30 އެޕްރީލް 2020 - 03:50

އިބޯލާއާ ދެކޮޅަށް ބޭނުންކުރަމުން އަންނަ ބޭހެއް ކަމަށްވާ ރެމްޑިސިވިއާ އަކީ ކޮރޯނާވައިރަހާ ދެކޮޅަށް ބޭނުންކުރަން ރަނގަޅު އެއްޗެއް ކަމަށާއި މި ބޭސް ބޭނުންކުރުމުން ކޮރޯނާވައިރަހުން އަވަހަށް ސަލާމަތްވާކަމުގެ ސާފު ހެކި މިހާރު ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރެމްޑިސިވިއާ ދިނުމުން، ކޮރޯނާވައިރަހުގެ ބަލި މީހުން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް ކުރުކޮށްދޭ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ހެދި ކްލިނިކަލް ޓްރަޔަލްތަކުން ވަނީ އެނގިފަ އެވެ.
މި ހޯދުމާ ބެހޭ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ. މި ޚަބަރާ އެކު، ތަޖުރިބާކާރުން ވިދާޅުވަމުން އަންނަނީ މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށާއި އެކަމަކު މިއީ ބައްޔާ ދެކޮޅަށް "ޖާދޫއަކަށް ނުވާނެ" ކަމަށެވެ.
ނަމަވެސް ކޮރޯނާވައިރަހާ ހެދި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާތީ، ބައްޔާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ ބޭހެއް ލިބުން ވެގެން ދާނީ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުން ކުޑަކޮށް، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވުމާ އެކު ގައުމުތަކުގައި މިހާރު އިއުލާނުކޮށްފައިވާ ލޮކްޑައުންތަކަށް ލުއި ދެވޭނެ ސަބަބަކަށެވެ.
ރެމްޑިސިވިއާ އަކީ އިބޯލާ އަށް ފަރުވާކުރުމަށް އުފެއްދި ބޭހެކެވެ. މި އެންޓިވައިރަލް ބޭސް ހަމަލާ ދެނީ ހަށިގަނޑުގައި އުޅޭ ވައިރަސްތައް ހެދި ބޮޑުވެ އިތުރުވުމަށް ބޭނުންވާ އެންޒައިމްސްތަކަށެވެ.
މި ބޭހުގެ ޓްރަޔަލް ކުރިއަށް ގެންދިޔައީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް އިންނެވެ. އެ އިދާރާ އިން ވަނީ ދިރާސާގައި 1،063 މީހަކު ބައިވެރިކޮށްފަ އެވެ. މީގެ ތެރެއިން އެއްބަޔަކަށް މީގެ ބޭސް ދިން އިރު އަނެއް ބަޔަކަށް ދިނީ މި ބޭހުގެ ނަމުގައި "ޑަމީ" ޕްލަސީބޯ އެވެ.
މި ހޯދުމާ ބެހޭ ގޮތުން، އެ އިދާރާގެ ވެރިޔާ ޑރ. އެންތަނީ ފޯސީ ވިދާޅުވީ ރެމްޑިސިވިއާ އިން ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ކަމުގެ ސާފު ހެކި އެބަހުރި ކަމަށެވެ. އަދި މިއީ ކޮރޯނާވައިރަހަށް ފަރުވާ ކުރެވުމުގެ ދޮރު ހުޅުވުން ކަމަށާއި މި ގާބިލްކަން މިހާރު ލިބުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބޭހުން، ކޮރޯނާވައިރަހުގައި މަރުވާ ރޭޓް ދަށްކުރެވޭ ކަމުގެ ސާފު ޖަވާބެއް އަދި ނެތެވެ. ދިރާސާގައި އެނގިފައިވަނީ މި ބޭސް ދިން މީހުންގެ ތެރެއިން މަރުވީ އަށް ޕަސެންޓް މީހުން ކަމަށެވެ. އަދި ބޭހުގެ ނަމުގައި "ޑަމީ" ދިން މީހުންގެ ތެރޭގައި މި ނިސްބަތް ހުރީ 11.6 ޕަސެންޓުގަ އެވެ. އެކަމަކު މި ނަތީޖާ އަކީ ސްޓެޓިސްޓިކަލީ ހާއްސަކަމެއް ނެތް އަދަކަށް ވާތީ ސައިންސްވެރިންނަށް އަދި މިކަމުގައި އެއްޗެއް ބުނާކަށް ނޭނގެ އެވެ.
ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާ އިން ވެސް ވަނީ މި ބަލީގެ މީހުންނަށް ފަރުވާ ކުރުމުގައި ރެމްޑިސިވިއާގެ ފައިދާ ބޮޑު ކަމަށް ބުނެފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބޭސް ބޭނުންކުރަން ފެށުމުގެ ހުއްދަ އެމެރިކާ އިން ރަސްމީކޮށް ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.