30 އެޕްރީލް 2020 - 01:18

ކޮވިޑް-19 މާލޭގައި ފެތުރެމުންދާތީ ފެށި ރެންޑަމް ސާމްޕަލް ޓެސްޓިންގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕްލިން ތެރެއިން މިހާތަނަށް އެކަކު ޕޮޒިޓިވްވެފައި ވިޔަސް މި ހަފުތާ ތެރޭގައި ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރަމުންދާތީ ކުރިއަށް އޮތްތަނުގައި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
"ރެންޑަމް ސާމްޕަލް އިން އަދި އެންމެ ބޭފުޅަކު ޕޮޒިޓިވްވީ، އެކަމަކު އެއީ ވަރަށް ފުޅާކޮށް ކުރެވޭ ކަމަކަށް ވާތީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު ފޯކަސްތައް އޭގެ ތެރެއިން ފެނިގެން ދިއުން،" ޑރ.އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 278 މީހުން ކޮޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 126 މީހުންނަކީ ދިވެހިންނެވެ، އަދި 152 މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް 17 މީހަކު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ ހަމައެކަނި މާލެއިންނާއި އަތޮޅު ތެރެއިން ފެނުނު މީހުންނަށެވެ. މިރޭ ވަނީ ކޮވިޑް-19 ގައި ރާއްޖޭން ފުރަތަމަ ފަހަރަށް މީހަކު މަރުވެފަ އެވެ.
މާލޭގެ އިތުރަށް ހއ. އުލިގަމާއި ށ. ނަރުދޫ އާއި މިލަންދޫ އަދި ކ. ތުލުސްދޫއިން މި ބަލި ވަނީ ފެނިފަ އެވެ.