30 އެޕްރީލް 2020 - 11:44

ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންކޮށްފައި ވަނިކޮށް ބާޒާރުކުރަން ދިޔަ މީހަކު އަނބުރާ ގެއަށް ދިޔަ އިރު، އަންބަކު ގެންދިއުމުން އާއިލާއެއްގެ ތެރޭގައި މައްސަލަ ހޫނުވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު މިހާރު ގެއިން ބޭރަށް ދެވެނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ގަންނަން އެކަންޏެކެވެ. މި ހާލަތުގެ ތެރޭގައި އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދުގައި ބާޒާރުކުރަން ދިޔަ މީހާ ގެއަށް އަންބަކު ގެނައި މައްސަލާގައި އާއިލާ އިން ވަނީ އަންހެން މީހާ ގެއަށް ވައްދަން ވެސް ދެކޮޅު ހަދައިފަ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރިހެން މީހާ އާއިލާ އަށް ނާންގައި ސިއްރުން ކައިވެނިކުރީ މީގެ ދެ މަސް ކުރިންނެވެ. މި މައްސަލާގައި ފިރިހެން މީހާގެ މަންމަ ރުޅިގަދަވެ، މައްސަލަ މިހާރު ވަނީ އެ މީހުން ދިރިއުޅޭ ސާހިބްއާބާދުގެ ފުލުހުންނަށް ވެސް ރިޕޯޓްކޮށްގަ އެވެ.
"އަހަރެން އޭނާ ފޮނުވީ ބާޒާރުކުރަން. އެކަމަކު ކުއްލިއަކަށް ގެއަށް އަންބެއް ގެނައިމަ އެކަމެއް ގަބޫލެއް ނުކުރެވޭނެ،" އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ފިރިހެން މީހާގެ މަންމަ ސަވީތާ ބުންޏެވެ. "ލާހިކެއް ނޫން މި ގެއަކު އެ އަންހެން މީހާ ގެންގުޅޭކަށް."
މި މައްސަލާގައި، ގުއްޑޫ ނަމަކަށް ކިޔާ 26 އަހަރުގެ މީހާ ބުނީ އޭނާ ކައިވެނިކުރީ ހަރިދުވާރުގެ ފައްޅިއެއްގައި ކަމަށާއި ގެއަށް އަންހެނުން ނުގެނެސް މަޑުކުރީ ލޮކްޑައުންއާ ގުޅިގެން ކައިވެނީގެ ސެޓްފިކެޓް ލިބުން ލަސްވާތީ ކަމަށެވެ. އަދި ލޮކްޑައުން އިން ސަލާމަތްވާނެ އިރެއް ނޭނގޭތީ އާއި އަންހެނުން ދުރުގައި ބަހައްޓަން ބޭނުންނުވާތީ ގެއަށް ގެންދިޔައީ ކަމަށް ބުންޏެވެ.
އަނބިމީހާ ގެއަށް ވައްދަން މަންމަ ދެކޮޅު ހެދުމުން ފުލުހުންގެ އެހީތެރިކަމާ އެކު މައްސަލަ ހައްލު ވަންދެން ދެމަފިރިން މިހާރު ވަނީ ކުލީ ތަނަކަށް ބަދަލުކޮށްފައި ކަމަށް މީޑިއާތަކުން ބުންޏެވެ.