01 މެއި 2020 - 12:34

ބޭނުންކޮށް ރަނގަޅު ހާލަތުގައި ހުއްޓަސް ގިނަ ފަހަރަށް އެ އެއްޗެހި އުކާލަނީ އެވެ. ކުންޏަށް ހަދައި، އެ އުކާލުމުގެ ބަދަލުގައި އަލުން ބޭނުން ހިފާނެ ބަޔަކަށް އެ އެއްޗެއް ހަދިޔާކުރުން މުހިއްމެވެ. އެކަމަށްޓަކައި ޒަމާނީ ހައްލެއް މިހާރު އެބަ އޮތެވެ: "ގިވްއަވޭ" ފޭސްބުކް ޕޭޖެވެ.
ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރުން ފެށިގެން އަންނައުނު ހަދިޔާކުރަން ވެސް ކޮންމެ ދުވަހަކު، އެތައް ބަޔަކު އެ ޕޭޖުގެ ބޭނުން މިހާރު ގެންދަނީ ހިފަމުންނެވެ.
މިކަން ކުރަމުން އަންނަނީ ކުޑަ އާއިލާއަކުންނެވެ. އެކަމަކު އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންނާ ހިއްސާކުރާކަށް ބޭނުމެއް ނުވެ އެވެ.
ގިވްއަވޭ ޕޭޖް ހިންގަން އުޅޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އެއްޗެހި ހަދިޔާކުރަން އެފަދަ ޕޭޖެއް ހެދުމުގެ ވިސްނުން އައީ އޭނާގެ ކުޑަ ދަރިފުޅުގެ އަންނައުނު ކަހަލަ އެއްޗެހި ވަރަށް އަވަހަށް ކުޑަވެ، އެ ފޮރުވާފައި ބަހައްޓަން ޖެހުމުންނެވެ. އެ އެއްޗެހި ބެހެއްޓުމުގެ ބަދަލުގައި މީހަކަށް ބޭނުން ކުރެވިދާނެ ކަމަށް އޭނާއަށް ވިސްނުނެވެ. އެކަމަކު ދޭނެ މީހެއް ނޭނގޭތީ ފޭސްބުކްގައި ހާއްސަ ޕޭޖެއް ހެދީ ކަމަށް، ބުންޏެވެ.
މިދިޔަ ޖުލައި މަހު ހެދި ޕޭޖުގައި މިހާރު ދުވާލަކު 8-10 ޕޯސްޓް ޖަހަ އެވެ. މި މުއްދަތުގެ ތެރޭގައި އެ ޕޭޖަށް 11،700 ލައިކްސް ލިބިފައިވެ އެވެ.
ގިވްއަވޭ ޕޭޖު މެދުވެރިކޮށް އެއްޗެއް ހަދިޔާކުރަން ބޭނުން ނަމަ، ހަދިޔާކުރަން ބޭނުންވާ އެއްޗެއްގެ މައުލޫމާތު ޕޭޖު މެދުވެރިކޮށް، މެސެޖަކުން، ފޮނުވޭނެ އެވެ. ނޫން ނަމަ އަމިއްލައަށް ވެސް ޕޭޖުގައި ޕޯސްޓެއް ގޮތަށް ޖެހޭނެ އެވެ.
ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް އެއްޗެއް ހަދިޔާކުރެވޭނެ އެވެ. އެކަމަކު ހަވާލުވާ ފަރާތުން، އެ ތަކެއްޗާ ހަވާލުވެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް، ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެހެންވެ ޕޭޖުގެ މަގުސަދަކަށް ވެފައިވަނީ ތަކެތި ހަދިޔާކުރާ މީހާ އާއި އެ ބޭނުންވާ މީހާއާ ދެމެދު ލިންކެއް އަޅައިދިނުމެވެ.
ކުޑަކުދިންގެ އަންނައުނާއި ފައިވާނާއި ބޫޓާއި ގޭގައި ހިފާގެންގުޅޭ ތަކެތި ހަދިޔާކުރަން ވެސް ގިނަ ބަޔަކު ޕޯސްޓްތައް ޖަހާފައި ހުރެ އެވެ. އެއިން ކޮންމެ އެއްޗަކަށް ވެސް ގިނަ ކޮމެންޓްތަކެއް ލިބެ އެވެ. އެހެންވެ ހަދިޔާ ދޭނެ ފަރާތެއް ކަނޑައަޅަނީ، އެ އެއްޗެއް ހަދިޔާކުރާ މީހާ އެވެ.
"ގިނަ ފަހަރަށް އެންމެ ފުރަތަމަ ރިކުއެސްޓް ކުރާ މީހާއަށް ލިބެނީ. އެއްޗެއް ޕޯސްޓް ކުރީމަ ކޮމެންޓުގައި ރިކުއެސްޓް ކުރާނީ. އޭރުން ހަދިޔާކުރާ ފަރާތުން އެމީހަކަށް ޕްރައިވެޓް މެސެޖުކުރާނެ،" އޭނާ ބުންޏެވެ.
އަލުން ބޭނުން ހިފޭ ކޮންމެ އެއްޗެއް ވެސް، ޕޭޖް މެދުވެރިކޮށް، ހަދިޔާކުރެވިދާނެ އެވެ. ނަމަވެސް ފައިސާގެ އެހީ ދޭކަށް، ޕޭޖް ހިންގާ ފަރާތުން ހިތްވަރެއް ނުދެ އެެވެ.
އޭނާ ބުނިގޮތުގައި މިހާތަނަށް އެންމެ ގިނައިން ގިވްއަވޭ ޕޭޖް މެދުވެރިކޮށް ހަދިޔާކޮށްފައި ވަނީ އަންނައުނެވެ.
"މިހާތަނަށް ވަރަށް ބައިވަރު ތަކެތި، އެކި ފަރާތްތަކުން އެބަހުރި ޕޭޖް މެދުވެރިކޮށް ހަދިޔާކޮށްފައި،" އޭނާ ބުންޏެވެ.