30 އެޕްރީލް 2020 - 13:42

ކޮލަމްބޯ (އެޕްރީލް 30) - ސްރީ ލަންކާ ޕާލަމެންޓް މިދިޔަ މާޗް މަހު އުވާލާފައިވާތީ، ހުކުރު ދުވަހުން ފެށިގެން ސަރުކާރަށް ޚަރަދު ކުރެވޭނެ ގޮތެއް ނެތި މަގުތައް ބަންދުވެއްޖެ އެވެ.
ލަންކާ ޕާލަމެންޓް މާޗް މަހު 3 ވަނަ ދުވަހު އުވާލުމަށް ފަހު ރައީސް ގޯޓާބޭ ރާޖަޕަކްސާ ނިންމަވާފައި ވަނީ އެޕްރީލް 25 އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެން ފެށުމުން އިންތިޚާބު މިހާރު ވަނީ ޖޫން މަހަށް ފަސްކޮށްފަ އެވެ.
ނަމަވެސް ގާނޫނީ ގޮތުން މިހާރު ދިމާވެފައިވާ މައްސަލައަކީ ޕާލަމެންޓް ރިސެސްގައި އޮވެ ހުކުރު ދުވަހުން ފެށިގެން ސަރުކާރަށް ޚަރަދު ކުރުމުގެ ހުއްދަ ނެތުމެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން މިހާރު އަންނަނީ ވީހާވެސް އަވަހަކަށް ޕާލަމެންޓުގެ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
އިިދިކޮޅު މެންބަރެއް ކަމަށްވާ އަދި ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވަނީ މާލީ ގޮތުން ބޮޑު މައްސަލަގަނޑަކުން ސަލާމަތްވުމަށް، 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވައިފަ އެވެ.
"އެކަން ނުކުރެވިއްޖެ ނަމަ، ބޮޑު ބަލިމަޑުކަމެއް ފެތުރޭ ދުވަސްވަރެއްގައި، ބޮޑު މައްސަލަ ގަނޑަކަށްވާނެ،" ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އަށް ފޮނުއްވި ސިޓީއެއްގައި ސަމަރަވީރާ ވިދާޅުވި އެވެ.
ޕާލަމެންޓް އުވާލުމުގެ ކުރިން ވަނީ އެޕްރީލް 30 އާ ހަމައަށް ސަރުކާރުން ޚަރަދު ކުރުމުގެ ހުއްދަ ދީފަ އެވެ. ނޮވެމްބަރު މަހު ވެރިކަމަށް އައި ލަންކާގެ އާ ސަރުކާރުން މި އަހަރުގެ ބަޖެޓް އަދި ހުށަހަޅައިފައެއް ނުވެ އެވެ. ސަރުކާރުން ބޭނުންވީ ޕާލަމެންޓުގެ އާ އިންތިޚާބު ބާއްވާ ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ހޯދާށެވެ.
ބޮޑުވަޒީރު ރާޖަޕަކްސާ މިހާރު މަސައްކަތް ކުރައްވަނީ އުވާލި ޕާލަމެންޓުގެ ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވޭތޯ އެވެ.