ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި 15،000ރ އަށް ވުރެ އިތުރަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުންފުނިތަކުގެ ކޭޝްފްލޯ އަށް އަަސަރުކުރާނެތީ ހަރަދުތައް ކުޑަކުރުމަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެންނަންޖެހޭ ކަމަށެވެ. މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، އަންނަ މަހުގެ 5 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވަން ވަނީ އަންގައިފަ އެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނައިރު ބަލަންޖެހޭ ކަންތައްތައް ވެސް ފިނޭންސުން ވަނީ މި ސާކިއުލާގައި ހިމަނައިފަ އެވެ. އެގޮތުން 15،000ރ. އަށްވުރެ ކުޑަ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރުމަށް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މުސާރަ ކުޑަކުރާ މީހުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ މީހުންގެ އަތުން ބޮޑު އަދަދެއް އުނިކުރާ އުސޫލުން މުސާރައިން އުނިކުރަން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް މުސާރަ ކުޑަކުރުމަށް ފަހު ވެސް ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ އެހެން މަގާމުތަކަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

މިކަންކަމަށް ބެލުމަށް ފަހު ކުންފުނިތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ރިޕޯޓުތަކަށް ބަލައި އެ މުސާރައިގެ އޮނިގަނޑު ތަންފީޒު ކުރެވޭނީ މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.

ރާއްޖޭގައި މިހާރު ސަރުކާރު ހިއްސާވާ 32 ކުންފުނި އޮވެ އެވެ. މީގެ ތެރޭގައި އެސްޓީއޯ އާއި ވެމްކޯ އާއި ބީއެމްއެލް އާއި ދިރާގާއި އެމްޕީއެލް އަދި އެމްއޭސީއެލް ފަދަ ކުންފުނިތައް ހިމެނެ އެވެ.