15 އޮކްޓޯބަރ 2016 - 06:53

އެެމެރިކާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެ ގައުމުގެ ގިނަ މީހުން ތިބީ ސިޔާސީ ވާހަކަތަކުގެ އަޑު އިވޭތީ ރުޅި ގަދަވެފަ އެވެ. އެ ކަންކަމާ ހެދި ސިކުނޑި އަށް ހަމަޖެހުމެއް ނުލިބެ އެވެ. އެމެރިކާ މީހުންގެ ވާހަކަ ދައްކާއިރު އަހަރެމެންގެ ހާލާ މެދު ވެސް ވިސްނާލަން ޖެހެ އެވެ.
މި ކުޑަކުޑަ ގައުމުގައި ސިޔާސީ ނުވާ ކަމެއް، ސިޔާސީ ނުފޫޒުން ނޫނީ ކުރެވޭ ކަމެއް ވެސް ނެތެވެ. މީޑިއާގައި ވެސް އެ ނޫން ވާހަކައެއް ނެތެވެ. މީހުން ހައްޔަރުކުރާ ވާހަކަ އާއި އަދަބު ދޭނެ ކަމުގެ އިންޒާރުތަކުގެ އަޑާއި އެވެނި މީހަކު އިންތިޚާބު ކާމިޔާބު ކުރާނެކަން ޔަގީންވާ ކަމުގެ ވާހަކަ އެވެ. މި ވާހަކަތަކުން އުފާވާ މީހުންނާއި ރުޅި ގަދަވެ ބޮލުގައި ރިއްސާ މީހުން ވެސް އުޅޭނެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު އެ ގައުމުގެ އެތައް ބަޔަކު މިހާރު ބުނަމުން ދަނީ ސިޔާސީ ވާހަތަކާއި މަންޒަރުތަކުން ރުޅި ގަދަވެ ސްޓްރެސްވުން އިތުރުވެއްޖެ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ މީޑިއާގައި 24 ގަޑިއިރު ސިޔާސީ ވާހަކަ ދެއްކުމެވެ. އެ ވާހަކަތައް އިވި އަދި މަންޒަރުތައް ފެންނާތީ އެވެ.
އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭޕީއޭ) އިން ކުރި ދިރާސާއަކަށް ފަހު ބުނަނީ އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ވެސް ގިނަ މީހުން ތިބީ ހިލަރީ ކްލިންޓަން އާއި ޑޮނަލްޑް ޓްރަމްޕްގެ ވާދަވެރިކަން ބޮޑު ރިޔާސީ އިންތިހާބާއި އެކަމާ ގުޅިގެން ދައްކާ ސިޔާސާ ވާހަކަތަކާ ހެދި ސްޓްރެސް ވެފައި ކަމަށެވެ. މިކަމުގައި މައި ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ނުވަތަ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތަފާތެއް ވެސް ނެތެވެ.
"އިންތިހާބާ ގުޅިގެން ސްޓްރެސްއާ ކުރިމަތި ކުރުވަނީ އެކި ކަންކަމާ މެދު އުފެދޭ ބަހުސްތަކާއި ވާހަކަތަކާއި ފޮޓޯ އަދި ވީޑިއޯތައް ސޯޝަލް މީޑިއާގައި ގިނަވެ އޭގެ ސަބަބުން ކަންބޮޑުވުމާއި ހިތްމަނުޖެހުންތައް އުފައްދާތީ. އަދި ހާއްސަކޮށް އެފަދަ ވާހަކަތަކާ ގުޅިގެން މީހުން ކޮށްފައި ހުންނަ އެތައް ހާސް ކޮމެންޓްތައް ވެސް ވަނީ ސްޓްރެސް ކުރުވާ އެއްޗަކަށް. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ދީފައި ހުންނަ ކޮމެންޓްތަކާ ހެދި،" އޭޕީއޭގެ އެސޯސިއޭޓް އެގްޒެކަޓިވް ޑިރެކްޓަރު ފޯ ޕްރެކްޓިސް ރީސާޗް ލީން ބުފްކާ ވިދާޅުވެފައިވެ އެވެ.
އޭޕީއޭ އިން ލަފާ ދެނީ ސިޔާސީ ވާހަކަތާ ވީހާވެސް ދުރުގައި އުޅުމަށް މީޑިއާގެ ވަސީލަތްތަކާ އެއްފަރާތްވެލުމަށެވެ.
ދިރާސާ އިން ދައްކާފައިވާ ގޮތުގައި އެމެރިކާގައި، އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 52 ޕަސެންޓް މީހުން ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ހިނގާ ކަންމަކަކީ ސްޓްރެސް ވުމުގެ ބޮޑު ސަބަބެއް ކަމަށް ބުނެފަ އެވެ. އިންތިހާބާ ގުޅިގެން ސްޓެރެސްވާ ކަމަށް، ޑިމޮކްރެޓިކް ޕާޓީ އަށް ތާއީދުކުރާ 55 ޕަސެންޓް މީހުން ބުނި އިރު ރިޕަބްލިކަން އަށް ތާއީދުކުރާ 59 ޕަސެންޓް މީހުން ވެސް މިގޮތަށް ބުނެފައިވެ އެވެ.
މިއީ އެންމެ ދުވަސްވީ ތަހުޒީބު ޑިމޮކްރަސީ އޮތް ގައުމުގައި ރައްޔިތުން ތިބި ހާލެވެ. އަހަރެމެން ދިވެހިންގެ ހާލު މިއަށްވުރެ މާ ބޮޑުވާނެ އެވެ. އަހަރެމެން އަދި މި އުޅެނީ ޑިމޮކްރަސީ މާނަކުރާނެ ގޮތަކާ މެދު ވެސް އެއްބަސް ނުވެވިގެންނެވެ.