"ނައު ޔޫ ސީ މީ 3" އަށް ތައްޔާރުވާން ފަށައިފި
"ނައު ޔޫ ސީ މީ 3" އަށް ތައްޔާރުވާން ފަށައިފި

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމު ސީރީޒް "ނައު ޔޫ ސީ މީ" ގެ ތިން ވަނަ ބަޔަށް ތައްޔާރުވާން ފަށައިފި އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަޔަންސް ގޭޓުން ހަދާ ފިލްމުގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ 2013 ގެ ބްލެކް ކޮމެޑީ ކްރައިމް ޑްރާމާ "އެމެރިކަން ހަސްލް" އަދި މި އަހަރުގެ ޑިސެމްބަރަށް ފަސްކޮށްފައިވާ ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް: ގެ އެރިކް ވެރެން ސިންގާއާ އެވެ.

ތިން ވަނަ ބައިގެ ވާހަކަ އަށް ބޮޑެތި ޓްވިސްޓްތަކަކާ އެކު، އާ ކެރެކްޓާތަކެއް ވެސް ގެންނާނެ ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް "ނައު ޔޫ ސީ މީ 3" ގެ ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.

ހެއިސްޓް ތުރިލާ ފިލްމު "ނައު ޔޫ ސީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2013 ގަ އެވެ. އޭގެ ފަހުން ދެވަނަ ބައި ގެނެސްދިނީ 2016 ގަ އެވެ. ފިލްމުތަކުގެ ކާސްޓުންގެ ތެރޭގައި މާކް ރަފަލޯ، ޖެޒީ އީޒެންބާގް، ޑޭވް ފްރާންކޯ، މޯގަން ފްރީމަން، މެލަނީ ލޯރަންޓް، ވުޑީ ހެރެލްސަން، މައިކަލް ކެއިން، ޑެނިއަލް ރެޑްކްލިފް، އިޒްލާ ފިޝާ، ލިޒީ ކެޕްލާން އަދި ޖޭ ޗޯ ހިމެނެ އެވެ.

"ނައު ޔޫ ސީ މީ" ލުއީ ލެޓެރިއާ ޑައިރެކްޓްކުރި އިރު، "ނައު ޔޫ ސީ މީ 2" ގެ ޑައިރެކްޓްކުރީ ޖޮން އެމް ޗޫ އެވެ.

މި ދެ ފިލްމު ބޮކްސް އޮފީހުގައި ހޯދި އާމްދަނީ އަށް ބަލާ އިރު، 75 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފުރަތަމަ ބައިގެ އާމްދަނީ އަކީ 351.7 މިލިއަން ޑޮލަރެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ދެވަނަ ބައިގެ އާމްދަނީ އަކީ 334.9 މިލިއަން ޑޮލަރެވެ.