ނަމުގައި މަހާސިންތާއެއް ބާއްވަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން މި އަހަރު އެ ހަރަކާތް ބާއްވަނީ އޮންލައިންކޮށެވެ.

ރޯދަ މަސް ނިމެންދެން މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު ތަފާތު އެކި ވަގުތުތަކުގައި ސެޝަންތައް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.

މި ފަހަރުގެ މަހާސިންތާގައި ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ހާއްސަކޮށްގެން ސެޝަންތަކެއް ތާވަލް ކޮށްފައި ވެ އެވެ. މި ވެބިނާގައި ހިލޭ ބައިވެރިވެވޭނެ އެވެ.

އެ ސެޝަންތައް ނަގައިދޭނީ ހިއުމަން ރިސޯސް، މެނޭޖްމެންޓް އެންޑް ލީޑަޝިޕް ޓްރެއިނިން ދިނުމުގެ ތަޖުރިބާކާރު އަފީފް ހުސެއިނާއި ކެޕިޓަލް އެންޑް ލީޑަޝިޕް ކޯޗް އާދަމް ނަސީރުގެ އިތުރުން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ތަޖުރިބާކާރުންނެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ބުނިގޮތުގައި މިއީ، ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގޭގައި ތިބި ޓީޗަރުންނާއި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ނަފްސާނީގޮތުން ކުރާ ނޭދެވޭ އަސަރުތަކާއި އަދި އިޖްތިމާއީ ގޮތުން ދިމާވާ ނުތަނަވަސްކަމުން އަރައިގަތުމަށް ވެދެވޭ އެހީއެއް ކަމަށެވެ.

"މީގެ ތެރޭގައި، ޓީޗަރުންނަށް މިފަދަ ސިއްހީ ކާރިސާތަކާއި ކުރިމަތިލާނެގޮތްތައް ކިޔައިދީ ހިޔާލު ބަދަލުކޮށް، މިފަދަ ދަނޑިވަޅުތަކުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތައް ކިޔައިދެވޭނެ. ބެލެނިވެރިންނަށް ވެސް އޭގެ ބައިތަކެއް ވަނީ ހާއްސަކޮށްފައި. މި ގޮތުން ގޭގައި ކިޔަވައިދިނުމާ ގުޅޭގޮތުން ކަމާ ގުޅޭ ތަޖުރިބާކާރުން މައުލާމާތު ފޯރުކޮށްދޭނެ،" އައިލެންޑާސް އިން ބުންޏެވެ.

ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ބައިތަކުގައި ޕްރީސްކޫލް ކުދިންނަށް ވާހަކަ ކިޔައި ދިނުން ހިމެނެ އެވެ. ރޯދަ މަހަށް ހާއްސާކޮށްގެން އިސްލާމްދީނާއި ގުޅޭ ދިނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކާއި ދަރުސްތައް ވެސް ވެބިނާ މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.